ރިޕޯޓް / ޕީޕީއެމް

ޕާޓީގެ ކޮންޓްރޯލް ނަގަން ޔާމީން އެ އުޅުއްވަނީ ގަދަބާރުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނު އުފެއްދެވި ކޮމިޓީއާއެކު ޕާޓީގެ ތެރޭގައި ވަނީ ދެބަސްވުން އުފެދިފައި - ފޮޓޯ: މިހާރު

ޕީޕީއެމްގައި އިންތިހާބީ ލީޑަޝިޕަކާއި ސެނެޓެއް އޮވެ އެވެ. އެއީ އިދާރީ އޮނިގަނޑަކާ އެކު ހިނގާ ސިޔާސީ އިދާރާ އެވެ. އެކަމަކު، ރޭ ކުއްލިއަކަށް ޕާޓީން ތެރެއިން ބަޔަކު ނުކުމެ އިއުލާން ކުރީ އެ އޮނިގަނޑުގެ ބޭރުން ސްޓިއަރިން ކޮމިޓީއެކެވެ. އެއީ، ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕާޓީ ހިންގެވުމަށް ކަމަށް ވިދާޅުވެ އުފެއްދެވި ކޮމިޓީއެކެވެ.

މި ކޮމިޓީއާ އެކު ޕާޓީ ތެރޭގައި ދެބަސްވުން އުފެދިފައިވާއިރު ކޮމިޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ވެސް އޮތީ ވަރަށް ބޮޑު ސުވާލެކެވެ.

"އެހެން ކޮމިޓީއެއް ނުހެދޭނެ، މިއީ އިންސްޓިޓިއުޝަނެއް. ހަމަ މަސްމާރުކޭޓް ކައިރީގައި ބަޔަކު ތިބެފައި ވެސް ބުނަންވީ ކޮމިޓީއެއް ހަދައިފީމޭ. އެއީ އުސޫލެއް ނޫން،" ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "މިހާރު" އަށް މިއަދު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ސްޓިއަރިން ކޮމިޓީއެއް ހެދީ އެއްވެސް ގޮތަކަށް ލީޑަޝިޕަށް އެންގުމެއް ނެތި އެވެ. ޕާޓީގައި އިންތިހާބީ ލީޑަޝިޕަކާއި ސެނެޓެއް އޮއްވައި، އޭގެ ބޭރުން ކޮމިޓީއެއް ހަދަން ޕާޓީގެ ގަވައިދު ވެސް ތަން ނުދޭކަން، މި އާ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ކަން ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލީޑަޝިޕުން މިކަން ބަލާނަން. މިކަމުގައި ސެނެޓް މެންބަރުން ބައިވެރިވާ ނަމަ، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާނަން އަދި އޭގެ ފަހުން އަޅަން ޖެހޭ ފިޔަވަޅެއް ވެސް އަޅާނަން،" ޝިޔާމް ވިދާޅުވި އެވެ.

ރޭ އިއުލާން ކުރި ކޮމިޓީގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އޭގެ އިތުރުން، ވަރަށް ހަރަކާތްތެރިކޮށް ކުރީގެ މިނިސްޓަރު ކުރީގެ މުހައްމަދު މަލީހު ޖަމާލާއި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު އައްބާސް އާދިލް ރިޒާ އެވެ.

ޕާޓީގެ ނައިބު ރައީސް ޝިޔާމް: ކޮމިޓީއާ މެދު ވަނީ ނުރުހުން ފާޅު ކުރައްވާފައި -- ފޮޓޯ: މިހާރު

ރޭ އެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ ޕާޓީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ރައީސް ކަމަށާއި ޕާޓީ ހިންގުމަކީ އެމަނިކުފާނަށް ލިބިދޭ ބާރެއް ކަމަށެވެ. އަދި، ކޮމިޓީ އެކުލަވާލެއްވީ ވެސް އަސާސީ ގަވައިދުން އެމަނިކުފާނަށް ލިބިދޭ އިހްތިޔާރުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޕާޓީގެ ރައީސަށް މުތުލަގަށް އެފަދަ އިހްތިޔާރެއް ދޭ މާއްދާއެއް ގަވައިދަކު ނެތެވެ.

އަސާސީ ގަވައިދުގައި ނެތް ބާރަކުން ހެދި ކޮމިޓީއެއް

އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އެންމެ އިސް ގުނަވަންގެ ގޮތުން ޕާޓީ ހިންގުމުގެ ކަންކަން ކުރާނީ ލީޑަޝިޕުންނެވެ. ލީޑަޝިޕަކީ ހަމައެކަނި ރައީސް ނޫން ކަން އެ ގަވައިދުން އެނގެ އެވެ. ލީޑަޝިޕްގައި ހިމެނެނީ ރައީސް އާއި ނައިބު ރައީސުންނާއި ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުން އަދި އެސްޖީ އެވެ.

ރައީސަށް އޮތް ބާރު ވެސް އަސާސީ ގަވައިދުގައި ވަރަށް ސާފުކޮށް ލިޔެފައި އެބައޮތެވެ. އެ މާއްދާގައި ބުނަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ގައުމީ ޖަލްސާގެ ނިންމުންތަކާއި، ޕާޓީގެ ސިޔާސަތުތަކާއި ސެނެޓްގެ ނިންމުންތަކާ އެއްގޮތްވާގޮތުގެ މަތިން ޕާޓީ ހިންގުމެވެ. އެހެންކަމުން، އެ ނޫން ގޮތަކަށް، އަމިއްލަ އަށް ގޮތްތަކެއް ނިންމަވައިގެން ޕާޓީ ހިންގުމުގެ ބާރެއް ޕާޓީގެ ރައީސަށް ވެސް ނެތެވެ.

ސްޓިއަރިން ކޮމިޓީ އަކީ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮމިޓީއެކެވެ. ގަވައިދުގައިވާ ގޮތުން އެ ކޮމިޓީ އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއް/އަވަށެއްގައި ޕާޓީގެ ހަރަކާތްތައް ހިންގާ އެންމެ އިސް ގުނަވަނުގެ ގޮތުގައި، އެ ރަށެއްގައި ތިބި ޕާޓީގެ މެންބަރުން އިންތިހާބު ކުރާ ކޮމިޓީއެކެވެ. އެކަމަކު، ރޭ އެ އިއުލާން ކުރި ކޮމިޓީ އަކީ މިގޮތަށް އިންތިހާބުކުރި ކޮމިޓީއެއް ވެސް ނޫނެވެ.

ކޮމިޓީއެއް އުފެއްދިކަން ޕާޓީގެ ލީޑަޝިޕަށް ވެސް އެނގިފައި ނުވާއިރު އެކަމަކީ ޕާޓީގެ އެސްޖީ އަށް ވެސް އެނގިގެން ކޮށްފައިވާ ކަމެއް ނޫނެވެ. އެސްޖީ މުހައްމަދު ތޮލާލު ވިދާޅުވި ގޮތުގައި، އެފަދަ ނިންމުމެއް ނިންމި ކަން އަންގަައިފައެއް ނެތެވެ. ނަމަވެސް، ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި ޕާޓީގެ އިދާރީ ހުރިހާ ކަމެއް ހިންގައި، އެކަމުގެ އެންމެ އިސް ފަރާތަކީ އެސްޖީ އެވެ.

އެހެންކަމުން "ޔާމީންގެ ކޮމިޓީ"ގެ ގޮތުގައި މިހާރު އޮތް މަލީހާއި އައްބާސް ހިންގަވާ ކޮމިޓީ އަކީ އަސާސީ ގަވައިދުން ބާރު ލިބޭ ތަނެއް ނޫން ކަން ސާފެވެ. ސުވާލަކީ، މިފަދަ ފިޔަވަޅެއް ޔާމީން ކުއްލިއަކަށް އެޅުއްވީ ކީއްވެ ކަމާ މެދު އެވެ.

"އެސްޖީ ވެސް އުޅުއްވަނީ ޕާޓީ އޮފީހަށް ފިލައިގެން، މި ތަނެއް ނުހިނގާ. މިތަނެއް ނުހިންގާ. މެންބަރުންނެއް ނުހޯދާ މެންބަރުންނާ ގުޅުމެއް ވެސް ނެތް. އެކަމަކު ޕީއެންސީގެ ހަރަކާތްތައް އެ ދަނީ ފުޅާ ކުރަމުން،" ރޭ ބޭއްވި ޕްރެސް އަށް ފަހު ކޮމިޓީގެ ބޭފުޅަކު ނޫސްވެރިން ގާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ޕީޕީއެމް ހިންގުމަށް މާބޮޑު ސަމާލުކަމެއް މިހާރަކު ނުދެ އެވެ. އެހެންވެ، އެކަން ބަދަލުކޮށް ޕީޕީއެމް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށް ޔާމީން މަސައްކަތް ފެއްޓެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން މިހާރު ތިއްބެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގަ އެވެ. ދެ ނައިބު ރައީސް ކަމަށް ގައްސާން މައުމޫން އާއި އަހުމަދު ޝިޔާމް ތިއްބެވީ ކެބިނެޓްގަ އެވެ. ސެނެޓްގެ ގިނަ މެންބަރުންނަށް ވެސް ސަރުކާރުގެ އެކި މަގާމުތައް އަންނަނީ ދެމުންނެވެ.

އެއާ އެކު ޕީއެންސީ ފުޅާ ކުރުމުގެ މަސައްކަތް ރައީސް ގެންދަވަނީ ވަރަށް ބޮޑަށް ކުރައްވަމުންނެވެ. މިފަހުން ވެސް ލ. އަތޮޅުގެ ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲގެ ހާޒިރުގައި ޕީއެންސީއާ ވަނީ ގުޅިފަ އެވެ.

"ޔާމީން ނުރުހުންވާ ކަމަކީ ޕީޕީއެމް ނިކަމެތިކޮށްލައި، ޕީއެންސީ ފުޅާކުރަން މަސައްކަތް ކުރާތީ،" ކުރިން ވެސް ވާހަކަ ދެއްކެވި ކޮމިޓީގެ މެންބަރު ވިދާޅުވި އެވެ.

ނަމަވެސް، ސެނެޓްގެ މެންބަރަކު ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވި ގޮތުގައި މިހާރު ފެންނަ މަންޒަރަކީ ޕީޕީއެމްގެ ސެނެޓްގެ ކޮންޓްރޯލް ޔާމީނަށް ނެތް ތަނެވެ. އެހެން ނަމަ، ކޮމިޓީއެއް ހެދުން ފަދަ ކަންކަމަކީ ސެނެޓަށް ހުށަހަޅައިގެން ނޫން ގޮތަކަށް ޔާމީން ކުރައްވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ސެނެޓްގެ މެޖޯރިޓީ އެމަނިކުފާނަށް ނެތް ކަން، އިންތިހާބު ބޮއިކޮޓް ކުރުމާ ގުޅޭ ގޮތުން ނިންމި ނިންމުމުން އެކަން ވަނީ ސާފުވެފައި. ގިނަ ބޭފުޅުން ތިއްބެވީ ރައީސްއާ އެކު ސަރުކާރު ދަމަހައްޓަން،" އޭނާ ވިދާޅުވި އެވެ.

"ފަސް އަހަރު މަގުމަތީ ތިބެފައި ވަރަށް ގިނަ ބައެއްގެ ހިތްވަރުން ސަރުކާރަށް އާދެވިފައި މި ތިބީ. އެހެންވެ އަނެއްކާ ސަރުކާރު ގެއްލުވާލައި މަގުމައްޗަށް ނުކުންނަ މެންބަރުން ނޭދޭ. ތިބީ ސަރުކާރާ އެކީ. ސިޔާސީ ހަމަނުޖެހުމަށް ދާކަށް ބޭނުމެއް ނުވޭ."

ރައީސާއި ޔާމީންއާ ދެމެދު މި ވަގުތު ގުޅުން ރަނގަޅު ނޫން ކަމަށް އަޑު ފެތުރިފައިވަނިކޮށް ޕީއެންސީން ވަނީ އާ އޮފީހެއް ވެސް ހުޅުވައިފަ އެވެ. އެ އޮފީސް ހުޅުވައި، ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

"މިއީ ޔާމީން ބޭނުންވާ ގޮތެއް ނޫން. އެހެންވެ ކޮމިޓީއެއް ހަދައި ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅާ މެންބަރުން އިތުރު ކުރަން މަސައްކަތް އެ ފެށީ،" އޭނާ ވިދާޅުވި އެވެ.

ޕާޓީގެ ރައީސޭ ބުންޏަސް ޔާމީންގެ އެންގެވުމުގައި ގާނޫނީ ބާރެއް ނެތް

ޔާމީނަށް އިހްތިރާމް ކުރުމުގެ ގޮތުން ޕާޓީގެ ރައީސްގެ ގޮތުގައި މުހާތަބު ކުރަމުން އެ ޕާޓީގެ މެންބަރުން ދިޔަ ނަމަވެސް، އެއީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ނޫނެވެ. އެކަން އެގޮތަށް ލިޔެ، ގާނޫނު ހެއްދެވީ ވެސް ހަމަ ޔާމީނެވެ.

އެމަނިކުފާނުގެ ވެރިކަމުގައި، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ލިޔުނީ "ސިޔާސީ ޕާޓީ އާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ނުވެ" އެވެ.

ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލެއްވި ސްޓިއަރިން ކޮމިޓީގެ ބޭފުޅުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޔާމީން މި ވަގުތު ލުޔެއްގެ ދަށުން ގޭބަންދުގައި ހުންނެވި ނަމަވެސް، އެއީ ޖަލު ހުކުމެއްގައި ޖަލު ބަންދެއްގައި ހުރި ބޭފުޅެކެވެ. އެހެންކަމުން މި މާއްދާގެ ދަށަށް ޔާމީން ފެތެ އެވެ. ގާނޫނީ ގޮތުން އެއީ އާންމު މެންބަރެކެވެ. ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނިންމަވާ ނިންމުންތަކޭ ވިދާޅުވިޔަސް، އެއީ ގާނޫނީ ގޮތުން ޗެލެންޖް ކުރެވޭނެ ނިންމުންތަކެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ޔާމީންގެ ވެރިކަމުގައި ގެނައި އިސްލާހަކީ އޭރުގެ އިދިކޮޅު ލީޑަރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އައުމާ އެކު، ޕާޓީގެ ރައީސް ކަމުގެ މަގާމު ވެސް ގެއްލުވާލުމުގެ މަގުސަދުގައި ގެނައި އިސްލާހެކެވެ. ނަޝީދަށް އަމާޒުކުރި ގާނޫނީ އިސްލާހު މިހާރު އޮތީ ޔާމީންގެ ވަށާލައިފަ އެވެ.

ޔާމީންގެ ކޮމިޓީ އަށް ސެނެޓްގައި ވެސް ނުރުހުން

ކޮމިޓީން ރޭ ޕީޕީއެމް އޮފީސް ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ޕާޓީގެ އެސްޖީ ތޮލާލު އަދި ތަރުޖަމާނު ހީނާ ވަލީދަށް ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ކޮމިޓީން އިއުލާން ކުރީ ހީނާގެ އިސްތިއުފާ އާއި ތޮލާލު މަގާމުން އަމިއްލަ އަށް އެކަހެރިވެފައިވާ ކަމެވެ.

އެކަމަކު، ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ދެ ބޭފުޅުން ވެސް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

އެއާ އެކު ޕީޕީއެމް/ޕީއެންސީ ސެނެޓްގެ ވަޓްސްއެޕް ގުރޫޕްގެ ތެރޭގައި ޕްރެސް ދެއްވަން އިސްކޮށް ހުންނެވި މަލީހަށް ވަަރަށް ބޮށަށް ނުރުހުން އަމާޒުވި އެވެ. އެ ގުރޫޕުން އޭނާ ބޭރު ވެސް ކުރި އެވެ. ސެނެޓްގެ މެންބަރުން ވަނީ ސެނެޓަށް ނޭނގި އެކަން ކުރުމުން ކުށްވެރިކޮށް މައްސަލަ ބަލަން ގޮވާލައްވައިފަ އެވެ.

"ޕީޕީއެމްގެ ލީޑަޝިޕުން މިކަމަށް ފިޔަވަޅު އަޅައިދީ. ޕީޕީއެމް އަކީ މަލީހް ދެއިރު ދެ ދަޅައަށް "ބޯވައެއް" ހެން ކުލަ ބަދަލުކޮށްގެން ވަންނަން އޮތް ހޮރެއް ނޫން،" ސެނެޓް މެންބަރަކު، ގުރޫޕްގައި ބުންޏެވެ. އަދި ޕީޕީއެމްގައި މަލީހުގެ ހައިސިއްޔަތާ މެދު ސުވާލު އުފެއްދި އެވެ.

މަލީހު ރޭ ވިދާޅުވި ގޮތުގައި ޕްރެސް އަށް އޭނާ ވަޑައިގެން ހުންނެވީ ފާއިތުވެ ދިޔަ ފަސް އަހަރު ޕީޕީއެމްގެ ފިކުރު ދަމަހައްޓަން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް، މަލީހަކީ މިދިޔަ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ޕީޕީއެމްއާ އަލުން ގުޅިވަޑައިގަތީ މިނިސްޓަރު ކަމުން ވަކިކުރުމުންނެވެ.

ސެނެޓްގައި ރޭ މަލީހަށް އަމާޒުކުރި އެތައް ތުހުމަތެއްގެ ތެރޭގައި، އޭނާ މި ވަގުތު ސަރުކާރާ ދެކޮޅަށް ބަޔަކު ގޮވައިގެން ނުކުމެ ހުންނެވީ މިނިސްޓަރު ކަން އޭނާ އަށް ނުލިބިގެން ކަމަށް ވެސް ބުނެފައި ވެ އެވެ. ޕީޕީއެމް/ޕީއެންސީ އަކީ އެއް އާއިލާއެއް ކަމަށް މަލީހު ވިދާޅުވިޔަސް، އޭނާގެ މަސައްކަތަކީ ބައިބައިކުރުން ކަމަށް ވެސް ސެނެޓްގައި މެންބަރުން ތުހުމަތު ކުރި އެވެ.

ސެނެޓްގެ ގިނަ މެންބަރުންގެ ރޫހު ހުރި ގޮތުން، އެ ބޭފުޅުން ތިއްބެވީ ޔާމީންގެ ކޮމިޓީ އަށް ދީލާލާ ގޮތަށް ނޫން ކަން ސާފެވެ. ޕާޓީގެ ނައިބު ރައީސް ޝިޔާމް ވެސް މި ވަނީ އެކަން ފާޅުގައި ވިދާޅުވެފަ އެވެ. އެހެންކަމުން، މިއީ ޔާމީނަށް ޕާޓީގެ ތެރޭން އަންނާނެ ބޮޑު ޗެލެންޖަކަށް ވާނެ އެވެ.

އަނެއްކޮޅުން މިއީ، ޔާމީން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ވާދަވެރިކަމުގެ ފެށުން ކަމަށް ވެސް ވެދާނެ އެވެ.

94 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 8%
icon angry icon angry 16%
icon wow icon wow 2%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލީމުސް

24 November 2023

އަސްލު މައުމޫނު ޔާމީނާދެކޮޅުވީ މައުމޫނުގެދިގު ވެރިކަމުގެލެގެސީ ދާންއުޅޭތަންފެނުމުން ހަމައެގޮތައްމުއިއްޒުއާއިދުރައްދާންޔާއަމީނުވެސް އެއުޅެނީޔާއަމީނުގެލެގެސީހިގާއިދާނެކަމައްބަޔަކު ބޮލައްސަޗާރުވެގެން އެކަމަކު ހަގީގަތަކީޔާއމީނުފަށަންވިސްނާފަނުވަތަފަށާފަހުރިމަސައްކަތްނލކުރިއައްގެންދަންމުއިއްޒުވިސްނަނީ ޔާއމީނު ނުބައިމަކަރުވެރީންގެނުބައިރޭވުންތަކުންސަލާމަތް ކުރައްވާދޭވެ ޔާމީނުގެވިސްނުންނަޝީދުގެވިސްނުމާއެއްފެންވަރަކަށްދާންބިނާކުރާފިކުރުގެއެކަކުވެސްނޭދޭ

The name is already taken The name is available. Register?

علي وحيد

23 November 2023

ތިޔާގައި ޙަގީގަތާއި ޙަގީގަތް ނޫންވާހަކަތައްވެސް އެބަހުރި ތޮލާލު މިހާރު ހަވާލުވެ އެހުރިމަގާމުގެ ސަރުތު ތައް މިހާރުނޫހުން ބައްލަވާލެއްވުމަށްފަހު މިހާރުނޫހުން ރަށްޔިތުންނައް ހާމަކޮށްދެއްވާ އަދިވެސް ތަކުރާރުކޮށްލާނަން ތޮލާލު މިވަގުތު ހަވާލުވެ ހުރި މަގާމުގެ ސަރުތު އެއިރުން އެނގޭނެ ޕީޕީއެމްގެ އެސްޖީކަމުގެ މަގާމުގައި ތޮލާލު އަށް ހުރެވުމާއި ނުހުރެވުމުގެ ފަރަގު

The name is already taken The name is available. Register?

ހެޔޮނަސޭހަތް

23 November 2023

އިއްޔެ ވަޒީފާދިން ފަރާތްތަކުގެ އާއިލާތައް ރޔާމީނާދެކޮޅަށް ކޮމެންޓްކުރަން ފެށީތައް..ތިއީ މާގިނަދުވަހެއްގެ ކަމެއްނޫން މިސަރުކާރުގެ ހަނީމޫން ނިމުނީމަ ދެން ފެންނަންފަށާނެ ސަރުކާރު ގުއިވާމީހުން...ދެވަނަ ދައުރެހޯދަން މިހާރު އިއުލާނު ކޮއްގެން ހުވާކުރި މީހަކީ މުއިއްޒު ވީއިރު ދެވަނަ ދައުރެއް އައުމަށް އަދިއެބައޮތް ލައްކަދުވަސް..ދެވަނަދައުރެނުލުބި ގެޔަށް ކަޑާލަންޖެހިދާނެކަން ހަދުމަކުރުން ބުއްދިވެރި.ދެވަނަ ދައުރަކާ ދޭތެރޭގަ ބަދަލުވާނެ ލައްކަކަންކަން.

The name is already taken The name is available. Register?

ހަޖަމު

23 November 2023

ހުރިހާކަމެއްވެސް ގަދަބާރުން ކުރަން އުޅޭ ވަރަށް ނުލަފާ ހަމްދަރުދީގެ ކަންފުޅެއްވެސް ހުންނަ އިންސާނެއް ނޫން ތީ...އޭނަގެ ވެރިކަމުގަ މަޖިލިސްގެ އަގުލަބިއްޔަތު ނުލިބިގެން ގަދަކަމުން 12 މެންބަރުން ބޭރުކޮށްގެން މަޖިލިސް ކޮންޓްރޯލް ކުރިމީހެންނުން ތީ...ދުވަހަކުވެސް ތާއީދު ނުކުރާނަން ތި ޔާމީނަކަށް

The name is already taken The name is available. Register?

ކަރާސީނު

23 November 2023

ކަރާސީނު އަބަދުވެސް ކޮމެންޓު ކޮށްފައިވާނީ ޔާމީނުއާ ދެކޮޅަށް ކަމުގައި ކޮމެންޓު ޖަޖުންނަށް ދަންނަވަން. އެކަން އެނގޭނެ ކޮމެންޓް ސެކްޝަންގެ އަހުލުވެރިންނަށް. ޔާމީނު ދިފާއުގައި ޖަޖުކުރަން ވަޑައިގަންނަ ފަރާތްތަކަށް އޮޅިދާނެ..

The name is already taken The name is available. Register?

ޙޫސައިން ފަތުހީ

23 November 2023

ޔާމީން އެއުޅެނީ އިންތިޚާބު ބޮއެކޮޓް ނުކޮށްގެން ރުޅިއައިސްގެން. ވެރިކަން އެހެން މީހަކު ކުރާތަން ދެކެން އެނަމިކުފާނަށް ކުޅަދާނަ ނުވަނީ. ތިމާ އަމިއްލައަށް ޤަބޫލުކުރެވެނީ ތިމަންނާއަށާ ހުރިހާކަމެއް އެނގެނީ. މީ ވަރަށް ދެރަކަމެއް. މަނިކުފާނުވެސް މޮޅު އެކަމަކު މުޢިއްޒުއަކީވެސް ނަތީޖާ ނެރެދެއްވާފަވާ ބޭފުޅެއް. އެހެންކަމުން ވާގޮތް ބަލަން މަޑުކޮށްލައްވާ!!

The name is already taken The name is available. Register?

ދޮން

23 November 2023

ކޮންމެހެން ޕީ ޕީ އެމް އޮތީ ރައީސް ޔާމިންގެ މޮޅުކަމަކުން ނޫން އަދުރޭމެން ޝިޔާމްމެން ޝުޖާއުމެއް މިފަދަ އެތަށް ބަޔެއްގެ ބަނޑުން ހަމެއްދުއްވާލައިދެން ޤުރުބާން ވެގެން،، ނުޖެހޭ އަލުން މަގުމައްޗަށް ގޮސް ހަދާކަށް އެމް ޑީ ޕީ މިފަހަރު ބުއި ބޮޑި އެއޮތީ ފެންނަން

The name is already taken The name is available. Register?

އަލީރާޖާ

22 November 2023

އެމްޑީޕީގެ ތަޅާފޮޅުން އެއްޗަކަށް ނުވާނެ. ޔާމީނަކީ މާ ނުލަފާ މީހެއް. ކުޅުވަރު ބަލަންތިބޭ.

The name is already taken The name is available. Register?

ނުލަފާމީހާ

23 November 2023

ޔާމީނަކީ ނުލަފާ މީހަކައްވެދާނެ އެކަމަކު މިހާރު ކުރެވޭނެ އެއްކަމެއްވެސް އޮތްހެނެއް މަށަކައްހީއެއްނުވޭ. ޖަލުންބޭރުގަ އެހުރެވޭނީވެސް ހާއްސަ އިނާޔަތެއްގެދަށުން ކަންތައްމާބޮޑުވަންޏާ އަނެއްކާވެސް ޖަލައްދާންޖެހުމަކީ ވުންއެންމެގާތްގޮތް. އެބޭފުޅާއައް ހަމްދަރުދީވާނެ މާގިނަ ދިވެހި ރައްޔިތުންތަކެއް ތިބިހެނެއް މަށަކައްހީއެއްވެސްނުވޭ.

The name is already taken The name is available. Register?

އެމީލިއޯ

22 November 2023

އޭ މިހިރަ މުއީޒޫ އެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

22 November 2023

ކުށްވެރިންނަށް ގެއަށް ބަދަލުކުރަންޏާ ތިހުރިހާ ހަޑިއެއެް ފެންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454