"މިހާރު" ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް

މިއީ "މިހާރު" ގެ ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް އެވެ. "މިހާރު" ގެ ނޫސްވެރިން މަސައްކަތް ކުރާނީ އިސްލާމް ދީނާއި، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

"މިހާރު" ނޫސް ކުރިއަރުވައި ނޫސްވެރިކަމުގެ މަސައްކަތް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށްޓަކައި "މިހާރު" ގެ ނޫސްވެރިން ތިރީގައިވާ ތިން އަމާޒަށް އަބަދު ވެސް އިސްކަން ދޭނެ އެވެ.

ހަގީގަތް
އިންސާފުވެރިވުން
ނުފޫޒެއްގެ ދަށުގައި ނުވުން

މި ހަމަތަކުގައި ހިފެހެއްޓުމަށްޓަކައި "މިހާރު" ގެ ނޫސްވެރިން ގަބޫލުކުރާ މިންގަނޑުތަކަކީ:

ޚަބަރާއި މައުލޫމާތު ގެނެސްދޭނީ ވީ އެންމެ ބޮޑަށް ހަގީގަތާ އެއްގޮތަށެވެ. އޮޅުން އަރާ ނުވަތަ ޔަގީންކަމެއް ނެތް މައުލޫމާތެއް ނުހިމަނާނެ އެވެ. އަދި ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އެ ޚަބަރަކާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މައުލޫމާތު ގެނެސްދޭނެ އެވެ.

"މިހާރު" ގެ އެއްވެސް ނޫސްވެރިއެއް ސިޔާސީ ޕާޓީއެއްގައި ބައިވެރިއެއް ނުވާނެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ހިންގާ އެއްވެސް ހަރަކާތެއްގައި ވެސް ބައިވެރިއެއް ނުވާނެ އެވެ.

"މިހާރު" ގެ ނޫސްވެރިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާއިރު ވެސް ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް ނުވަތަ ސިޔާސީ ވަކި ފިކުރަކާ ދެކޮޅަށް މަސައްކަތެއް ނުކުރާނެ އެވެ.

މައުލޫމާތު ދޭ ފަރާތުގެ ނަން ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، "މިހާރު" ގައި ލިޔާ ލިޔުންތަކާއި ރިޕޯޓްތަކުގައި މައުލޫމާތު ދޭ ފަރާތުގެ ނަން ހިމަނާނެ އެވެ.

މީހުންގެ ޒާތީ ވާހަކަތައް އާއްމު ކުރާނެ މިންވަރު ނޫސްވެރިޔާ ކަނޑައަޅާނީ މުޖުތަމަޢު އެކަމެއް އެނގެން ބޭނުންވާނެ މިންވަރަށް ބަލައިފަ އެވެ. މުޖުތަމައަށް ކޮންމެހެން އެނގެން ބޭނުން ކަމެއް ނޫންނަމަ، އެފަދަ ވާހަކަތައް ލިޔާނީ އެބައެއްގެ ރުހުން ހޯދައިގެންނެވެ.

ޚަބަރަށް މަޢުލޫމާތު ހޯދާއިރު ތިމާއަކީ ކާކުކަން ނޫސްވެރިޔާ ބުނެދޭނެ އެވެ. މުޖުތަމައުގެ މަސްލަހަތަށްޓަކައި މެނުވީ ކާކުކަން އޮޅޫވާލައިގެން ނޫސްވެރިޔާ މައުލޫމާތެއް ނުހޯދާނެ އެވެ.

ނޫސްވެރިޔާ އިންޓަވިއު ރެކޯޑް ކުރާނީ އިންޓަވިއު ދޭ މީހާއަށް އެނގިގެން އޭނާގެ ރުހުމާ އެކުގަ އެވެ. އިންޓަވިއު ދޭ މީހާއަށް ނޭނގި ރެކޯޑް ކުރާނީ، އިންޓަވިއުދޭ މީހާގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތަކީ މުޖުތަމައުގެ މަސްލަހަތަށްޓަކައި ކޮންމެހެން ހޯދަންޖެހޭ މައުލޫމާތަކަށްވެފައި، އޭނާގެ ފަރާތުން އެ މައުލޫމާތު ހޯދެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާނަމަ އެވެ.

ލިޔުންތަކުގެ ބަހުރުވަ ހުންނާނީ ރީތިކޮށް އަދި ސާފުކޮށެވެ. އަދި ލިޔާނީ ކިޔާ މީހާއަށް އޮޅުން ނާރާގޮތަށް، އެކަމެއް ވީހާވެސް ބޮޑަށް ސާފުވާނެ ހެންނެވެ. ޚަބަރުގައި ނޫސްވެރިޔާ ބޭނުން ކުލައެއް ނުޖައްސާނެ އެވެ.

"މިހާރު" ގައި އެއްޗެއް ލިޔުއްވުމަށް ނުވަތަ ނުލިޔުއްވުމަށް ނުވަތަ އެހެން ގޮތަކަށް ވިޔަސް ނާޖާއިޒު ނުފޫޒެއް ފޯރުވުމުގެ ގޮތުން ނުވަތަ އެހެން ގޮތަކުން ވިޔަސް ދޭ ރިޝްވަރެއް ނޫސްވެރިޔާ ނުހިފާނެ އެވެ. އަދި ނޫސްވެރިކަމުގެ މަސައްކަތުގައި އޭނާއަށް ލިބިފައިވާ އިޚްތިޔާރު އަމިއްލަ ކަމަކަށް ބޭނުމެއް ނުކުރާނެ އެވެ.

ކުޑަކުދިން ކުރާ ނޭދެވޭ އަމަލުތަކުގެ ވާހަކަތައް ލިޔާއިރު އެއީ ކޮން ކުއްޖެއްކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް ނުހިމަނާނެ އެވެ. އަދި ކުޑަކުދިންނަށް ލިބޭ ތަފާތު އަނިޔާތަކާއި ގޯނާތަކުގެ ވާހަކަތައް ލިޔާއިރު، އެކުދިންގެ އިންސާނީ ކަރާމާތާއި އަބުރަށް އުނިކަމެއް އަންނާނޭ ފަދަ ގޮތަކަށް އެކުދިންގެ ވަނަވަރު ހާމައެއް ނުކުރާނެ އެވެ.

އަނިޔާވެރިކަމާއި ޖިންސީ އަދި ބަދުއަޚުލާގީ ކަންތައްތަކަށް ހިތްވަރު ލިބޭ އަދި މަގުފަހިކޮށްދޭ މައުލޫމާތެއް ނުލިޔާނެ އެވެ. އަދި އެއްވެސް ހާދިސާއެއްގައި، މީހުންނަށް ލިބޭ ބޮޑެތި ގެއްލުންތައް ދައްކައިދޭ ފޮޓޯ އާއި ވީޑިއޯއެއް ނުހިމަނާނެ އެވެ.

ލިޔުނު އެއްޗެއްގައި ކުށެއް ވާކަން އެނގިއްޖެނަމަ، ވީހާވެސް އަވަހަކަށް އެ ކުށެއް އިސްލާހު ކުރާނެ އެވެ.

އެހެން މީހުންގެ ލިޔުންތަކާއި މައުލޫމާތު "މިހާރު" ގައި ލިޔާއިރު އެ ފަރާތްތަކަށް ހަވާލާ ދޭނެ އެވެ. އަދި އެހެން ފަރާތެއްގެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހިމަނާނަމަ، އެ ފަރާތަކަށް ހަވާލާ ދޭނެ އެވެ.

ލިޔުންތަކުގައި ބޭނުން ކުރާނީ ވީވަރަކުން އެކަމަކާ ގުޅުން ހުރި ފޮޓޯ އާއި ވީޑިއޯ އެވެ. އަދި ފޮޓޯ އާއި ވީޑިއޯގެ ތައާރަފް ހިމަނާނީ އެ ފޮޓޯއިން ނުވަތަ އެ ވީޑިއޯއިން ފެންނަ ބަޔަކަށް ނުހައްގު ބަދުނާމެއް ނުލިބޭ ގޮތަށެވެ.

"މިހާރު" ގެ ނޫސްވެރިން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރާނީ އެންމެ ޕްރޮފެޝަނަލް އަދި ޒިންމާދާރު ގޮތުގަ އެވެ.

"މިހާރު" ގެ ނޫސްވެރިން އެހެން ނޫސްތަކާއި މީޑިއާތަކާއި ނޫސްވެރިކަމުގެ މަސައްކަތްކުރާ ޕްލެޓްފޯމްތަކުން ގެނެސްދޭ ހަބަރާއި މައުލޫމާތާއި ކޮންޓެންޓްތައް އެއްވެސް ވަސީލަތެއް މެދުވެރިކޮށް ޕްރޮމޯޓް ކުރުމުން ދުރުހެލިވާނެ އެވެ.

ކޯޑް އޮފް އެތިކްސް ބަދަލުކުރުން

މިއީ، "މިހާރު" ނޫސް އުފެދުނުއިރު ތިބި ނޫސްވެރިންގެ މެދުގައި މަޝްވަރާކޮށް އިއްތިފާގު ވެފައިވާ ކޯޑް އޮފް އެތިކްސް އެވެ. މި ކޯޑް އޮފް އެތިކްސްއަށް ބަދަލެއް ގެނެވޭނީ "މިހާރު" ނޫހުގައި އެއިރަކު މަސައްކަތް ކުރާ ފުލްޓައިމް ނޫސްވެރިންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބިގެންނެވެ.

"މިހާރު" ނޫސް އުފެދުނުއިރު ތިބި 24 ނޫސްވެރިން މި ކޯޑް އޮފް އެތިކްސްއާމެދު އެއްބަސްވެ އަމަލުކުރަން ފެށީ

2016 މޭ 24 ވީ އަންގާރަ ދުވަހުގެރޭ

"މިހާރު" އިފްތިތާހު ކުރުމަށް، ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ހަފުލާގަ އެވެ.

24 މޭ 2016