ޚިޔާލު / ދީން

އިސްލާމީ އާއިލީ ނިޒާމުގައި ކައިވެނީގެ މަފްހޫމު

ރީތި ތާރީހެއްގައި ކައިވެނި ކުރި ދެ މީހަކު ފެމިލީ ކޯޓަށް ކޯޓަށް ވަންނަން ދަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

އިންސާނިއްޔަތަށްޓަކައި ވަރަށް ފުރިހަމަ ޢާއިލީ ނިޒާމެއް އިސްލާމް ދީނުގައި ތައާރަފު ކޮށްދެ އެވެ. މި ނިޒާމުގެ ތަފްސީލުތަކަށް ދިއުމަށްޓަކައި އެންމެ ފުރަތަމަ އެނގެން ޖެހޭ އެއް ކަމަކީ ޢާއިލާއެއް އުފެދޭ ގޮތް ކަމަށްވާ ކައިވެނީގެ މަފްހޫމު އިސްލާމީ ނަޒަރުން ދެނެގަތުމެވެ. އިސްލާމީ ނަޒަރުން ބަލާއިރު ކައިވެންޏަކީ ފިރިހެނަކާއި އަންހެނަކާ ދެމެދު ދާއިމީ ގޮތެއްގައި ދެމިގެންދާ ގޮތަށް ޝަރުޢީ ހުކުމްތަކުގެ މައްޗަށް ބިނާކޮށްގެން ގުޅުވާލެވޭ ގުޅުމެކެވެ. މި ގުޅުން އުފެދިގެންދަނީ ޝަރުޢީ ގޮތުން ތަފުސީލު ކުރެވިފައިވާ ހުކުމްތަކެއްގެ އަސާސްގެ މަތީގައި ޒަވާޖީ ހަޔާތް ކުރިއަށް ގެންދިއުމަށް، ކައިވެނިވާ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވިގެންދާ އީޖާބަކާއި ގަބޫލަކުންނެވެ.

ވީމާ އިސްލާމް ދީނުގައި ކައިވެނީގެ ގުޅުމެއް އުފެދެނީ އެންމެ ފުރަތަމަ މި ގުޅުމަށް ދެ ފަރާތުން ރުހި ގަބޫލު ވެގެން އެކަމަށް ޢަހުދު ވެގެންނެވެ. ޝަރުޢީ ހުކުމްތަކާ އެއްގޮތްވާ ގޮތުގެ މަތިން ގުޅޭ މި ގުޅުން އިސްލާމްދީނުގައި ސިފަކުރަނީ ގަދަވެގެންވާ ޢަހުދެއްގެ ގޮތުގަ އެވެ. މާތް ﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ "އަދި އެކަނބަލުންވަނީ ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ ޢަހުދު ހިފައިފަ އެވެ." (އައްނިސާއު 21).

ހަމައެއާ އެކު މި ގުޅުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަ ކަމުން އިންސާނުންގެ ނަފްސުތަކުން އެ އިންސާނުންނަށްޓަކައި އަނބިން ހައްދަވައި އެ އަނބިންގެ ފަރާތުން ހަމަހިމޭންކަން ލިބޭނެ ގޮތް މެދުވެރި ކުރެއްވި އެވެ. މިކަމަށް މަގުފަހި ކުރުވުމުގެ ގޮތުން ދެމަފިރިންގެ މެދުގައި ލޯތްބާއި އޯގާވެރިކަން އެކަލާނގެ ލެއްވި އެވެ. (އައްރޫމް 21).

ވީމާ މިއިން އެނގެނީ އިސްލާމީ ނަޒަރުން ކައިވެނީގެ މަފްހޫމުގައި ކައިވެނީގެ ގުޅުން އޮންނާނީ ފިރިހެނަކާއި އަންހެނަކާ ދެމެދުގައި ކަމެވެ. މި ނޫން ގޮތަކަށް ކައިވެންޏެއް ނުކުރެވޭނެ ކަމެވެ. ކައިވެނީގެ ތަފާތު ވައްތަރުތައް ކަމަށް ދައުވާކޮށް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިރިހެނަކާއި ފިރިހެނަކާ ދެމެދު ނުވަތަ އަންހެނަކާއި އަންހެނަކާ ދެމެދު ނުވަތަ އިންސާނަކާއި ހައިވާނަކާ ދެމެދު އެ ކުރަނީކީ ކައިވެންޏެއް ނޫނެވެ. މިފަދަ ގުޅުންތައް އިސްލާމްދީނުގައި ޙަރާމްވެގެން ވެ އެވެ. އެހެނީ ކައިވެނީގެ އެންމެ މުހިންމު މަގުސަދަކީ ދުނިޔެ ނިމެންދެން ބިމުގެ ޚަލީފާކަން ކުރުމުގެ މަތީ ދެމިތިބޭނެ އިންސާނީ ނަސްލު ދެމެހެއްޓުމެވެ.

އެއްވެސް އަންހެނަކަށް އޭނާ ކައިވެނި ކުރަން ބޭނުން ނުވާ މީހަކާ ކައިވެނި ކުރަން އެއްވެސް ސިފައެއްގައި މަޖުބޫރު ކުރުން ހުއްދަ ނުވާނެ އެވެ. އެހެނީ ކައިވެނި ކުރާއިރު އަންހެނާގެ އިޒުނަ ހޯދުމަށާއި އަނެހެނެއްގެ ރުހުމާ ނުލައި ކައިވެނި ކުރަން އޭނާގެ ބައްޕަ އަށް ވިއަސް މަޖުބޫރު ނުކުރެވޭނެކަން ދަލީލުކުރާ އެތައް ހަދީސްތަކެއް ހުރުމުންނެވެ

މި އިޝާރާތް ކުރި ފަދަ ގުޅުންތަކުން މި މަގުސަދު ހާސިލެއް ނުވާނެ އެވެ. ހަމަ މިއާ އެކު، އިންސާނީ ނަސްލު ދެމިގެންދާ ގުޅުން ކަމުގައިވާ އަންހެނަކާއި ފިރިހެނަކާ ދެމެދު އޮންނަ ގުޅުމަކީ ވެސް މުސްލިމުން ކަމުގައިވާ ނަމަ ޝަރުއީ ހަމަތަކުގެ މަތީގައި ކުރާ ކައިވެންޏަކުން އުފެދޭ ގުޅުމަކަށް ވާން ޖެހެ އެވެ. މިހެންވެ އިސްލާމީ ޝަރީޢަތުގައި ކައިވެނި ޙަލާލު ކުރުމާ އެކު، ޒިނޭ އާއި ލިވާޠާއި ސިޙާޤު ޙަރާމް ކުރައްވާފައި ވެ އެވެ.

ލިވާޠަކީ ފިރިހެނަކު ފިރިހެނަކާ އެކު ޖިންސީ ޝަހުވަތް ފުއްދުމެވެ. ސިޙާޤަކީ އަންހެނަކު އަންހެނަކާ އެކު ޖިންސީ ޝަހުވަތް ފުއްދުމެވެ. އަދި އިންސާނާގެ އަބުރު ރައްކާތެރި ކުރުމަށްޓަކައި ކޮންމެ މީހަކު ވެސް ލަދުވެތި ގުނަވަން ރައްކާތެރި ކުރަން ޖެހެ އެވެ. މި ކަންކަމާ ގުޅުން ހުރި ވަރަށް ގިނަ ދަލީލުތައް ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ތަފުސީލުކޮށް ބަޔާން ވެގެން ވެ އެވެ.

އިސްލާމީ ނަޒަރުން ކައިވެނީގެ މަފްހޫމުގައި ހިމެނޭ އަނެއް މުހިންމު ކަމަކީ އެ ގުޅުމަކީ ދާއިމަށް ދެމިގެންދާ ގޮތަށް ގުޅޭ ގުޅުމަކަށް ވުމެވެ. އެއްވެސް ހާލެއްގައި އެއީ ވަގުތު ކަނޑައަޅައިގެން ވަކި މުއްދަކަށް ކުރާ ކަމެއްގެ ގޮތުގައި ކުރުން ހުއްދަ ކަމެއް ނޫނެވެ. އެއީ "ތަޒުވީޖު" (ކައިވެނި ކުރުވުން) ގެ ލަފުޒު ބޭނުންކޮށްގެން ވިއަސް ނުވަތަ "މުތުޢާ" (އުފާ ހޯދުން) ގެ ލަފުޒު ބޭނުންކޮށްގެން ވިއަސް މެ އެވެ.

ﷲ ރުއްސުންލެއްވި ސަބްރަތުލް ޖުހަނީގެ ކިބައިން ރިވާވެގެންވާ ހަދީސެއްގައި ވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. "އޭ، މީސްތަކުންނޭވެ! އަންހެނުންގެ ކިބައިން ތިޔަބައިމީހުން "އުފާ ހޯދުމަށް" (އެބަހީ މުތުޢާ ކައިވެނި ކުރުމަށް) ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އިޒުނަ ދެއްވީމެވެ. ނަމަވެސް (މިހާރު) ﷲ ވަނީ އެކަން ޤިޔާމަތާ ޖެހެންދެން ހަރާމް ކުރައްވައިފަ އެވެ. ތިޔަބައިމީހުން ކުރެ މީހަކަށް އެކަނބަލުންގެ ފަރާތުން ކަމެއް އޮތް ނަމަ ފަހެ އެ މަގު ދޫކޮށްލާށެވެ! އަދި މުތުޢާގެ ގޮތުގައި (ރަނުގެ ގޮތުގައި) އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ އެއްޗެއް އަނބުރާ އަތުނުލާށެވެ! (އަޙުމަދާއި މުސްލިމް). އިސްލާމީ ނަޒަރުން ކައިވެނީގެ މަފްހޫމުގައި ހިމެނޭ އަނެއް ކަމަކީ އަންހެނާގެ ރުހުމާއި ހުއްދައާ ނުލައި ކައިވެނި ސައްހަ ނުވުމެވެ.

ކައިވެނީގެ ރަސްމިއްޔާތެއްގައި ނަގާފައިވާ ފޮޓޯއެއް: ވަކި މުއްދަތަކަށް ކަމަށް ކަނޑައަޅައިގެން ކައިވެންޏެއް ނުކުރެވޭ.

އެއްވެސް އަންހެނަކަށް އޭނާ ކައިވެނި ކުރަން ބޭނުން ނުވާ މީހަކާ ކައިވެނި ކުރަން އެއްވެސް ސިފައެއްގައި މަޖުބޫރު ކުރުން ހުއްދަ ނުވާނެ އެވެ. އެހެނީ ކައިވެނި ކުރާއިރު އަންހެނާގެ އިޒުނަ ހޯދުމަށާއި އަނެހެނެއްގެ ރުހުމާ ނުލައި ކައިވެނި ކުރަން އޭނާގެ ބައްޕަ އަށް ވިއަސް މަޖުބޫރު ނުކުރެވޭނެކަން ދަލީލުކުރާ އެތައް ހަދީސްތަކެއް ހުރުމުންނެވެ. ވަރަށް ގިނަ ބޭކަލުން ރިވާކުރައްވާފައިވާ ހަދީސެއްގައި ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާފައި ވަނީ ބިކުރުވެރި (ކުރިން ކައިވެނި ކޮށްފައި ނުވާ) އަންހެނެއް ނަމަ އޭނާގެ އިޒުނަ ހޯދައިގެން މެނުވީ އަދި ޘައްޔިބު (ކުރިން ކައިވެންޏެއް ކޮށްފައިވާ) އަންހެނެއް ނަމަ އޭނާގެ އަމުރު ހޯދައިގެން މެނުވީ ކައިވެނި ނުކުރުވުމަށެވެ. އެހެން ހަދީސެއްގައި ވަނީ ކައިވެނި ކުރުމުގައި ޘައްޔިބަކަށް އޭނާގެ ވަލީވެރިޔާ އަށް ވުރެ އޭނާގެ ނަފްސު ހައްގުކަން ބޮޑު ކަމަށެވެ. ބިކުރެއް ނަމަ އޭނާގެ ބައްޕަ އޭނާގެ ފަރާތުން އެކަމަށް އިޒުނަ ހޯދުމަށެވެ. މިކަމުގައި އެ އަންހެނާ ހަނުހުރުން އެކަނި ވެސް އެއީ އިޒުނަ ލިބުން ކަމުގައި އެކަލޭގެފާނު ވަނީ ބަޔާން ކުރައްވައިފަ އެވެ. (އަޙުމަދާއި މުސްލިމް)

މިކަން ޢަމަލީ ގޮތުން ކީރިތި ރަސޫލާ ﷺ ވަނީ ތަންފީޒު ވެސް ކުރައްވައިފަ އެވެ. ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވާ ގޮތުގައި ބިކުރުވެރި ޖާރިޔާއަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް، އޭނާގެ ބައްޕަ އޭނާ ނުރުހޭ މީހަކާ ކައިވެނި ކޮށްދިން ކަމުގެ ޝަކުވާ ކުރި އެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ އެ ޖާރިޔާ އަށް އިޚުތިޔާރު ދެއްވި އެވެ. ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ޒުވާން އަންހެނަކު އެކަމަނާ އަރިހަށް އައިސް ވިދާޅުވި އެވެ. "ތިމަންގެ ބައްޕާފުޅު، އޭނާގެ އިޖުތިމާއީ މަގާމު މަތިކުރުމަށްޓަކައި އޭނާގެ އަޚުގެ ދަރިއާ ތިމަން ކައިވެނި ކުރުވައިފި އެވެ. އެއީ ތިމަން އެކަމާ ނުރުހި ވަނިކޮށެވެ." ދެން ޢާއިޝަތުގެފާނު ވިދާޅުވި އެވެ. ކީރިތި ރަސޫލާ ﷺ ވަޑައިގަންނަވަންދެން އިށީނދެވަޑައިގަންނަވާށެވެ. ދެން ފަހެ، ކީރިތި ރަސޫލާ ﷺ ވަޑައިގަތުމުން މި ވާހަކަ ދެންނެވުމުން އެ އަންހެނާގެ ބައްޕަ އަރިހަށް ފޮނުއްވައި އެކަމުގައި ގޮތް ކަނޑައަޅަން އެ އަންހެނާ އަށް އެކަލޭގެފާނު ފުރުސަތު ދެއްވި އެވެ. އެ ހިނދު އޭނާ ވިދާޅުވިއެވެ. "އޭ، ﷲ ގެ ރަސޫލާއެވެ! ހަމަކަށަވަރުން ތިމަންނާގެ ބައްޕަ ތިމަންނާއާ މެދު ކުރެއްވި ކަންތައް ތިމަން ބަލައިގެންފީމެވެ. ނަމަވެސް ތިމަން ބޭނުންވީ މިކަމުގައި އަންހެނުންނަށް ލިބިގެންވާ ހައްގު އަންހެނުންނަށް އަންގައިދިނުމެވެ. (އައްނަސާއީ)

އިސްލާމީ ނަޒަރުން ކައިވެނީގެ މަފްހޫމުގައި ހިމެނޭ އަނެއް މުހިންމު ކަމަކީ ޣައިރު ޝަރުޢީ ގުޅުންތައް ޙަރާމް ވުމެވެ. އެބަހީ ކައިވެނި ޝަރުޢީ ހަމަތަކަށް ފެތުން ލާޒިމުވުމެވެ. އެހެނީ އަންހެނަކާއި ފިރިހެނަކު ގުޅެން އަދި ޢާއިލާއެއް ބިނާކުރަން އޮންނަ ހަމައެކަނި ޝަރުޢީ މަގަކީ ކައިވެނި ކަމަށް ވުމެވެ. ކައިވެނީގެ ބޭރުން ދަރިން ހޯދުމާއި އެކަމަށް މަގުފަހިވާ ހުރިހާ ކަމެއް އިސްލާމް ދީނުގައި ވަނީ ހަރާމް ކުރައްވައިފަ އެވެ. ހަގީގަތުގައި ހުރިހާ ސަމާވީ ދީންތަކުގައި ވެސް ކައިވެނީގެ ގުޅުމަކީ ﷲ ގެ ޝަރީޢަތުގެ މަތީ ބިނާކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އިލާހީ އިރުޝާދުތަކަށް ތަބާ ނުވާ މީހުން އެ މީހުންގެ ޝަހުވަތްތައް ފުއްދުމާއި ދަރިން ހޯދައި ނަސްލު އިތުރު ކުރުމުގައި އެ ގުޅުމަކީ ޝަރުއީ ހަމަތަކަށް ފެތޭ ކައިވެންޏެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އޮންނަ ކަމެއް ނޫނެވެ. މިއީ އިސްލާމްދީން ހުއްދަ ކުރާނެ ގޮތެއް ނޫނެވެ.

ވީމާ އިސްލާމީ ނަޒަރުން ކައިވެނި ފަހުމްވާން ޖެހޭނީ މި ދެންނެވި ކަންކަމުގެ އަލީގަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔުންތެރިއެއ

13 July 2024

ކިޔުންތެރިއެއްގެ ހައިސިއްޔަތުން ޑރ.ސައުދުﷲގެ އަރިހުން އެދެނީ ކީރިތި ރަސޫލާ އާއިޝަތުގެފާނާ ކުރެއްވި ކައިވެނިފުޅުގެ މައްޗަށް އަލިއަޅުވާލާ ލިއުމެއް ގެނެސް ދިނުން..އެހެނީ މިހާރު ނޫހުގަ ވ.ގިނައިން ހުރޭ އެކައިވެނިފުޅާ ގުޅުވާ މަލާމާތާ ފުރައްސާރަ ކޮށްފަ ހުންނަ ކޮމެންޓުތައް ޝާއިއު ކޮށްފަ..މިކަމަކީ މުސްލިމުންގެ ނަމުގަ ތިބެ ބައެއް މީހުން ކުރާ ވ.ދަށުދަރަޖައިގެ ބަލައިނުގަނެވޭނެކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454