ޚިޔާލު / ދީން

ހިޖުރައިގެ ހާދިސާގައި އޮތީ މުޅިން ވެސް އިބުރަތް ހާސިލް ކުރަންޖެހޭ ކަންކަން

މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް: ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ހިޖުރަކީ އިސްލާމީ ތާރީހުގައި ވަރަށް މުހިންމު ހާދިސާއެއް.

އިސްލާމީ ތާރީހުގައި ހިނގާފައިވާ ކޮންމެ ހާދިސާއަކުން ވެސް މުސްލިމުންގެ ދިރިއުޅުމުގެ ހަޔާތުގައި އެ އިން އިބުރަތް ލިބިގަނެވިދާނެ އެތައް ފިލާވަޅުތަކެއް ލިބިގެން ދެ އެވެ. ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން މައްކާ ދޫކުރައްވައި މަދީނާ އަށް ކުރެއްވި ހިޖުރައަކީ ވެސް މިފަދަ ހާދިސާ އެކެވެ. މި ހާދިސާ އިން ލިބޭ އިބުރަތްތަކުގެ ތެރެއިން އިލްމުވެރިން ފާހަގަ ކުރައްވާފައިވާ ބައެއް ކަންކަމަށް ވަރަށް ހުލާސާ ކޮށް ބަލައިލަމާތޯ އެވެ.

ހަގީގީ މާނައިގައި ހިޖުރަކުރަން ޖެހޭ

ހިޖުރައިން ލިބޭ އެއް ފިލާވަޅަކީ، ހިޖުރައިގެ ހަގީގީ މާނައިގައި މުސްލިމުން ހިޖުރަ ކުރަން ޖެހޭނެ ކަމެވެ. ހިޖުރައިގެ ލަފުޒީ މާނައަކީ ދިރިއުޅުން އެއްތަނުން އަނެއް ތަނަށް ބަދަލު ކުރުން ކަމުގައި ވިއަސް އޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ﷲގެ ދީން ދެމެހެއްޓުމަށްޓަކައި އެއްތަނުން އަނެއް ތަނަށް ބަދަލު ވުމެވެ. ނުވަތަ ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި ނަހީތަކުން ދުރުހެލިވުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމެވެ. ވަކިން ޚާއްސަކޮށް ނަހީތައް ދޫކޮށްލުން އެއީ ހިޖުރައެއްކަން ކީރިތި ރަސޫލާ ﷺ ގެ ހަދީސުން ކަށަވަރު ވެއެވެ. ވީމާ ހިޖުރައިގެ ހަގީގީ މާނައިގެ ތެރޭގައި ކުށްތަކާއި ފާފަތަކާއި ޝަހުވަތްތަކާއި ޝުބުހަތްތަކާއި މުންކަރާތުގެ މަޖްލިސްތައް ފަދަ ކަންކަން ދޫކޮށްލުން ހިމެނޭކަން ދަންނަން ޖެހޭނެ އެވެ.

ކެތްތެރިކަމާއި ސާބިތުކަމާއި ވަކީލު ކުރުމަކީ ކާމިޔާބުގެ އަސްލު

ހިޖުރައިގެ ހާދިސާއިން ލިބޭ އަނެއް ފިލާވަޅަކީ، ކެތްތެރިކަމާއި ސާބިތުކަމަކީ ކާމިޔާބުގެ އަސްލު ކަމެވެ. މައްކާގައި މުޝްރިކުންގެ ފަރާތުން އަނިޔާ އާއި ޖެއްސުމާއި ދުއްތުރާތައް އިންތިހާ އަށް ކުރިމަތިވި އެވެ. މިއީ ﷲގެ މަގަށް ގޮވާލުމުގައި ތަޖުރިބާ ކުރަން ޖެހޭ ކަމެކެވެ. އެކަމަކު މި ކަމުގައި ކެތް ނުކުރެވި، އަމިއްލަ މަސްލަހަތާއި ހަވާނަފްސުގެ އެދުންތަކަށްޓަކައި ﷲ އަށް ނަސްރު ދިނުން ހުއްޓާލައިފި ނަމަ އެ މީހަކަށް ހަގީގީ ނަސްރެއް ނެތެވެ. ފަހަރެއްގައި މި ދުނިޔޭގައި ވަގުތީ ކޮންމެވެސް މަންފާތަކެއް ލިބިދާނެ އެވެ. އެކަމަކު ﷲގެ ފަރާތުން ނަސްރު ލިބި ދުނިޔެ އާއި އާހިރަތް އެކީ ކާމިޔާބު ކުރެވޭނީ ﷲ އަށް ނަސްރު ދީގެންނެވެ.(މުޙައްމަދު 7، ޣާފިރު 51).

މިކަން ކުރެވޭނީ ކެތްތެރިކަމާއި ސާބިތުކަން ހުރެގެންނެވެ. ހަމަ އެއާ އެކު، ﷲ އަށް ވަކީލު ކުރުމާ އެކު، އެކަލާނގެ އެންގެވި ގޮތަށް އަމަލުތައް ބެހެއްޓުމަކީ އެންމެ ނުރައްކާތެރި ހާލަތްތަކުގައި ވެސް ދޫކޮށްލައިގެން ވާނެ ކަމެއް ނޫންކަން ވެސް ހިޖުރައިން ދަސްވެ އެވެ. ހިޖުރައިގެ ދަތުރަށް ކީރިތި ރަސޫލާ ﷺ ނުކުންނެވުމާއި ފަރުބަދައިގައި ތިއްބެވުން ފަދަ ހާލަތްތަކަކީ ނުރައްކަލުން ފުރިގެންވި ހާލަތްތަކެވެ. ނަމަވެސް އެކަލޭގެފާނު މާތްﷲ އަށް ވަކީލު ކުރެއްވުމާ އެކު، ﷲގެ އަމުރުފުޅުތަކަށް ތަބާވެ ވަޑައިގެންނެވި އެވެ.

ތަބީއީ ގާނޫނު ތަކުގެ މައްޗަށް ﷲގެ ބާރު މުތުލަގުކޮށް އޮންނާނެ

ދުނިޔޭގައި ކަން ހިނގުމަށް މާތްﷲ ލައްވަވާފައިވާ ތަބީއީ ގާނޫނުތަކުގެ މައްޗަށް ﷲގެ ބާރު އަބަދުވެސް އޮންނާނެކަން ދެނެގަތުމަކީ ވެސް ހިޖުރައިން ލިބޭ ފިލާވަޅެކެވެ. ހިޖުރައިގެ ހާދިސާގައި މިފަދަ އެތައް ކަމެއް ފެނިގެން ދިޔަ އެވެ. މުޖުރިމުންތައް ކީރިތި ރަސޫލާ ﷺ ގެ ގެކޮޅު ވަށައިލައިގެން ތިއްބައި އެބައިމީހުންނަށް ނުފެނި އެކަލޭގެފާނު ވަޑައިގެންނެވުމެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިދިގުމަކުނެއް ވައު ފުރާލުމާއި ކޮތަރެއް ގޮސް ބިސްއަޅައިގެން އޮތުމެވެ. ހޮހަޅަ ހުރި ހިސާބުން މައްޗަށް އަރައިގެންނާއި އެ ތަނުގެ ދެ ފަރާތުން ހުރި ތަންތަން މުޖުރިމުން ބެލިއިރު ވެސް ގުދުވެލައި ތިރި ބަލައިލަން އެ މީހުން ހިތަށް ނޭރުމެވެ. ހަރު ބިމެއްގައި ސުރާޤަތުގެ އަސް ދުއްވާފައި ދިޔައިރު ޗަކަބިމެއްގައިހެން އަހުގެ ފައި ގަނބައި ގަތުމެވެ. އުންމު މަޢުބަދުގެ އަނަރޫފަ ބަކަރި އަށް ކިރު އަރައި ބާރު ވުމެވެ. މި ހުރިހާ ކަމަކީ ވެސް ﷲގެ ހަޒްރަތުން އައި މުއުޖިޒާތްތަކެކެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެކެވެ.

ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމުގެ މުހިންމުކަން

ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވުމުގެ މުހިންމު ކަމަކީ ވެސް ހިޖުރައިން ލިބޭ ފިލާވަޅެކެވެ. ދަރިންނާއި މައިންބަފައިންނާއި އެހެން ހުރިހާ އެންމެންނަށް ވުރެވެސް ބޮޑަށް ކީރިތި ރަސޫލާ ﷺ ދެކެ ލޯބި ވެއްޖައުމަށް ދާންދެން އެ މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެކަން އެކަލޭގެފާނު ވަނީ ބަޔާން ކުރައްވާފަ އެވެ. ހިޖުރައިގައި މުސްލިމުން ވަނީ މި ލޯބި އަމަލީ ގޮތުން ދައްކަވައި ދެއްވާފަ އެވެ. މިގޮތުން، ކީރިތި ރަސޫލާ ﷺ އާ އެކު ދަތުރުފުޅުގައި ބައިވެރިވުމުގެ އުފަލުގައި ކީރިތިކުރެއްވުމާއި، ހޮހަޅައިގައި ތިއްބެވި ހިނދު ސުއިއްޕެއްގެ ވިހައަށް ކެތްކުރެއްވުމާއި މުދަލުން ބޮޑު ހޭދައެއް ކުރެއްވުން ފަދަ ކަންކަމުން އަބޫބަކުރުގެފާނުގެ ލޯބި ހާމަވެ އެވެ. ކީރިތި ރަސޫލާ ﷺ ގެ އިންތިޒާރުގައި މަދީނާގެ އަހުލުވެރިން ގަދަ އަވީގައި ބޭރަށް ނުކުމެ ތިބީވެސް ހަމަ މި ލޯބީގެ ސަބަބުންނެވެ.

ގުރުބާންވުމާއި ފިދާވުން

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ގުރުބާންވެ ފިދާވުމުގެ ފިލާވަޅެވެ. ކީރިތި ރަސޫލާ ﷺ އާއި އަޞްޙާބުން ހިޖުރަ ކުރެއްވުމުގައި އުޒުރުތަކެއް ނުދައްކަވަ އެވެ. ތިމަންނަމެން ނުހަނު ނިކަމެއްޗޭ، ދަރިންނާއި އަނބިންނަށް ވިސްނަން ޖެހެޔޭ، ފަދަ ޝަކުވާތަކެއް ނުކުރައްވަ އެވެ. ޢަލީގެފާނު ކީރިތި ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އޮންނެވި އިރު މި އޮންނެވެނީ މުޖުރިމުންގެ ކަނޑިތަކުގެ މިޔަ މަތީގައިކަން އެނގިވަޑައިގަނެ އެވެ. ހިޖުރައިގައި ބަތަލުންގެ ރޯލު އަދާ ކުރެއްވި އެކިއެކި ބޭފުޅުން އެކަންކަން ކުރެއްވީ އޭގެ ޚަބަރު ކުޑަކޮށް ވެސް މުޝްރިކުންނަށް ލިބިއްޖެ ނަމަ ފުރާނަފުޅަށް ނުރައްކާވާނެކަން އެނގިވަޑައިގެން ތިއްބަވަ އެވެ. މިއީ ޒުވާން ޞަޙާބީންގެ ގުރުބާންވުމާއި ފިދާވުމެވެ.

ސަބަބުތަކުގައި ހިފުމާއި ރޭވުމާއި ބުއްދީގެ ބޭނުން ކުރުން

ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރޭގައި ސަބަބުތަކުގައި ހިފުމާއި ރޭވުމާއި ބުއްދީގެ ބޭނުން ކުރުމުގެ މުހިންމުކަން ވެސް ހިމެނެ އެވެ. ކީރިތި ރަސޫލާ ﷺ އާއި އަޞްޙާބުން މާތްﷲ އަށް ވަކީލު ކުރެއްވި އެވެ. އެކަމަކު ވަކީލު ކުރުން ހައްގު ގޮތުގަ އެވެ. އެހެންވެ މިކަން ތަންފީޒު ކުރުމަށްޓަކައި ވަރަށް ބޮޑަށް ރޭއްވެވި އެވެ. މި ރޭވުމާއި ތަންފީޒު ކުރުމުގައި ގާއިދަކީ ޚުދު ކީރިތި ރަސޫލާ އެވެ. އެހީތެރިޔަކީ އަބޫބަކުރުގެފާނެވެ. ފިދާވާން ހުންނެވީ ޢަލީގެފާނެވެ. ކެއިންބުއިމުގެ އިންތިޒާމުތައް ބެލެހެއްޓެވީ އަސްމާގެ ފާނެވެ. ސިއްރު އެޖެންޓަކީ ޢަބްދުﷲގެ ފާނެވެ. އަދުއްވުންނަށް އޮޅުވާލުމުގެ ބައި ކުޅުއްވީ ޢާމިރު ބުނު ފުހައިރު އެވެ. އާރުކާޓީ އަކަށް ހުންނެވީ ޢަބްދުﷲ ބުނު އުރައިޤަތެވެ.

ދަތުރު ފަށަން ހަމަޖެއްސެވީ މަދީނާ އަށް ވީ ކޮޅު ނޫން އަނެއް ކޮޅުން ޘައުރު ފަރުބަދަ އެވެ. ވަގުތަކަށް ކަނޑައެޅުއްވީ މަދީނާ އިން ނުކުންނަތާ ތިން ދުވަސް ފަހެވެ. މަގަކަށް އިޚުތިޔާރު ކުރެއްވީ އެއްގަމު މަގުގެ ބަދަލުގައި އަތިރިމަތީ މަގެވެ. މި ހުރިހާ ކަމަކުން ދަލީލު ކުރަނީ ކީރިތި ރަސޫލާ ﷺ އާއި އަޞްޙާބުން ﷲ އަށް ވަކީލު ކުރެއްވުމާ އެކު ސަބަބުތަކުގައި ހިއްޕަވައި ކަންކަން ރާއްވަވައި ބުއްދީގެ ބޭނުން ކުރައްވާ ކަމެވެ.

އަޅުކަމާއި އެ ނޫން ވެސް ކަންކަމުގައި އިޚުލާސްތެރިވުން

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ އަޅުކަމާއި އެ ނޫން ވެސް ކަންކަމުގައި ވެސް އިހުލާސްތެރިވާން ދަސްކުރަން ޖެހޭ ކަމެވެ. ހިޖުރައިގެ ކަންކަމަށް ހޭދަ ކުރެއްވުމުގައި އަބޫބަކުރުގެފާނުގެ ދީލަތިކަމުގެ ދަށުން ރަސޫލާ ﷺ ސަވާރުވެ ވަޑައިގަންނަވަން އަހެއް ދެއްވި އެވެ. އަގަށް މެނުވީ މި އަސް ބޭނުން ކުރައްވަން ކީރިތި ރަސޫލާ ﷺ އިންކާރު ކުރެއްވި އެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މީގެ ހިކުމަތަކީ ހިޖުރައަކީ އަޅުކަމަކަށް ވުމާ އެކު، އެކަލޭގެފާނުގެ އަމިއްލަ ހަރަދުގައި އެކަން ކުރައްވަން އެކަލޭގެފާނު ބޭނުންފުޅު ވުމެވެ. އެހެނީ އެ ޢަމަލުގައި އިޚުލާސްތެރިކަން ފުރިހަމަ ވާނީ އޭރުން ކަމަށް ވާތީ އެވެ.

ތާރީޚު ބެލުމުގައި ހިޖުރީ ތާރީޚަށް މުސްލިމުން އިސްކަންދިނުން

ކަންކަމުގެ ތާރީޚުތައް ބެލުމުގަ އާއި މުނާސަބަތުތައް ފާހަގަ ކުރުމުގައި މުސްލިމުން ހިޖުރީ ތާރީޚަށް އިސްކަން ދޭން ޖެހޭނެކަން މިއީ ވެސް ހިޖުރައިން ލިބޭ ފިލާވަޅެކެވެ. ކަންކަމުގައި ތާރީޚު ޖެއްސެވުމަށް ޢުމަރުގެފާނު، ހިޖުރައިގެ ހާދިސާ ބޭނުން ކުރެއްވީ ވަރަށް މުހިންމު ސަބަބު ތަކެއް އޮވެގެންނެވެ. ހަމަ އެއާ އެކު، އަހަރު ބެލުމުގައި ހިޖުރީ މަސްތަކުން އަހަރު ބަލަންޖެހޭނެކަން ޤުރުއާނުން އެނގެ އެވެ. އެހެނީ ﷲ ގެ ހަޒުރަތުގައި މަސްތަކުގެ އަދަދަކީ އެކަލާނގެ އުޑުތަކާއި ބިން ހެއްދެވިއިރު 12 ކަމާއި އޭގެ ތެރޭގައި ހުރުމަތްތެރިވެގެންވާ ހަތަރު މަސް ހިމެނޭކަން އެކަލާނގެ ބަޔާން ކުރެއްވުމެވެ. (އައްތައުބާ 36). ވީމާ މުސްލިމުންގެ މި ތަރިކަ ދޫކޮށްލުމަކީ އިސްލާމީ ސަގާފަތާ ދުރުހެލި ކުރުވާނެ ކަމެކެވެ.

މި ފާހަގަކޮށްލި ކަންކަމުގެ އިތުރުން ވެސް ހިޖުރައިގެ ހާދިސާ އިން ދަސްވާ އެހެން ކަންކަން ހުންނާނެ އެވެ. ވީމާ ހިޖުރީ ގޮތުން އައު އަހަރެއް ފެށޭ މުނާސަބަތުގައި ހިޖުރައިގެ ހާދިސާ އިން ދަސްވާ އެންމެހާ ކަންކަމާ މެދު އަޅުގަނޑުމެން ވިސްނައި ފިކުރު ކުރަން ޖެހޭނެ އެވެ. އެ ކަންކަމުން އިބުރަތް ހާސިލުކޮށް، ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭތޯ އަޒުމް ކަނޑައަޅަން ޖެހޭނެ އެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސަޅު

07 July 2024

ހިޖުރަ ކުރެއްވީ މުހައްރަމް 1 ގައެއް ނޫން

The name is already taken The name is available. Register?

އަސް

05 July 2024

ސިޔަރަތުގަ އަހަރެމެން އަޑުއަހަނީ ހިޖުރައިގެ ދަތުރުފުޅުގަ ކީރިތި ރަސޫލާ ބޭނުންފުޅު ކުރެއްވީ ޖަމަލެއް ކަމުގަ.އަހެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454