14 ޖުލައި 2024 - 14:59
ފްލޮރިޑާ (ޖުލައި 14) - މިއަހަރުގެ ކޮޕާ އެމެރިކާ ފައިނަލް މެޗުގެ ކުރިން މުބާރާތުގެ ސެކިއުރިޓީއާ ގުޅިގެން އާޖެންޓީނާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މާދަމާ ހެނދުނު ރާއްޖެ ގަޑިން 5 ޖަހާއިރު ފަށާ މެޗުގައި އާޖެންޓީނާ ނުކުންނާނީ ކޮލަމްބިއާއާ ދެކޮޅަށެވެ. އާޖެންޓީނާ ތަށި ދިފާއު ކުރަން ނުކުންނައިރު ކޮލަމްބިއާ ފައިނަލްގައި މި ކުޅެނީ 23 އަހަރުތެރޭ ފުރަތަމަ ފަހަރަށެވެ.
އާޖެންޓީނާ އިން ކަންބޮޑުވުން ފާޅު ކޮށްފައި މިވަނީ ކޮލަމްބިއާއާ އިން ސެމީ ފައިނަލްގައި އުރުގުއޭ ބަލިކުރި މެޗަށް ފަހު، އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އާއި އިތުރު ކުޅުންތެރިން ސަޕޯޓަރުންގެ ތެރެއަށް ގޮސް ހިނގި ކުރިމަތިލުންތަކުގައި ބައިވެރިވެފައިވެފައިވާ ދަނޑިވަޅެއްގަ އެވެ.
އުރުގުއޭގެ ކެޕްޓަން ޖޯޒޭ ހިމިނޭޒް ބުނީ، ކުޅުންތެރިން އެ މެޗަށް ފަހު ދިިޔައީ ބަޔަކަށް ގެއްލުމެއް ދޭން ނޫން ކަމަށާއި، އެއީ އެތާނގައި ތިބި އެމީހުންގެ އާއިލާ މެމްބަރުންގެ ދިފާއުގައި ކަމަށެވެ. ކުޅުންތެރިންގެ އާއިލާ މެމްބަރުންނަށް އެންމެ އެކަށޭނަ ސެކިއުރިޓީ ފޯރުކޯށް ނުދެވޭ ކަމަށް ބުނެ އުރުގުއޭގެ ކޯޗު މާސެލޯ ބިއެލްސާ ވަނީ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް ފާޑު ކިޔައިފަ އެވެ.
"މާދަމާ ކަން ވާނެ ގޮތަކާ މެދު އަހަރެން ކަންބޮޑުވޭ،" އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުންޏެވެ.
ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވެސް ވަނީ، މުބާރާޓުގެ ސެކިއުރިޓީ މިހާރަށް ވުރެ ރަނގަޅު ވަރުގަދަކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ.
މުބާރާތް އިންތިޒާމް ކުރާ ކޮންމެބޮލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފުޓްބޯޅައިގެ ފޯރި ނަގާލަން ކުރާ އެއްވެސް އަމަލެއް ބަލައި ނުގަންނާނެ ކަމަށެވެ.
އާޖެންޓީނާ ވަނީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. މާދަމާގެ ފައިނަލް ކާމިޔާބު ކުރެވިއްޖެ ނަމަ ސްޕެއިން އަށް ފަހު ޖެހިޖެހިގެން ބައިނަލްއަގުވާމީ ތިން މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފް އާޖެންޓީނާ އަށް ވެސް ލިބޭނެ އެވެ.
އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، 37، އަށް އަނިޔާގެ ސަބަބުން މުބާރާތުގައި އެންމެ އެދެވޭ ކުޅުމެއް އަދި ދެއްކިފައި ނުވެ އެވެ. ނަމަވެސް ފައިނަލުގައި ތަފާތު ވާނެ ކަމަށް މެސީ ބުނެ އެވެ.
"ފައިނަލުގައި އަހަރެން [މިހާރަށް ވުރެ] ރަނގަޅަށް ކުޅޭނަން،" މެސީ ބުންޏެވެ.
ކޮލަމްބިއާ ފައިނަލަށް ނުކުންނަނީ، މިވަގުތަށް ވިދިވިދިގެން އެންމެ ގިނަ ބައިނަލްއަގުވާމީ މެޗު ހަމަކުރި ގައުމުގެ ގޮތުގަ އެވެ. ފައިނަލްގެ ޖާގަ އާއެކު އެޓީމުން ވަނީ ބަލި ނުވެ 28 މެޗު ހަމަކޮށްފަ އެވެ.
ކޮލަމްބިއާގެ ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ވަނީ މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރޭން އޭނާ ވަނީ ހަތަރު މެޗުގައި މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy