ރިޕޯޓް

ހަތަރު ދަރިންގެ މަރާ އެކު ދެން ދިން އަނިޔާ މާ ބޮޑު

"ބުނަން ވަރަށް ދެރަ ވަރަށް ނިކަމެތި ހާލުގައި މި އިނީ. އެހެނެއް ނޫން، ކާންދޭ، ބޯންދޭ، ފެންވަރުވައިދީ، ފުނާ އަޅުވައި ފުއްޖަހާއިދޭ."

ގުރައިދޫ މަރުކަޒުގައި އިންނަތާ ފަސް އަހަރުވީ އަންހެނަކު އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެއީ ގުރައިދޫ މަރުކަޒުގައި އަންހެނުން ތިބޭ ވޯޑެވެ. ގެއެއް ގޮތަށް ހުރި އެތަނުގެ ފެންޑާ އަށް ވަންއިރު، ޖޯލިފައްޗާއި ގޮނޑިތަކުގައި އިށީނދެލައިގެން އެކި އުމުރުގެ އަންހެނުން ތިއްބެވެ؛ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ނަފުސާނީ ބައްޔަށް ފަރުވާކޮށް ރަނގަޅުވެފައިވާ މީހުންނާއި އަޅާލާނެ މީހަކު ނެތިގެން އެތަނުގައި ގޮތްހުސްވެފައި ތިބި، ދައްތައިންނާއި މައިންނާއި އަދި މާމަމެންނެވެ.

އެތަނަށް ވަނުމާ އެކު އެ އެންމެންގެ ކަޅި ހުއްޓުނީ އަހަރެމެންނަށެވެ. އާންމުކޮށް ނުފެންނަ ބަޔަކު އެތަނުން ފެނުމުން އެ މީހުން ހައިރާންވި އެވެ.

އަހަރެމެން މިއީ ކޮން ބައެއްތޯ ބަލަން ޝައުގުވެރިވެފައި ތިބިކަން އެނގުނީ އެތަނުން މީހަކު "އަހަރެން ބަލާ އައީތަ؟" އޭ ބުނާ އަޑު އިވުމުންނެވެ. އެ ނޫން އެއްވެސް މީހަކު ވާހަކަނުދައްކާ، ހަމަ ތިބީ ބަލަހައްޓައިގެންނެވެ. އެ އެންމެންގެ މޫނުމަތިން ވެސް ފެނުނީ މަޑުމޮޅިކަމާއި ހިތާމަ އެވެ. ހިނިތުންވުމެއް ނެތެވެ. އެކަމަކު، ފުރޮޅުލީ ގޮނޑިއެއްގައި އިން އަންހެނަކު އިނީ އަހަރެމެން ފެނުމުން ވަރަށް ހެވިފަ އެވެ. އަހަރެމެންނާ ވަރަށް ވާހަކަދައްކާ ހިތުން އޭނާ އިންހެން ހީވެގެން ގޮސް ސަލާންގޮވީމެވެ.

ސަލާން ބަލައިގެންފައި، "ކޮއްކޯ އަވަހަށް އާދޭ އިށީންނަން"އޭ ބުނެ، އޭނާ ކައިރީގައި ހުރި ގޮނޑިއެއްގައި ބައިންދައި، ވާހަކަ ފެށި އެވެ.

ގުރައިދޫ މަރުކަޒުގައި އަންހެނުން ތިބޭ ވޯޑެއް: އެތަނުގައި ތިބެނީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނާއި ނަފުސާނީ ބައްޔަށް ފަރުވާކޮށް ރަނގަޅުވެފައިވާ މީހުންނާއި އަޅާލާނެ މީހަކު ނެތިގެން ގެންގޮސްފައި ތިބޭ މީހުން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އަހަރެމެން އެތަނަށް ދިޔައީ "ކޮންވަޑާމަކުތޯ" އޭނާ އެއްސެވެ. ދިޔައީ އެ މަރުކަޒުގައި ތިބި މީހުންގެ ހާލު ބަލައިލަންށޭ ބުނުމުން ހާދަހާ ރަނގަޅު ކުއްޖެކޭ ބުންޏެވެ. އޭނާގެ އެއްބަނޑު މީހުންނަށް ވެސް ތިވަރެއް ނުވިޔޭ ބުންޏެވެ. އެހެން ބުނުމާ އެކު އޭނާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މާޔޫސްކަން ފެންނަން ފެށި އެވެ. އެ ހިނިތުންވުމުގެ ފަހަތުގައި އޮތީ ހިތްދަތި ވާހަކަތަކެއް ކަން އެ ހިސާބުން ޔަގީންވި އެވެ.

އެ މަރުކަޒުން ހިތާމަވެރި ވާހަކައެއް ނޫނީ އިވިދާނެ ކަމަށް އަހަރެމެން އުއްމީދު ކުރީ ވެސް ކީއްވެ ހެއްޔެވެ؟

ދިރިއުޅުން ބަދަލުކޮށްލީ ހަކުރު ބަލި!

އޭނާގެ އަސްލު ނަން ހާމަނުކޮށް، މި ލިޔުމުގައި ބޭނުންކުރަނީ އާމިނަތު އަލީ އެވެ. މިހާރު އުމުރުން 49 އަހަރުގެ އާމިނަތަށް ހަތަރު ކުދިން ލިބުނެވެ. އެކަމަކު ވަރަށް ޅައުމުރުގައި އެ ހުރިހާ ކުދިން ވެސް މަރުވި ކަމަށް އޭނާ ބުންޏެވެ. ކުދިން މަރުވުމުން، ފިރިމިހާ ވެސް ވަރިކޮށްފައި ދިޔައީ އެވެ.

ކުދިންގެ ވާހަކަދައްކަން ފެށުމާ އެކު އޭނާ އަށް ރޮވުނެވެ. ދުނިޔޭގައި ކުއްޖަކު ނެތް އިރު، އޭނާ ބަލިވި ދުވަހު އާއިލާގެ އެކަކު ވެސް އަޅާނުލި ކަމަށް ބުންޏެވެ. ކުދިން މަރުވީ ކިހިނެއްތޯ އަހަން އުޅުނު ނަމަވެސް، އޭނާ ގިސްލާފައި ރޯން ފެށުމުން، ފަހުން އެ ވާހަކަ އަހަން ހަނދާނެއް ވެސް ނުވި އެވެ.

ގުރައިދޫ މަރުކަޒުގައި އިންނަތާ ފަސް އަހަރުވީ އަންހެނަކު އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާމިނަތު ބުނި ގޮތުގައި އޭނާގެ ކުދިން ނެތަސް، އެއްބަނޑު އެއްބަފާ ފަސް މީހުން ތިބެ އެވެ. އޭގެ ތެރެއިން، އެކަކު މަރުވެފައިވާއިރު، ދުނިޔޭގެ ގަދަވެ ސަލާމަތުން ތިބީ ހަތަރު މީހެކެވެ. އޭނާ ދެން ކިޔައިދިނީ އެމީހުން އޭނާއާ މެދު ކަންތައްކުރި އިހާނެތި ގޮތުގެ ވާހަކަތަކެވެ.

ގެންދާނަމޭ ކިޔައިފައި ދިޔަ މީހުން، ވާހަކަ ވެސް ނުދައްކާ.

އެ މަރުކަޒަށް އާމިނަތު ގެންދިޔައީ ހަކުރު ބަލީގައި ހާލު ބޮޑުވެ، ހިނގާ ނޫޅެވި، ގޮނޑީގައި އިންނަން ޖެހުމުން އާއިލާ އަށް އޭނާ ބެލެން ނެތް ކަމަށް ބުނެ އެވެ. އާމިނަތު ބުނީ އާއިލާއިން އޭނާ އެ މަރުކަޒާ ހަވާލުކުރީ ތިން މަސް ފަހުން ބަލާ އަންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އޭގެ ފަހުން މިހާރު ފަސް އަހަރު ވެއްޖެ އެވެ. އެއިން މީހެއްގެ ހިލަމެއް، ޚަބަރެއް ދަބަރެއް ވެސް ނެތެވެ.

"ގެންދާނަމޭ ކިޔައިފައި ދިޔަ މީހުން، ވާހަކަ ވެސް ނުދައްކާ،" ތުރުތުރުލާ އަޑަކުން އާމިނަތު ކިޔައިދިނެވެ.

"މަގޭ އެއްބަނޑު، މަގޭ އައިލާ މީހުން މި ކިޔަނީ. އެވެރިން ހަމަ އަަޅާނުލާއި ފޮނުވައިލީ. ދެން އެވެރިން ފޮނުވާލި ގޮތަށް މި އިންނަނީ. ކޮންމެވެސް ގޮތަކަށް އުޅެން ޖެހޭނެތާ."

އެތަނުގައި އިންނައިރު ލައްކަ އެއްޗެހި ހިތަށް އަރާ ކަމަށާއި، އޭނާގެ އެއްބަނޑު މީހުން އޭނާއާ މެދު ކަންތައް ކުރި ހިތްދަތި ގޮތް ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ކަމަށް ބުންޏެވެ. އެމީހުންނަށް ދުވަހަކު ވެސް މާފު ނުކުރާނެ ކަމަށް ބުންޏެވެ.

ގުރައިދޫ މަރުކަޒުގައި އަންހެނުން ތިބޭ ވޯޑުގައި އުޅޭ މީހުން އެތަނުގެ ފެންޑާ އަށް ނިކުމެ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާމިނަތު ބުނީ އާއިލާގެ މީހުންނަށް ވުރެ މަރުކަޒުގައި ތިބޭ މުވައްޒަފުން ވެސް އޭނާ އަށް މާ ރަނގަޅު ކަމަށެވެ. އެތަނުގައި ފަސް އަހަރުވީ އިރު ދުވަހަކު ވެސް އޭނާ ހިތުގައި ޖެހޭ ކަމެއް އެމީހުން ނުކުރާ ކަމަށެވެ.

މަގޭ އެއްބަނޑު މީހުން މަ އަތުގައި ހުރިއްޔާ ހުރި ރަނަކާއި ތަނޑިއަކާއި، ފައިގައި ހުރިއްޔާ ހުރި ރަނަކަށް ދަންދެން، އަތުގައި ހުރި އަނގޮޓިއަކަށް ދަންދެން އަތުލައިފައި މަރުކަޒަށް ފޮނުވާލީ.

"ބުނަން ވަރަށް ދެރަ ވަރަށް ނިކަމެތި ހާލުގައި މި އިނީ. އެހެނެއް ނޫން، ކާންދޭ، ބޯންދޭ، ފެންވަރުވައިދީ، ފުނާ އަޅުވާއި ފުއްޖަހާއި ދޭ. މި ވެރިން [މަރުކަޒުގެ މުވައްޒަފުން] ރަނގަޅުކަމުން މި އުޅެވެނީ،" އޭނާ ބުންޏެވެ.

"މަގޭ އެއްބަނޑު މީހުން މަ އަތުގައި ހުރިއްޔާ ހުރި ރަނަކާއި ތަނޑިއަކާއި، ފައިގައި ހުރިއްޔާ ހުރި ރަނަކަށް ދަންދެން، އަތުގައި ހުރި އަނގޮޓިއަކަށް ދަންދެން އަތުލައިފައި މަރުކަޒަށް ފޮނުވާލީ."

"ހަމަ ހުރިހާ އެއްޗެއް ވެސް ފޮރުވާފައި ރައްކާކޮށްފައި ބެހެއްޓީ އަދި އަދަދަށް ވެސް. ކާކުގެ ކަރުގައި އަޅުވަން؟ މަ ނެތް ދުނިޔެއެއްގައި ކާކުގެ ކަރުގައި އަޅުވަން؟"

ގުރައިދޫ މަރުކަޒުގައި އަންހެނުން ތިބޭ ވޯޑުގައި އުޅޭ މީހުން ނިދާ ތަން.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޒުވާން އުމުރުގައި ފިސާރި އަންހެނެއް

އާމިނަތު ބުނީ އޭނާ އަކީ ޒުވާން އުމުރުގައި ވަރަށް ފިސާރި އަންހެނެއް ކަމަށެވެ. ގޭތެރޭ މަސައްކަތުން ފެށިގެން ކުޅިވަރާއި އެހެން ކަންކަމުގައި ވެސް އޭނާ ނުކުރާ އެއްވެސް ކަމެއް ނުހުންނާނެ ކަމަށެވެ. މީހަކަށް ބަރޯސާނުވެ ދިރިއުޅުނީ އަމިއްލަ އަށް މަސައްކަތްކޮށްގެން ލިބުނު ފައިސާއިންނެވެ. އެކަމަކު އެ ހުރިހާ ކަމަކުން އޭނާ ބާކީވެ، ދިރިއުޅުން ބަނަވީ ހަކުރު ބަލީގަ އެވެ.

"ހާދަހާ މަސައްކަތެއް ކުރި އަންހެން ކުއްޖެކޭ މަ މީ. މިއަދު މިތަނަށް ލައިފައި އިނީމަ މިތާ މީހުން ވިދާޅުވާ ގޮތަށް މި އުޅެނީ،" އޭނާ ބުންޏެވެ.

ކުދިން މަރުވި ފަހުން އެހެން މީހަކާ ރައްޓެހިވެ، ދެވަނަ ކައިވެންޏެއް ވެސް ކުރަން އޭނާ އުޅުނެވެ. އެކަމަކު، އޭނާ ބަލިވުމުން އިންނަން އުޅުނު އެ މީހާ ވެސް އޭނާ ދޫކޮށްފައި ދިޔައީ އެވެ. އެ ހިސާބުން އޭނާ މުޅިން އެކަނިވެރިވީ އެވެ.

"މަށަށް ވެސް އަދި އަންނާނެ ދުވަހެއް. އެ ދުވަސް އަންނަން ދެން މީނީ ބަލަން. ދުނިޔޭގައި ހުރިއްޔާ ކޮންމެސް ދުވަހަކު އެމީހުން އަދި އަންނާނެ މަ ފަހަތުން،" އޭނާ ބުންޏެވެ.

ގުރައިދޫ މަރުކަޒުގައި އިންނަ އަންހެނަކު އޭނާގެ ވާހަކަ "މިހާރު" އަށް ކިޔައިދެނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާމިނަތު ގޮތަށް، އެ ވޯޑުން އަހަރެމެންނާ ދިމާވި އެންމެން ވެސް ކިޔައިދިނީ ހަމަ އެ ކަހަލަ ހިތްދަތި ވާހަކަތަކެކެވެ؛ އެއްބަނޑު މީހުން ނުވަތަ ދަރިން އަޅާނުލާ ދޫކޮށްލީ އެވެ. އޭގެ ތެރޭގައި ބަލި މީހުންނާއި ގަދަވެ ސަލާމަތުން ތިބި މީހުން ވެސް އެބަ ތިއްބެވެ. އަމިއްލަ ދިރިއުޅުން މާ ބިޒީވުމުން، އެމީހުން ބަލަން ނޫޅެވޭނެޔޭ ބުނެ، އެތަނަށް ގެންދަނީ އެވެ. އަދި އެތަނަށް ލާ ފަހުން، ޚަބަރު ވަނީ މަދު މީހެއްގެ އާއިލާއަކުންނެވެ.

އާއިލާ ނުވަތަ ދަރިން ކިތައްމެ ގޯސްކޮށް ކަންތައް ކޮށްފައި ހުއްޓަސް، އެމީހުން ކުށްވެރިކޮށް އެ ވާހަކަތައް ކިޔައިދޭން ވެސް ބައެއް މީހުން ބޭނުމެއް ނުވި އެވެ. އާއިލާ ގޯސްކޮށްފައި ވާހަކަދައްކަން އާމިނަތު ވެސް ފުރަތަމަ ބޭނުމެއް ނުވި އެވެ. އެކަމަކު، އޭނާ އަހަރެމެން ގާތު އެހީ، އެ ވަރުގެ ބޮޑު އަނިޔާއެއް ދިނުމުން އެ ވާހަކަ ނުދައްކާ އިންސާނެއް ހިތަށް ކެތްވާނެ ހެއްޔޭ އެވެ. އެ ވާހަކަ ނުދައްކާ ކިތައް ދުވަހު ހުރެވިދާނެ ހެއްޔޭ އެވެ. އޭނާގެ ހަތަރު ދަރިން މަރުވުމަށް ފަހު، އާއިލާއިން ދިން އަނިޔާ މާ ބޮޑެވެ.

26 ކޮމެންޓް, 121 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 99%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެފް

19 March 2022

ކޮއްކޯއޭ އަވަހަށް އިށީންނަން އަންނާށެވެ... ކޮންމެ ހާލެއްގައިވެސް އިހުތިރާމާ ކުލުނުގެރީތިއާދައެވެ. އެކަކު އަޅާނުލިޔަސް ދައުލަތުން އަޅާލާނެއެވެ. ރާއްޖޭގައި ހުރި އިޖުތިމާއީ ރައްކާތެރިކަމުގެ ބެކޭޖްތަކުން ބިކަވެފައިތިބި ފަރުދުންނަށް ލުއިތަކެއް ލިބޭނެއެވެ. ދައުލަތުގެ ކުލުނުވެރި ހިތް އިތުރަށް ތަނަވަސް ކުރަންވީ އެވެ. އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެއެވެ

The name is already taken The name is available. Register?

އައްޑޫ މީހާ

19 March 2022

ތިކަމުގަ އިހުމާލު ވާ ބަޔަކާ ދޭތެރޭ ފިޔަވަޅު އެޅޭނަމަ ތިހެން ނުވާނެ.. ފުރަތަމަ ބަލިމީހާ ގުރައިދޫ ސެންޓަރަށް ގެންދާއިރު ބޮޑު ސިނގާ ގާނޫނީ އެއްބަސްވުމެއްގަ ސޮއި ކޮށްފަ ހަވާލު ކުރަނީ. ސޮއިކުރާ އެއްބަސްވުމުގަ އިންނާނެ ބަލިމީހާ ޑިސްޗާޖް ކުރާތާ 10ދުވަސްތެރޭގަ ލަސްވެގެން ހަވާލުވާން ޖެހޭނެކަމަށް. އެ މުއްދަތުގަ ނުގެންގޮސްފީއްޔާ ފިޔަވަޅު އެޅޭނެ ވާހަކަވެސް އޭގަ އިންނާނެ.

The name is already taken The name is available. Register?

އަހުމަދުބޭ

19 March 2022

މިއީ ގާނޫނުގައި އޮތްގޮތަކަށް ކަންހިގައި ނުވަތަ ކުރާ ގައުމެއްނޫނެވެ، ހުރިހައި ކަމެއް ސަރުކާރުބޮލަށްޖަހައި އެމީހަކާ އެމީހެއް އުޅޭގައުމެކެވެ. ސަރުކާރުންވެސް ކަންކަން ބައްޓަންކޮއްފައި ހުންނަނީ އެހެންނެވެ. މިސާލަކަށް މިއަދު ޑުރަގުގައި ޖެހިގެން މަގުމަތިވެފައިވާ މީހުންނަށްވެސް ސަރުކާރުން އެއުޅެނީ ހަދައިނެ ގޮތެއްނޭގިގެންނެވެ، އިހުމާލްވާ ފަރާތަކަށް ރައްޔިތުންވެސް މިއިނގިލި ދިއްކުރަނީ ސަރުކާރަށެވެ. ސަރުކާރަކަށް ބަޔަކު އިހުމާލް ކުރެވެނީކީ ނޫނެވެ.

The name is already taken The name is available. Register?

ސަނާ.

18 March 2022

އަޅެ މިހެން ކަންތައް ކުރާއިރު ރަހުމެއް ވެސް ނުހުރޭ ދޯ؟؟ދިވެއްސެކޭ ބުނަން ލަދު ވެސް ގަނޭ މިހާރު...

The name is already taken The name is available. Register?

އާދަމް ބަތަލް

18 March 2022

ޒަމާނީ ތައުލީމުގެ ކުރިން އެދުރުގެތަކުން ކިޔަވައި ބޮޑެތިވި ދަރިންގެ އަޚުން އުޚުތުންނާއި މައިންބަފައިން ތިޔަ ހާލުގައެއް ނުޖެހޭ. މިފަދަ ގޮތް ހެދުމަށް ހިތްވަރު ލިބެނީ ތަރުބިއްޔަތުގެ އުނިކަމުން.

The name is already taken The name is available. Register?

ޏަން

18 March 2022

އަސްލުވެސް.... ރަނގަޅު ކުރަންވީ ތަރުބިއްޔަތު.... ތައުލީމު ނެތަސް ތަރުބިއްޔަތު ތަރުތީބު ވެއްޖެ ނަމަ ހުލްގު ހެޔޮވާނެ.... އެމީހަކަށް އަދި އެމީހެއްގެ އާއިލާ މައިންބަފައިންނަށް ފައިދާ ވާނެ...

The name is already taken The name is available. Register?

ބަތުލޮލް

18 March 2022

ހިގާ ދޯ ހުރިހާ އިސްކޫލުތަކެއް ތަޅާލާފަ ދަރިން ހަމައެކަނި އެދުރުގެއަށް ފޮނުވަން. އައިޕެޑުތައްވެސް ހަލާކުކޮށްލާފަ ވޮށިފިލާ ގެންގުޅޭނީ. އޭރުން ޕިޝާވަރުގެ ރަށްފުށްހާ ތަރައްގީވާނެ މިގައުމު.

The name is already taken The name is available. Register?

ރަޔާން

18 March 2022

يا الله އެ ލޮބުވެތި އަޚުންނާއި އުޚްތުން އެ ނިކަމެތިކަމުން ސަލާމަތް ކުރައްވައި މި ފެށޭ ބަރަކާތްތެރި ރޯދަމަހުގެ އުފާވެރިކަން މިންވަރު ކުރައްވާނދޭވެ. :(

The name is already taken The name is available. Register?

ތިމަރުކަޒުގަ ތިބިއްޔާ މާރަނގަޅުވާނެ

18 March 2022

ޢާއިލާމީހުން އަޅާލަން ބޭނުން ނޫނިވިއްޔާ، ގުރައިދޫ މަރުކަޒުގައި ތިބުން މާބޮޑަށްވެސް ރަނގަޅުވާނެ އެވެ. ތީނަވެސް އެބުނަނީ އެތަނުގެ މުވައްޒަފުން ވަރަށް ރަނގަޅު ވާހަކައެވެ. އެހެންވީމައި ތިއީ އެފަދަ މީހުންނަށް ހުރި ރަޙުމަތެކެވެ. ގައިމުވެސް ނުރުހިފައި ތިބި ބައެއްގެ ތައްޕާހުގައި އުޅޭކަށެއް ނުޖެހޭނެއެވެ. މިރިޕޯރޓް ލިޔުނު އިފްރާޒް އަޅެ އެމަރުކަޒުގައި ތިބޭ މީހުންނަށް ހުރި ވަޞީލަތްތަކާއި އެތަނުގައި ދިރިއުޅުން ހަމަޖެހިފައިވާގޮތް ހިމަނާލިނަމަ ކޮންފަދަހެއްޔެވެ!

The name is already taken The name is available. Register?

ޏަން

18 March 2022

ދޫންޏާ އެތާގަ އެހާލުގަ އުޅެލީމަ އިނގޭނީ އެވާ ވަރު.... ކިތަންމެ ވަސީލަތެއް ހުއްޓަސް ކިތަންމެ ލާރިއެއް އޮތަސް އެމީހަކަށް އާއިލާގެ ފަރާތުން ލިބޭންޖެހޭ ލޮއިއްބާ އަޅާލުން ނުލިބެންޏާ އެއީ ހިތްދަތިކަމެއް.... ޢާއިލާ އާއި ދުރުގަ ހުރެލަން ޖެހުނީމާ އަހަރުމެނަށް ވަރަށް ވަރިވު... އަދި ކޮބާ އެ އަޅާލުމަށް އެދި އެދި ހުއްޓާ އެހުރިހާ ކަމަކުން މަހުރޫމުކޮށއ އެކަނި ކޮށްލީމާ ފައިސާ އަކުން ވަސީލަތަކުން ކުރާނެ ކަމެއް ނޯނންނާނެ...

The name is already taken The name is available. Register?

ށ.

18 March 2022

މަވަރަށް ދެރަވެއްޖެ! އަސަރުކޮށްފި! ރޮވިއްޖެ! މިޚަބަރު ކިޔާފަ. ދައްތައާއި ތިފަދަ ހާލުގަ ތިބި އެންމެންނަށް ހެޔޮ ރަޙްމަތްލައްވާށި!

The name is already taken The name is available. Register?

ސީމާނ

18 March 2022

ޓީޗަރުންގެ އަމިއްލަ އަތުން ކޮށްލާ ޚަރަދު ބަލާލީ ކިތައް މީހުންބާ؟ ގިނަ ކޮމެންޓްތައް ފެނުނީމަ ހިތަށް އެރީ ނޫސްވެރިން އެކަހަލަ ދިރާސާ އެއްވެސް ކޮށްލާފަ ލިޔެލިނަމައޭ. އެކަކު ބުނާ އެއްޗެއް އަޑުއަހާލާފަ މިކަހަލަ ރިޕޯޓް ލިޔުމުގެ ބަދަލުގަ ރަނގަޅު ދިރާސާއެއް ކޮށް، އޭގެ ފަހުން ލިޔެލިނަމަ

The name is already taken The name is available. Register?

ސުރި

18 March 2022

ފުރަތަމަ ރަނގަޅު ހަބަރުގައި ކޮމެންޓް ކޮށްބަލަ

The name is already taken The name is available. Register?

ޤައުމު

18 March 2022

މިއަދުގެ ހަގީގަތް، ސަރުކާރުންދޭ ހާއްސަ އެލަވަންސް ނުދޭނަމަ އުމުރުން ދުވަސްވީ ގިނަ ބޭފުޅުން އުޅެންޖެހޭނެ ނިކަމެތި ހާލަތު ވަޒަންވެސް ނުކޮށްލެވޭނެ. ވަރަށް ދެރަ.

The name is already taken The name is available. Register?

ތައްތ

18 March 2022

ގައުމެއްގެ ފެންވަރު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ އެގައުމެއްގެ އިސްރަށްވެހިންނާއިމެދު ކަންތައް ކުރާ ގޮތުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454