ކުރީގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމަކީ އިގްތިސާދީ ގޮތުން ހިންގި ބޮޑު ޖަރީމާއެއް ކަމަށް ރައީސް ޢަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެއާޕޯޓް ހިންގުން ބޭރުގެ ބަޔަކާ ހަވާލުކުރުމަކީ އިގްތިސާދީ ކުށަކަށް ނުވާ ނަމަ ދެން އިގްތިސާދީ ކުށަކީ ކޮބައި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ."ދައުލަތަކުން އަހަރު ދުވަހުގެ ތެރޭގައި 984 ގެއްލުމަށް ވުރެ ބޮޑު އިކޮނޮމިކް ކްރައިމެއް ނޯންނާނެ. އެކަމަކު މިއީ ވެސް ދައުލަތަކުން އަޅާފައިވާ ފިޔަވަޅެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން، ދިވެހިންގެ ފަހުރެއް ކަމަށް ދެކޭ އެއާޕޯޓް ކުއްޔަށް ދީގެން އަހަރު ދުވަސްތެރޭގައި ލިބުނީ އެންމެ 16 މިލިއަން ރުފިޔާ އެވެ. އެކަމަކު އެއީ އެންމެ އާދައިގެ ވިޔަފާރިއަކުން ވެސް އަހަރު ދުވަސްތެރޭގައި ލިބޭނެ މިންވަރެއް ކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

"އޭގެ އެއް އަހަރު ފަހުން އެއާޕޯޓުގެ މުޅި މެނޭޖްމަންޓާ އެމްއޭސީއެލް އިން ހަވާލުވެގެން ދިޔައިރު، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެއް ބިލިއަން ރުފިޔާ ނުވަތަ އެއްހާސް މިލިއަން ރުފިޔާ. އަދި މިއަދު އަޅުގަނޑުމެން އަމާޒު ހިފާފައި ވަނީ އެ އަދަދު ޑޮލަރުން ގެނެވޭތޯ،" ރައީސް ވިދާޅުވި އެވެ.ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓަށް އެހާ ބޮޑުކުރިއެރުމެއް ލިބެން ފެށީ އެތަން ހިންގަން ލަފާދޭން ވަރަށް ވަރުގަދަ ބޯޑަކާއި ރަނގަޅު ސީއީއޯއެއް އަދި ސީއީއޯއާއެކު މަސައްކަތްކުރާނެ ވަރުގަދަ ޓީމެއް އޮތުމުން ކަމަށެވެ.

ސިންގަޕޫރަށް އައިސްފައިވާ ކުރިއެރުމާއި ތަރައްގީއަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިންގަޕޫރަކީ މި ޒަމާނުގެ އިގްތިސާދެ ރަނގަޅު މޮޑެލެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ ޓާމިނަލް ތިނެކަށްފަހު ހަތަރު ވަނަ ޓާމިނަލް އަޅައި ކުރިޔަށް އޮތް ތިން ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ."އެ މީހުންގެ ވިސްނުން ހުންނަނީ އަބަދުވެސް ވިއްސަކަށް އަހަރަށް އެއާޕޯޓްގެ އެކްސްޕޭންޝަނަށް. އެ މީހުންގެ އިގްތިސާދުގެ ވެސް އެންމެ ވަރުގަދަ އެއް ބިނާކަމުގައި ދެކިގެން މަސައްކަތްކުރަނީ. އެގޮތުން އަޅުގަނޑުމެންނާ މާބޮޑު ތަފާތެއް ނެތް. އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ އިގްތިސާދުގެ މައިބަދަ ކަމަށް އަޅުގަނޑުމެން މި ގަބޫލްކުރާ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވެން އޮތް ހިދުމަތެއް މި ދެވެން އޮންނަނީ އެއާޕޯޓް ތަރައްގީކޮށްގެން،" ރައީސް ޔާމީން ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އެ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދީ ތަސައްވަރުގެ އުއްމީދުގެ ފެށުން ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި އިގްތިސާދުގެ ދުވެއްޔާއި ވިސްނުން ބިނާވެފައި އޮތީ މި އެއާޕޯޓާ. ނޫނީ އަޅުގަނޑުމެންގެ މައި ދޮރާށި. އެތެރެއަށް ވަން ކަމަށް ވިޔަސް، ބޭރަށް ދިޔަކަމަށް ވިޔަސް،" ރައީސް ޔާމީން ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރަން ވެސް އެންމެ މުހިންމު މުއައްސަސާއެއްގެ ގޮތުގައި އޮތީ ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލް އަޅަން ބޭނުންވާ ފައިސާގެ ބޮޑު ބައެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ބާކީ ހަމަނުޖެހިއްޖެ ނަމަ ބަޖެޓުން ހަރަދުކޮށްގެން ނަމަވެސް ކުރިޔަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.އެ ރަސްމިއްޔާތުގައި، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓްގެ 50 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައްޔާރު ކުރެވިފައިވާ ހާއްސަ ފޮތެއް ނެރެދެއްވާ، އެމްއޭސީއެލް އިންސްޓިޓިއުޓް ރައީސް ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެމްއޭސީއެލް ބޯޑުގެ ޗެއާމަން ސީއީއޯ އަދި އެމްޑީ ކަން ކުރައްވާފައިވާ ފަރާތްތަކަށް، އެބޭފުޅުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފަ އެވެ.