15 ޖުލައި 2024 - 13:59
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް, ރައްކާތެރިކަން ކަށަވަރު ކުރުމަށް އިތުރު ދެ ޗެކްޕޯސްޓް ހަދައިފި އެވެ.
އެމްއޭސީއެލް އިން އެއާޕޯޓުގެ ހުޅަނގާއި އިރުމަތީގައި ހުޅުވި މި ޗެކްޕޯސްޓުތަކުގެ ބޭނުމަކީ އެއާ ސައިޑަށް ވަންނަ މީހުންނާއި އުޅަނދުތައް ޗެކް ކުރުމެވެ. ޒަމާނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު، ހުޅުވި މި ޗެކްޕޯސްޓްތަކުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ރާއްޖެ އަށް ގެނައުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އަލަށް އިތުރުކުރި ދެ ޗެކްޕޯސްޓަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ވެސް އެޅި އިތުރު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
"މި ޗެކްޕޯސްޓުތަކަކީ ރާއްޖެ އަށް އެތެރެވާ ޑްރަގާއި ކޮންޓަރަބޭންޑްސް ހިފެހެއްޓުމަށް ކަސްޓަމްސް އިން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެމްއޭސީއެލް އިން މަސައްކަތް ކުރަނީ ހުރިހާ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ކަސްޓަމްސްގެ މަސައްކަތްތައް ވެސް ހަރުދަނާ ކުރެވޭނެ ސެކިއުރިޓީ އިންތިޒާމްތައް މިހާރަށް ވުރެ ބޮޑަށް ފުރިހަމަ ކުރުމަށް ކަމަށެވެ. އެއާޕޯޓުގެ އެތެރޭގެ ސަލާމަތީ ކަންތައްތައް ކަށަވަރު ކުރުމަށް އެއާ ސައިޑުން އިތުރަށް ލަގެޖް ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްޑީ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
15 July 2024
ކަސްޓަމް ޤާނޫނުގެ ދަށުން އެފަރާތަށް ލިބިގެންވާ ބާރު ތަކާއި އެއަރޕޯޓް ތަކުގެ ރައްކާތެރިކަން ބަލަހައްޓާ އެވިއޭޝަން ކޮމާންޑްގެ ޒިންމާތަކާއި މިއީ އެކައްޗެއް ކަމަކަށް ނެހެދޭނެ. # މިހާރުވެސް ރާއްޖޭގެ ކަނޑާއި ވައިގެ ބައިނަލް އަޤުވާމީ ބަނދަރު ތަކުގައި މުދާ އެތެރެކޮށް ބޭރު ކުރުމުގައި ކަސްޓަމް އިން އަދާކުރާންޖެހޭ ޒިންމާތައް ބަނދަރު ތަކުގެ ޒިންމާތަކެއްގެ ގޮތުގައި ދޫކުރެވިފައިވާތަން ފެނޭ. މިއީ ވަރަށްދެރަ އަދި ނުރައްކާތެރި އަވަސް ހައްލެއް ހޯދަންޖެހޭ ކަމެއް.