މިހާރު ލައިޓް

"އަސްރު ދިޔައީ ގެއްލިގެން": ހިތުގެ ހިމަނާރާ ކުޅެލި!

އެއީ އިންތިހާ ދަރަޖައިގެ ލޯތްބެއްގެ ވާހަކަ އެވެ. އެ ލޯތްބާ މެދު އުފެދިފައިވާ މަތިވެރި ޝުއޫރުތަކެވެ. އެ ލޯބި ގެއްލުމުން ލިބުނު މާޔޫސްކަމެވެ. އެކަމަކު ވެސް ތަގުދީރުގެ ނިޔާއަށް ގޮންޖަހައި، ދުނިޔެ މަތިން ފޫހިނުވާނެކަމުގެ ޔަގީންކަމެވެ. އެއީ މަރު ދުވަހާ ހަމަޔަށް ވެސް ނުގުޑާނެ ފަދަ އަޒުމެއްގެ ވެސް ވާހަކަތަކެވެ.

މިއީ މުހައްމަދު އަމީނުގެ ޅެންވެރިކަމުގެ ބަގީޗާގައި ފޮޅުނު މަލެއް ކަމަށްވާ މ. ބަގީޗާގޭ މަރިޔަމް ސައީދުގެ ޅެންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އަސަރުކުރުވި ޅެމެވެ. އެކަމަނާ ދިވެހި ޅެންވެރިކަމުގެ ގުލްޝަނަށް ދޫކުރެއްވި އެތަކެއް ޅެންތަކެއްގެ ވަސް މީރުކަން އޭގެ ތާޒާކަންމަތީ ދެމި އެބަ ހުއްޓެވެ. އެކަމަކު ވެސް "އަސްރުދިޔައީ ގެއްލިގެން" މި ޅެން އެތައް ގޮތަކުން ހާއްސަ އެވެ.

ހޮޅުދޫ އަބްދުﷲ ހަސަންގެ އަޑުން ރެކޯޑްކޮށް އެ ޅެން، ލަވައެއްގެ ސިފައިގައި ދިވެހިންނާ ބައްދަލުކުރީ، އެހުންތެރިންގެ ހިތުގެ އެންމެ ހިމަނާރާ ވެސް ކުޅެލަމުންނެވެ. އެ ލަވައަކީ ދިވެހިރާއްޖޭގެ އަޑުގެ ރިކުއެސްޓް ޕްރޮގްރާމްތަކުގައި އަށްޑިހައިގެ އަހަރުތަކުގައި ގިނަ ބައެއްގެ އެއް ވަނަ ހޮވުމެވެ.

ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލުން، މިހާރު އުމުރުފުޅުން 87 އަހަރުގެ މަރިޔަމް ސައީދުގެ މި ޅެމަކީ އެކަމަނާގެ ހަޔާތާ ގުޅުން ހުރި ޅެމެއް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އެއީ ނާސިރު، އެކަމަނާ ވަރިކުރެއްވުމުން ހެއްދެވި ޅެމެއް ކަމަށް ވާހަކަދެކެވެ އެވެ. ނަމަވެސް އެކަމަށް އެކަމަނާ އެއްބަސްވެވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އެއީ ކަށަވަރު ވާހަކަތަކެއް ނޫނެވެ.

"އެއީ ތިއްތައިތަގެ ޕާސަނަލް ޅެމެއްގެ ގޮތުގައި އޮންނަނީ. ވިދާޅެއްނުވޭ އިތުރަކަށް އެއީ ކޮން ކަމަކާ ގުޅުން ހުރި ޅެމެއް ކަމެއް،" މަރިޔަމް ސައީދަށް ބޮޑުދައިތަ ވިދާޅުވާ މުހައްމަދު މުއިއްޒު އަދުނާން "މިހާރު"އަށް ވިދާޅުވި އެވެ.

"އެއީ ވަރަށް ވަރުގަދަ ޅެމެއް."

އެ ޅެން ފާހަގަކުރެވެނީ ހަމައެކަނި އަސަރުން ފުރިގެންވާ ޅެމެއްގެ ގޮތުގައެއް ނޫނެވެ. ޅެންވެރިކަމުގެ ހަމައިން ބަލާއިރު ވެސް އެއީ ވަރަށް ތަފާތު މޮޅު ޅެމެކެވެ.

ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ޝާއިއުކުރި އެކަމަނާގެ ޅެން ފޮތުގެ އިސްބަހުގައި އެ މަރުކަޒުގެ އޭރުގެ ރައީސް އައްބާސް އިބްރާހިމް ލިޔުއްވާފައިވާ ގޮތުގައި "އަސްރުދިޔައީ ގެއްލިގެން" އެއީ މަރިޔަމް ސައީދުގެ ޅެންތަކުގެ ތެރެއިން އެންމެ ހާއްސަކޮށް ފާހަގަކޮށްލެވޭ އެއް ޅެމެވެ.

"މިހެން ދަންނަވާލާއިރަށް ވެސް އޭގެ މިއުޒިކް ހިތުގައި ކުޅެލެވޭ ކަހަލަ އެވެ،" އައްބާސް ލިޔުއްވާފައިވެ އެވެ.

މަރިޔަމް ސައީދުގެ ޅެންވެރިކަމުގެ މުދައްރިސަކީ އަމީން ދީދީ އެވެ. އެކަމަނާ ލިޔުއްވާފައި ވަނީ އެކަމަނާ އަށް ދިވެހި އަދަބަށް އެއްވެސް ރޮނގަކުން ވަދެވިފައިވާ ނަމަ އެކަމުގެ ފަހަތުގައި ހުންނެވީ އަމީން ކަމަށާއި އޭގެ ފަހަތުގައި ދެން ހުންނެވީ ބައްޕާފުޅު އައްޝައިހް ހުސައިން ސަލާހުއްދީން ކަމަށެވެ. އާއިލާގައި ދެން ތިއްބެވީ ވެސް އަދީބުންނާއި ޅެންވެރިންނެވެ. ބޭބޭފުޅުންނަކީ އިބްރާހިމް ޝިހާބާއި އަދުނާން ހުސައިނެވެ. ދައްތާފުޅު ފާތިމަތު ސައީދަކީ އެކަމަނާގެ ފިރިކަލުން، އަދި ކުރީގެ ރައީސް އަމީން އުފެއްދެވި ދިވެހި ޅެންވެރިކަމުގެ ބަގީޗާގެ ނަރުގިސްމަލެވެ.

ޅެންވެރިކަމުގައި މަރިޔަމް ސައީދު ކުރިއަށް ދިއުމަށް އެންމެ ބޮޑަށް ހިތްވަރު ހޯއްދެވީ، ޅެންވެރިކަމުގެ ބަގީޗާގެ ޑޭޒީމާ، އައިމިނަތު ފާއިޒާގެ ކިބައިންނެވެ. ފާއިޒާގެ ޅެންތައް ވަރަށް ބޮޑަށް ބައްލަވައި މުތާލިއާ ކުރެއްވި ކަމަށްވެ އެވެ.

މަރިޔަމް ސައީދު. --ފޮޓޯ: ދިވެހި ޑައިޖެސްޓްސް

ޅެންފޮތުގެ އިސްބަހުގައި އައްބާސް ލިޔުއްވާފައިވާ ގޮތުގައި މަރިޔަމް ސައީދުގެ މަދަރުސީ ދައުރުގައި ފުރަތަމަ އިމްތިހާނަކީ މުދައްރިސް ދެއްވި މައުޟޫއަކަށް ޅެމެއް ހެއްދެވުމެވެ. އެކަމަކު ޅެން ހެއްދެވުނީ މުޅިން އެހެން މައުޟޫއަކަށް ކަމަށްވެ އެވެ. ކުލާހުގެ ހުރިހާ ކުދިން ވެސް އެކަމާ ހީނހެދި ކަމަށްވެ އެވެ. އެކަމަކު މުހައްމަދު އަމީން އެ ޅެން ބައްލަވާލައްވާފައި ވިދާޅުވީ މަރިޔަމް ސައީދަށް ޅެން ހެއްދެވޭނެކަން މިހާރު ގައިމުވެއްޖެ ކަމަށެވެ.

ފާނޫޒު ދޮށުގައި ގަލަމާއި ގަނޑެއް ހިއްޕަވައިގެން، ކަމާކަން ފަށައި ޅެން ހައްދަވަން އިންނެވުމުގެ ބަދަލުގައި މަރިޔަމް ސައީދަކީ ހިޔާލަށް އަންނަ ޝުއޫރުތައް ފަސޭހަކަމާ އެކު ޅެން ބަހަށް ބަދަލުކުރެއްވި ޝާއިރާއެކެވެ.

އެކަމަނާ "އަސްރުދިޔައީ ގެއްލިގެން" މި ޅެން ހެއްދެވުމަށް ފަހު ބޭބޭފުޅު ޝިހާބަށް ދެއްކެވުމުން ވިދާޅުވި ކަމަށް ވަނީ "މުހައްމަދު އަމީން ވިދާޅުވިހެން މިހާރު ޅެން ހައްދަވަން ތިޔަ އެނގިވަޑައިގަތީ" ކަމަށެވެ. އަދި ނަސޭހަތެއްގެ ގޮތުން ވިދާޅުވީ "ތިޔަ ހިސާބަށް ޅެންހެއްދެވުން ދެން ހުއްޓާލައްވާށެވެ."

އެހެން ވިދާޅުވީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައެއް ނެތެވެ. ފަހަރުގައި އެ ޅެމުން ކުރެއްވި އަސަރު ބޮޑުވީ އެވެ. އެކަމަކު އެ ނަސޭހަތްޕުޅުގައި މަރިޔަމް ސައީދު ނުހިއްޕަވައި ކުރިއަށް ވަޑައިގަތީ އެވެ.

"ނަތީޖާއެއްގެ ގޮތުން ދިވެހި ޅެންވެރިކަމުގެ ތެރެއަށް މިފަދަ އަގުހުރި ޅެންތައް އިތުރުވީ އެވެ. ނޫން ނަމަ މި ފައިދާއެއް އަޅުގަނޑުމެންނަކަށް ނުލިބުނީހެވެ،" އައްބާސް ލިޔުއްވާފައިވެ އެވެ.

"މަރިޔަމް ސައީދު ޅެން ހެއްދެވުމުގައި އޭނާގެ ބައްޕަގެ ގޮތް ގެންގުޅުއްވާ ކަމަކަށް ވެސް ނުފެނެ އެވެ. އަދި ދޮންބޭބެ އިބްރާހިމް ޝިހާބުގެ ގޮތާ ތަބާވެވަޑައިގަންނަވާތީއެއް ވެސް ނުފެނެ އެވެ. ދޮންދައްތަ ފާތިމަތު ސައީދުގެ އުސްލޫބު ބޭނުންކުރައްވާފައެއް ވެސް ނެތެވެ. ބޮޑަށް ގެންއުޅުއްވާފައި ހުރީ އަމިއްލަފުޅު ގޮތެކެވެ."

"އަސްރުދިޔައީ ގެއްލިގެން" މި ޅެމުގެ ޖާދުލަކީ އެއީ ކަމަށް ވެދާނެ އެވެ. އެ ޅެމުގެ އެތައް ޝަރަހަތަކެއް އެކި ބޭފުޅުން ވަނީ ހައްދަވައިފަ އެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި އެއީ ގެއްލިގެން ދިޔަ ލޯތްބެއްގެ ވާހަކަތަކެވެ.

ޅެން ފައްޓަވާފައިވަނީ ސިކުނޑީގައި ތަސްވީރުކުރަމުން އައި އުފާވެރި ޒަމާން ގެއްލިގެން ހިނގައްޖެ ކަމަށް ބުނެ އެވެ. އެކަމަނާގެ ބަގީޗާގައި ނުހަނު ރީތި މަލެއް ފޮޅުނު ކަމަށާއި އެކަމަކު ހޫނު ޚަރީފު މޫސުމުގެ ގަދަ ވަޔާ އެކު، އެ މަލުގެ ފިޔަތައް ވިއްސިވިހާލިވެގެން ދިޔައީ އެވެ. މި ކެހިވެރި މޫސުމުގައި ގަސްގަހާގެހިން ފަތްތައް ފައިބައި، އެ ފަތްތައް ވަޔާ އެކު އުދުހިގެން ދާ ފަދައިންނެވެ.

ދެ ވަނަ ބައިތުގައި ސިފަކުރައްވާފައިވަނީ ރޭގަނޑެއްގެ ކަނު އަނދިރިކަން ދުނިގެ މައްޗަށް ވެރިވެފައިވަނިކޮށް، "އޭނަޔާ" އަދި "އަހުރެނާ" ހޭދަކުރި ލޯބީގެ ހިނދުކޮޅެއްގެ ވާހަކަ އެވެ. އެ ހަނދާންތައް ހިތުގައި ބިންވަޅު ނެގިފައިވާ ކަމެވެ.

"އެ ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. އެ ޒަމާން ނިމިގެން ހިނގައްޖެ އެވެ. ނަމަވެސް، އޭރުގެ ޝުއޫރުތައް މި ފާޅުކޮށްލެވެނީ އެވެ. އެއީ، އަހަންނާއި އޭނަޔާ ދެ މީހުންގެ ހިތުގައި އޭރު އުފެދުނު ޝުއޫރުތަކެވެ. އަހަރެމެން ދެ މީހުންގެ ދެ ހިތް ގުޅިފައިވީ މާނަ ހުރި އަސަރުގަދަ ލަހުޖާއަކުންނެވެ. އެ ހަނދާންތައް މިއާކޮށްލެވެނީ އެވެ. އަޅެ ފަހެ، މިއީ ކިހިނަކުން ކުރެވޭ ކަމެއް ހެއްޔެވެ؟،"

މަރިޔަމް ސައީދު (ވ) އިބްރާހިމް ނާސިރާ އެކު. --ފޮޓޯ: ދިވެހި ޑައިޖެސްޓްސް

އިތުރު ބައިތުތަކަށް ބަލާއިރު މިއީ މިގޮތަށް ލިޔާ ފުރަތަމަ ސަފުހާ ކަމަށް ބުނެފައިވެ އެވެ. އަދި ލޯބިވެރިޔާ އަށް ހިތުގައި ދެވިފައިވާ މަތިވެރިކަން ސިފަކުރައްވާފައިވެ އެވެ. އެގޮތުން އުޑުގެ ވިދުވަރުތަކާއި ތަރިތަކުގެ ވިދުންތައް ކަސިޔާރުވެ އެއިން ދައްކައިދޭ ރީތި ކުލަތައް، ދުނިޔެ މައްޗަށް ވުޖޫދުވީ ލޯބިވެރިޔާގެ ސޫރައާ އެކުގައި ކަމަށް ލިޔުއްވި އެވެ.

އަދި ދެ ރޫހު ގުޅި، އެންމެ ފަހުން ދެ ރޫހު އެކުވި ކަމަށް ވެސް ޅެމުގައިވެ އެވެ. އިންތިހާ ދަރަޖައިގެ ލޯތްބެވެ. އަދި އެ ލޯބި ގެއްލުމުގެ ވޭނާއި އުދާސް ސިފަކޮށްފައިވަނީ، ރާޅުބިންދަމުންދާ ކަނޑެއްގެ ތެރޭގައި ހުންނަ ކަމުގެ އިހުސާސުންނެވެ. އެކަމަކު ވެސް އެއްވެސް ޝަކުވާއެއް ނެތެވެ. ލޯބީގެ ތާރީހުން ލޯބިވެރިޔާގެ ނަން ފޮހެވުނަސް، އަދި ފިސްވެ، ތޫފާނުގައި ޖެހި މަރުދޭން ޖެހިފައިވިޔަސް، ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އެ ލޯބި އޮޔާ ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ދިރިއުޅުމަކީ ދައްޗާއި އުނދަގުލުގައި ވެސް ކުރިއަށް ދިއުން ކަމަށާއި ތަގުދީރުގައި މިންވަރުކޮށްފައިވާ ނިޔާ އެއްވެސް މީހަކަށް ބަދަލުނުކުރެވޭ ކަމަށް ޅެމުގައިވެ އެވެ. އަދި ކިތަންމެ މާޔޫސްވިޔަސް، އެކަމުން ލިބުނު އިބްރަތާ އެކު އެންމެ ފަހު ނޭވަޔާ ހަމަޔަށް ވެސް ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް އޭގައި ބުނެ އެވެ.

މި ޅެމުން މަރިޔަމް ސައީދުގެ ހަޔާތްޕުޅު ވަރަށް ބޮޑަށް ސިފަކުރެވެ އެވެ. އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމުގައި، މަރިޔަމް ސައީދު ވަރިކުރެއްވިއިރު ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ނާސިރުގެ ވެރިކަމަށް ފަހު، އެކަމަނާ އަށް ކުރިމަތިވެވަޑައިގަތީ ހިތްދަތި ދުވަސްތަކެކެވެ. ދެ ދަރިކަލުން ވެސް މި ދުނިޔެ ދޫކުރެއްވީ އެވެ.

ލަންކާއަށް ދިރިއުޅުން ބަދަލުކުރެއްވުން

ދިވެހި ޑައިޖެސްޓްސް އަށް އެކަމަނާ އަތުން ލިއުއްވައި 2013 ވަނަ އަހަރު ކުރީކޮޅު ފޮނުއްވި ސިޓީގައި އެ ވާހަކަތައް ބަޔާންކުރެއްވި އެވެ. އެގޮތުން ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު، ދޮށީ ދަރިފުޅު އަލީ ނާސިރުގެ ކުންފުންޏަކާއި ރާއްޖޭން ބޭރުގައިވާ ރާއްޖެ ބައިވެރިވާ ކުންފުންޏަކާ ދެމެދު މައްސަލަ ޖެހި އަލީ ނާސިރު ކޯޓަށް ގެންދިޔަ އެވެ. އެ މައްސަލަގަނޑުގެ ތެރޭގައި އުޅެނިކޮށް، ހަގު ދަރިފުޅު މުހައްމަދު ނާސިރު އަވަހާރަވީ އިނގިރޭސި ވިލާތުގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވަން ހުންނަވަނިކޮށެވެ. އުމުރުން 22 އަހަރުގެ ދަރިފުޅުގެ ޖަނާޒާ އަށް، އޭނާގެ ބޭބެ އަލީ ނާސިރަށް ވަޑައެއްނުގެންނެވުނެވެ. ގޭބަންދުގައި ހުންނެވުމުންނެވެ.

ދެން ދިމާވީ މާ ތަފާތު މައްސަލައެކެވެ. އިބްރާހިމް ނާސިރާ ދެކޮޅަށް ހެންވޭރު ބޯޅަދަނޑުގައި ސަރުކާރުން ކުރި މުޒާހަރާއަކަށް ދާން އެންގި އެންގުމެވެ. އެކަމަކު ދެ ކުދިންގެ ބައްޕައާ ދެކޮޅަށް ކުރާ އެފަދަ މުޒާހިރާއަކަށް ދެވެން ނެތް ކަމަށް ވިދާޅުވެ މަރިޔަމް ސައީދު ރައީސް މައުމޫނަށް ސިޓީފުޅެއް ފޮނުއްވި އެވެ. އޭގެ އަނެއް ދުވަހު ރައީސް އޮފީހުން ފޯނުކޯލެއް އަ އެވެ. ތެދަށް ދެންނެވިކަމަށްޓަކައި ވަރަށް އުފާފުޅުކުރައްވާކަމަށް ރައީސް ވިދާޅުވި ކަމަށް ބުނެ އެވެ.

އޭގެ އަނެއް ދުވަހު އަތަށް ދިއްކޮށްލީ ރައީސް އޮފީހުގެ ފޮތެކެވެ. އޭގައި އޮތީ އެކަމަނާ ވެސް ހިމެނޭ ގޮތަށް އިތުރު ބައެއް ބޭފުޅުންނަށް އެވަގުތުގައި ސަރުކާރުގެ އެހީފުޅެއް ބާއްވަވަން ފެނިވަޑައިނުގަންވާތީ، އެދުވަހުގެ ފަހުން ދިވެހި ސަރުކާރުގެ އެއްވެސް އެހީފުޅެއް ނޯންނާނެ ވާހަކަ އެވެ.

މަރިޔަމް ސައީދު (ކ) އިބްރާހިމް ނާސިރާއި ދަރިކަލުން އަލީ ނާސިރާ އެކު. --ފޮޓޯ: ދިވެހި ޑައިޖެސްޓްސް

އޭރު މަރިޔަމް ސައީދަށް ލިބިވަޑައިގަންނަވަމުން އައީ، މާފަންނު މަދަރުސާ ކަމަށްވާ މަދަރަސުލް ސަލާހިއްޔާގެ މުދައްރިސްގެ މުސާރައަކާއި ރަންނަބަނޑޭރި ކިލެގެފާނު ކުރީއްސުރެ ދެއްވަމުން އައި ފައިސާކޮޅެއްގެ އިތުރުން ބޮޑުވަޒީރުގެ އަނބިކަނބަލުންގެ މުސާރަ އެވެ. އެކަމަނާގެ ދެ ބޭފުޅުންގެ ބައްޕަ އަށް ހަޖޫޖަހައި، ކުރި މުޒާހިރާއަކަށް ވަޑައިނުގެންނެވުމުން އެ މުސާރަކޮޅު ވެސް "ގެއްލުނީ" އެވެ. އެކަނިވެރި މައެއް ބިކަވީ އެވެ.

ދުވަސްކޮޅެއް ފަހުން ދަރިކަލުންނާ އެކު ސްރީ ލަންކާ އަށް ވަޑައިގަތެވެ. ހައެއްކަ ދުވަހަށް ފަހު އެނބުރި ވަޑައިގެން ކުރިން ވެސް އުޅުއްވި ހ. ބަންޑާރަވިލާގައި އުޅުއްވަން ފެއްޓެވި އެވެ. އެކަމަކު އެތަނުން ނުކުންނަވަން ސަރުކާރުން އެންގީ އެވެ. އެއާ އެކު އެނބުރި ލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ގޮތަށް އަދިވެސް އެ ހުންނެވީ އެ ގައުމުގަ އެވެ. ފަހަކާ ޖެހެންދެން ދޭތެރެ ދޭތެރެއިން މާލެ ވަޑައިގަންނަވަ އެވެ.

"ފަހަކާ ޖެހެންދެއް ވެސް ޅެންވެރިކަން ވެސް ކުރެއްވި. ބައެއް ޅެންތައް ނޫސް މަޖައްލާތަކުގައި ވެސް ޝާއިއުކުރި. އެކަމަކު މިހާރު އަތްޕުޅުން ލިޔެ ހައްދަވަން އުނދަގޫފުޅުވީމާ އެކަމާ ދުރުގައި ހުންނެވީ،" މުއިއްޒު ވިދާޅުވި އެވެ.

އުމުރުފުޅުން މިހާރު 87 އަހަރުވެ، މުސްކުޅި ބަލީގެ ސަބަބުން ހާލުކޮޅު ދެރަ އެވެ. އެކަމަކު އަދިވެސް އެކަމަނާގެ ޖޯޝަކަށް ބަދަލެއް އައި ކަމަށް ނުފެނެ އެވެ. "އަސްރުދިޔައީ ގެއްލިގެން" ޅެމުގައި ވާ ފަދައިން އެކަމަނާ އަދިވެސް އެ ހުންނެވީ ސާބިތުކަންމަތީގަ އެވެ. ދިރިއުޅުން ގެއްލި، އަމިއްލަ ވަޒަނާ ދުރުގައި އެތައް އަހަރެއް ހޭދަކުރައްވަން ޖެހުނަސް ޝަކުވާއެއް ނެތެވެ.

"އަޅުގަނޑަށް ދިމާވެފައިމިވާ އެއްވެސް މިކަހަލަ ހާދިސާއަކީ، ތިޔަ ބޭފުޅުންގެ ހަމްދަރުދީއަކަށް، އަޅުގަނޑު އެދޭ، ޝިކުވާއެއް ކަމަށް ނުބައްލަވާށެވެ! ނުވަތަ ތިޔަ ބޭފުޅުންގެ ހިތްޕުޅުތަކުން އަޅުގަނޑު އެދޭ އިންސާފެކޭ ވެސް ނުހިއްތަވާށެވެ،" ޑައިޖެސްޓްސް އަށް ފޮނުވި ސިޓީ ނިންމަވާލައްވަމުން މަރިޔަމް ސައީދު ލިއުއްވި އެވެ.

ޅެމުގައި ބުނެފައިވާ ފަދައިން އަޒަލުގެ ނިޔާ އަހަރެމެންނަށް ބަދަލެއް ނުކުރެވޭނެ އެވެ. އުދުހިގަންނަން ދަންމާލި ފިޔަ، އުދުހިނުގަނެވުނަސް މޯޅިކޮށްގެންނުވާނެ އެވެ. އެފަދަ ނާކާމިޔާބީތަކުން ލިބޭ އިބްރަތާ އެކު، ފަހު ނޭވަޔާ ހަމަޔަށް ވެސް ހިތްވަރާ އެކު ދިރިއުޅޭށެވެ. އަމިއްލަ ހަޔާތާ ގުޅުން ހުރި ޅެމެއް ކަމަށް ވިޔަސް އެ ޅެމުން އެކަމަނާ އެހެން މީހުންނަށް ދެއްވާފައި އެވަނީ އަގުހުރި ނަސޭހަތްތަކެކެވެ.

70 ކޮމެންޓް, 344 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 92%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަސްރަފް

17 December 2017

މައުމޫން ގެ ހެޔޮފުޅު ކަމުން އެކަނިވެރި މައްމަ އެއް ގައުމުން ވެސް ބޭރު ކޮއްލީ

The name is already taken The name is available. Register?

ޖަބްޖަބް

17 December 2017

މައުމޫން ބޭރުކޮށްލީކީނޫން ކަމާއި އަމިއްލަފުޅަށް ވަޑައިގަތީކަމަށް އެކަމަނާގެ އަމިއްލަފުޅު ލިޔުމުން އެނގެނީ.

The name is already taken The name is available. Register?

ދިވެހި ދަރި

05 February 2022

ލޮލް

The name is already taken The name is available. Register?

ފިނިފެންމާ

17 December 2017

ޔަހުޔާ ބޭނުމިއްޔާ ހަތިފުށީ ޝާކިރުގެ ފޮޓޯއެއް ފޮނުވަާ ދީފާނަން.ވައިބަރ ނަމްބަރ ފޮނުވާދެއްވާ.

The name is already taken The name is available. Register?

މަރިޔަމް ސައީދު

17 December 2017

ހާދަ ކިޔާހިތުން ނޭ މިކިޔާލީ މި ހަބަރު. ވަރަށް ރީތި ހަބަރް. މިފަދަ ލިޔުންތައް ތަންކޮޅެއް ގިނަކޮށްލަ ދެއްވާ

The name is already taken The name is available. Register?

ޭެމަރިޔަމްސަައަދަަ

17 December 2017

ޥަރައްމޮް ބެއިފުލެއް

The name is already taken The name is available. Register?

ހިމަނާރު

17 December 2017

ޙަޤީޤަތުގައިވެސް ލަވަ އަޑުއަހާލުމުން ހިތުގެ ހިމަނާރާ ކުޅެލައިފި. މަރިޔަމް ސަޢީދުގެ ދޫފުޅުން ސީދާ ވިދާޅުނުވިޔަސް އެއީ ހަމަ އެކަމަނާގެ ޙަޔާތްޕުޅުގެ ދާސްތާނާކަމަށް ވަރަށްބޮޑަށް ޤަބޫލުކުރެވޭ. އެކަމަނާއަށް ރަޙްމަތްލައްވާ ދެ ދަރިކަލުންނާއި ފިރިކަލުންގެ ފުރާނަފުޅަށްވެސް ރަޙްމަތްލައްވާށި. އާމީން.

The name is already taken The name is available. Register?

ސައްޔާހް

17 December 2017

މިއީ ކިޔާ ހިތްވާ ޒާތުގެ މޮޅު ލިޔުމެއް.. މީގެ ލިޔުންތައް ގިނަކޮށްލުން އެދެން.. އިބްރަތެރި ފިލާވަޅު ތަކެއް..

The name is already taken The name is available. Register?

ހަސަން މ

17 December 2017

ދުނިޔޭގެ ކަންތައްތައްދާނީ އަބަދުވެސް މިކަހަލަގޮތަކައް ފަހުންއަންނަމީހުންނައް އެކަންތައްތަކާ ވިސްނާފައި ރޯނެ އަސަރުވެސްކުރާނެ (ކަމެއް ހިގީމާ އެކަމެއްނުވާކަމަކައް ނުހެދޭނެ ކޮންމެމީހަކުވެރިކަމުގައި ހުރިކަމުގައިވިޔަސް، މަވެއެދެން ހުރިހާމީހުންނައްވެސް އޯގާތެރިކޮއްކަންތައްތައް ކޮއްދިނުމަށް ،އަމިއްލައެދުން އިސްނުކޮއް.

The name is already taken The name is available. Register?

މަރީ

17 December 2017

މަގޭ މައްމަގެ އެންމެ ފޭވަރިޓް ސޯންގް... ވަރަށް ރީތި ވަރަށްވެސް އަސަރުގަދަ..

The name is already taken The name is available. Register?

ސިރާޖު

17 December 2017

މިފަދަ ލިޔުންތައް ތަންކޮޅެއް ގިނަކޮށްލަ ދެއްވާ

The name is already taken The name is available. Register?

ސަމައިދާ ބިން ބުހައިސާ

17 December 2017

ނިކަން ބައްލަވާށެވެ! އެހުރީ ހަމަ ރަން ތިރީސް އަހަރު ފެށުމުގައިވެސް އަނިޔާވެރިކަން ހުރިމިންވަރެވެ! ދިރިތިބީންނެވެ! މީހަކަށް ކިތަންމެ ކުޑަ އަނިޔާއެއް ދިނަސް އެއަނިޔާވެރިޔާއަށް މިދުނިޔޭގަ އޭގެ ހިތި ކޮންމެވެސް ގޮތަކަށް ލިބިދެވޭނެކަން ކަށަވަރެވެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454