ބްރެޒިލްގެ ކޯޗު ޓީޓޭ: އިއްޔެ އޭނާ އާ މަގުމަތިން ދިމާކޮށް ފޭރިގަތީ ވޯލްޑް ކަޕުން ކެޓުމުން އައި ރުޅީގައި ކަމަށް ބްރެޒިލްގެ މީޑިއާތަކުން ބުނޭ --- ފޮޓޯ: ގެޓީ އިމޭޖަސް
25 ޑިސެމްބަރ 2022 - 08:25
ރިއޯ ޑީ ޖެނީރޯ (ޑިސެމްބަރު 25) - ނިމިދިޔަ ވޯލްޑް ކަޕުން ބްރެޒިލް ކެޓުމުން، އެ މުބާރާޓުގައިޓީމަށް އިރުޝާދު ދިން ކޯޗު ޓީޓޭ އާ މަގުމަތިން ދިމާކޮށް ފޭރިގެންފި އެވެ.
ހަވަނަ ފަހަރަށް ވޯލްޑް ކަޕު ތަށި ކާމިޔާބު ކުރަން ނުކުމެ އެކަން ކާމިޔާބު ނުވުމުން ޓީޓޭ ވަނީ ބްރެޒިލްގެ ކޯޗު ކަމުން އިސްތިއުފާ ދީފަ އެވެ.
ވޯލްޑް ކަޕުން ބްރެޒިލް ކެޓުމުން އެ ކަމާ ހިތްހަމަ ނުޖެހި އޭނާ އާ ދިމާ އަށް ވަރަށް ބާރަށް ހަޅޭލަވައިގަތުމަށް ފަހު ކަރުގައި އޮތް ފަށް ދަމައިގަނެގެން ގެންދިޔައީ އިއްޔެ ހެނދުނު 6 ޖަހާކަން ހާއިރު އޭނާ ހިނގަން ނުކުމެ އުޅެނިކޮށް ރިއޯ ޑީ ޖެނީރޯގެ ގެ މަގުމަތިން ކަމަށް ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. މި ހާދިސާގައި ޓީޓޭ އަށް ހާނިކައެއް ނުވެ އެވެ.
ކުއާޓާ ފައިނަލުގައި ބްރެޒިލަށް ނާކާމިޔާބު ވީ ކްރޮއޭޝިއާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ. އޭގެ ދެ ގަޑިއރު ފަހުން ޓީޓޭ މަގާމުން އިސްތިއުފާ ދިންކަން އިއުލާން ކުރި އެވެ. ބްރެޒިލްގެ ކޯޗު ކަމާ 2016 ގައި ހަވާލުވެ އޭނާ ވަނީ 2019 ގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ބްރެޒިލަށް ހޯދައި ދީފަ އެވެ.
ބްރެޒިލްގެ ކޯޗު ކަމަށް، ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާކާރެއް ގެންދިއުމަށް އެ ގައުމުގެ ފެޑެރޭޝަން، ސީބީއެފް އިން ދަނީ މަސައްކަތް ކުރަމުންނެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮއްޓީ އަށް، ސީބީއެފުން ހުށަހަޅައިފަ އެވެ. ނަމަވެސް އެ ދެ ކޯޗުން ވެސް އެ ހުށަހެޅުމަށް އިޖާބަ ދީފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއްކޮބެ
25 December 2022
ބުރެޒިލް، އާޖެންޓީނާ، އިންގުލެންޑު، އިޓަލީގެ ބޯޅަޓީމުގެ ކޯޗުކަމަކީ ނުރައްކާތެރި މަގާމުތައް. ވަރައް ވިސްނައިގެން ކޯޗުކަމާ ހަވާލުވާންވާނީ. އެހެންނޫނީ.....
ޢަލީ ޙަސަން
25 December 2022
ނަޒީހު ، ސުޒައިން ، ޢަލީ އުމަރު ، ބައްސާމް އަދީލް ޖަލީލް ރަގަޅުވާނެ ކަމަށް މި ބަލަނީ.
ބާސެ
25 December 2022
ބައްސާމު ލާންވީ ބްރެޒިލްގެ ފެޑެރޭޝަނައް އެފް އޭ އެމް ހިންގުމުގަ ބައްސާމު ވަނީ ނަމޫނާ ދައްކާފަ. އަނެއްކާ ކުޑަ ހަރަދަކުން ހިންގާލެވޭނެ. ބައްސާމާ ހަވާލުކުރީމަ އޭނަނޫން އެއްވެސް މީހަކައް މުސާރަ ދޭކައްވެސް ނުޖެހޭނެ ކިހާ ކުޑަ ހަރަދަކުންވާނެ. ގައުމުގެ ރައީސްކަންވެސް ދޭންވީ މީނާއައް.