ކުޅިވަރު / ޔޫރޯ 2024

ސައުތުގޭޓްގެ އަމާޒު: ޔޫރޯ ކާމިޔާބުކޮށްދީ އިންގްލެންޑަށް އިހުތިރާމު ހޯދައިދިނުން

ފައިނަލް މެޗުގެ ކުރިން އިންގްލެންޑް ޓީމު ފަރިތަކުރުންތަކުގައި.-- ފޮޓޯ: އޭއެފްޕީ

14 ޖުލައި 2024 - 15:05

ބާލިން (ޖުލައި 14) - ޔޫރޯ މުބާރާޓުގެ ފައިނަލްގައި މިރޭ ސްޕެއިންއާ ދެކޮޅަށް އިންގްލެންޑް ނުކުންނަނީ، ތަށި ހޯދައި، ފުޓްބޯޅައިގެ ދުނިޔޭގައި އެ ގައުމަށް ލިބެންވާ އިހުރިރާމު ހޯދައިދޭން ކަމަށް ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓާ އެކު އިންގްލެންޑް މިވަނީ ޖެހިޖެހިގެން ދެ ވަނަ ޔޫރޯ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ކުޅުނު އިރު، ފަހުން ގަތަރުގައި ބޭއްވި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އެވެ.

"އަހަރެން ދަތުރު ކޮށްފިން ވޯލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕްތަކުގައި އޮބްޒާވަރެއްގެ ގޮތުގައި ވެސް، ބޮޑު ސްކްރީންތަކުގައި މެޗުތަކުގެ ހައިލައިޓް ދައްކާއިރު ވެސް އަހަރެމެން ފެންނާކަށް ނުތިބޭ. އެކަން ބަދަލުކުރަން ވެއްޖެ،" ސައުތުގޭޓް ބުންޏެވެ.

"އަހަރެމެންނަށް ބައިވަރު ރެކޯޑްތައް މުގުރިއްޖެ. އެކަމަކު ކޮންމެހެން މަޖުބޫރު ވެއްޖެ ކަމެއް މުބާރާތެއް ކާމިޔާބު ކުރުން. އޭރުން ފުޓްބޯޅައިގެ ދުނިޔޭގައި އަހަރެމެންނަށް ލިބެންވާ އިހުތިރާމުގެ އިހުސާސް ކުރެވޭނީ."

ފައިނަލް މެޗުގެ ކުރިން އިންގްލެންޑް ޓީމު ފަރިތަކުރުންތަކުގައި.-- ފޮޓޯ: އޭއެފްޕީ

އިންގްލެންޑުން ނުކުންނަނީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފުރަތަމަ ފަހަރަށް ތައްޓެއް ހޯދުމުގެ އަޒުމުގަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކޯޗު ސައުތުގޭޓް އަތުން ވަނީ 1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލްގައި ޖަރުމަނާ ވާދަކޮށް ޕެނަލްޓީ ޝޫޓައުޓްގައި އެންމެ މުހިއްމު ޕެނަލްޓީ ނާކާމިޔާބު ވެފަ އެވެ.

މިހާރުގެ އިނގިރޭސި ޓީމަށް ވެސް ނޮކައުޓް މެޗުތަކުގެ ފަހު ވަގުތު ހިތްދަތި ތަޖުރިބާ ކުރަން ޖެހިފައިވެ އެވެ. އެގޮތުން ޔޫރޯ 2020 ގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވި އިރު، 2022 ވޯލްޑް ކަޕުން ކެޓީ ފްރާންސް އާ ވާދަކޮށް އިތުރު ވަގުތު ކުޅެގެންނެވެ.

ގުރޫޕް ސްޓޭޖުގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ގައި އިންގްލެންޑް، ސްލޮވާކިއާ އަތުން ބަލިވާން ދަނިކޮށް ފަހު ވަގުތު ސަލާމަތްވީ ޖޫޑް ބެލިންހަމްގެ އޯވާހެެޑް ކިކަކުންނެވެ. އަދި އިތުރު ވަގުތު ފެށިގެން މިނިޓެއް ނުވަނީސް ހެރީ ކޭން ޖަހައިދިން ގޯލުން ކުއާޓާ އަށް ދަތުރު ކުރި އެވެ.

ކުއާޓާގައި ސްވިޒަލެންޑާ ވާދަކޮށް އިންގްލެންޑް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓައުޓްގައި އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ޕެނަލްޓީއެއް ދިފާއު ވެސް ކޮށްފަ އެވެ. އަދި ސެމީ ފައިނަލްގައި ފަހަތުން އަރައި ނެދަލެންޑްސް ބަލިކުރީ މެޗުގެ އެންމެ ފަހު މިނިޓުގައި ގޯލު ޖަހައިގެންނެވެ.

"މެޗުގައި [ސްޕެއިންއާ ދެކޮޅަށް] ވެދާނެ އެއްވެސް ގޮތަކާ މެދު ޖެހިލުމެއް ނުވޭ. އެއީ އަހަރެން ހުރިހާ ކަމެއް ތަޖުރިބާ ކޮށްފިން. އަހަރެން ބޭނުމީ ކުޅުންތެރިން ޖެހިލުން ކުޑަކަން ސާބިތު ކޮށްދޭން،" ސައުތުގޭޓް ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454