ވިޔަފާރި / މީހުން

ދަތުގެ ފަރުވާގައި ޑރ. ނާއިފާއަށް އޮތް އިތުބާރުން ހުޅުވި ކްލިނިކް

ޑރ. ނާއިފާ ޑެންޓިސްޓްރީގައި 27 އަހަރު މަސައްކަތްކުރެއްވުމަށް ފަހު ހުޅުވި ކްލިނިކުގައި މަޑުކޮށްލައްވައގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އޭ ލެވެލް ނިންމިއިރު، ޑރ. ނާއިފާ އަފީފް، ހިދުމަތް ކުރާނީ ކޮން ދާއިރާއަކުންތޯ ނުނިންމަވަ އެވެ. އެކަމަކު ހިތާއި ސިކުނޑީގައި އެނބުރެމުން ދިޔައީ ގިނަ ބަޔަކަށް އެހީވެވޭނެ ގޮތެކެވެ. އުއްމީދު ކުރެއްވީ، ޝައުގުވެރިވެވަޑައިގަންނަވާ އަދި އޭނާގެ ހިދުމަތް ބަލައިގަންނަ ދާއިރާކުން އެންމެ ދުރަށް ވަޑައިގަތުމަށެވެ.

އޭނާގެ އެ ހުވަފެން ހަގީގަތަށް ވާން ނަސީބު އަތުގައި ހިފި އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގައި ހިދުމަތް ދެއްވާ އަދި އަމިއްލަ ކްލިނިކް، "އޯރަކެއާ" ހިންގަވަމުން އަންނަ ނާއިފާ އަކީ ރާއްޖޭގައި މިހާރު އެ ދާއިރާ އިން އެންމެ ކުޅަދާނަ، ތަޖުރިބާކާރު އެއް ޑޮކްޓަރެވެ. ހިދުމަތުގައި އޭނާ 27 އަހަރު ހޭދަކުރައްވައިފި އެވެ.

މި ހިސާބަށް އޭނާ އަށް ވަޑައިގެންނެވުނީ ފުރަތަމަ ވަޒީފާ އިންނެވެ. ސެންޓްރަލް ކްލިނިކުގެ ދަށުން ހިންގާ ޑެންޓަލް ކްލިނިކުގެ އެހީތެރިއެއްގެ ގޮތުގައި އުޅުއްވަނިކޮށް ފަހިވީ ޑެންޓަލް ހައިޖީން އާއި ޑެންޓަލް ތެރަޕީ ކިޔެވުމުގެ ކޯހެކެވެ. އިނގިރޭސި ވިލާތުން ލިބުނު އެ ކޯހަށް ދަތުރު ފެއްޓެވި އިރު، ނާއިފާގެ ދެ ވަނަ ވިސްނުމެއް ނެތެވެ.

"[ވަޒީފާއާ] ހިސާބުން މި ކަމަށް، ޑެންޓިސްޓަކަށް ވާން ޝައުގު އުފެދިއްޖެ،" މި ދާއިރާ އިން ނާއިފާގެ 27 އަހަރުވީ ހިދުމަތް ފެއްޓެވި ގޮތް ވިދާޅުވެދެއްވި އެވެ.

ނާއިފާ ފެއްޓެވި އިރު ދަތުގެ ފަރުވާގެ ހިދުމަތުގެ ދާއިރާގައި ގޮންޖެހުންތައް ގިނަ އެވެ. އަންހެން ޑެންޓިސްޓުން މަދުވުމަކީ ވެސް ކުރިއަށް ވަޑައިގަތުމަށް އުނދަގޫވި ސަބަބެކެވެ.

"އަޅުގަނޑު މި ދާއިރާ އަށް ނުކުތް އިރު މި މަސައްކަތުގައި އުޅޭ ދިވެހިން މަދު. ގިނައިން އޭރު ފެންނާނީ ވެސް މި މަސައްކަތުގައި ފިރިހެނުން. އޭރު ހިތަށް އެރީ، ޗެލެންޖިން ކަމެއް ވީމާ، އަންހެނުން މި ދާއިރާއަށް ނުނިކުންނަނީ އޭ. އެކަމަކު މިހާރު އެ މަންޒަރު ބަދަލުވެއްޖެ،" ރާއްޖޭގެ ޑެންޓިސްޓްރީ ދާއިރާ އަށް އެންމެ ފުރަތަމަ ނުކުތް އަންހެން ޑެންޓިސްޓުންގެ ލިސްޓުގެ އެންމެ ކުރީ ހިމެނިވަޑައިގަންނަވާ ނާއިފާ ވިދާޅުވި އެވެ.

ޑެންޓަލް ހައިޖިނިސްޓެއްގެ ގޮތުގައި ޑެންޓިސްޓްރީ އަށް ނުކުންނެވި އިރު ޑރ. ނާއިފާއަކީ މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމަންޓުގެ އެކްޓިން އެޗްއޯޑީއޯ އެވެ. އޭނާއަކީ އެ ހޮސްޕިޓަލުގެ އެންމެ ކުޅަދާނަ އެއް ޑެންޓަލް ސާޖަން އެވެ.

ޑރ. ނާއިފާ އޭނާގެ ކްލިނިކްގައި ހިދުމަތް ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހޯއްދެވި އިތުބާރަކީ ކުރިއަށް ވަޑައިގަތުމުގެ މަގު

ކެރިއަރުގެ އެންމެ ކުރީގެ ހަނދާންތައް އާ ކުރައްވަމުން ނާއިފާ ވިދާޅުވީ ޑެންޓަލް ތެރަޕިސްޓެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ކަމަށެވެ. އޭނާ 1996 ގައި އެ ހޮސްޕިޓަލާ ގުޅިވަޑައިގެންނެވި އިރު، ޑެންޓިސްޓްރީގައި މަސައްކަތް ކުރަން ތިބީ މަދު ބަޔެކެވެ. ހިދުމަތަށް ހުސްކުރެއްވި ވަގުތާއި ބެހެއްޓެވި ފަރުވާތެރިކަމުގައި އޭނާ އަށް ގިނަ ބައެއްގެ އިތުބާރު ލިބުނެވެ.

މި ދާއިރާ އިން ކުރިއަށް ވަޑައިގަތުމަށް ނާއިފާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް އެއީ އެވެ.

ޑެންޓަލް ތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، އަނެއްކާ ވެސް އިތުރު ތައުލީމު ހޯއްދަވައި ޑރ. ނާއިފާ ދެން ނުކުންނެވީ ޑެންޓިސްޓަކަށެވެ. އައިޖީއެމްއެޗްގެ ސީނިއާ ޑެންޓިސްޓެއްގެ ގޮތުގައި ހިދުމަތް ދެއްވަން ފެއްޓެވީ 2002 ވަނަ އަހަރެވެ.

ނާއިފާ ހިދުމަތް ދެއްވަނީ: އޭނާއަށް ކުރިއަށް ވަޑައިގެންނެވުނީ ހޯއްދެވި އިތުބާރުން. -- ފޮޓޯ | ފަޔާޒް މޫސާ

"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަޅުގަނޑުގެ ކެރިއާ ފެށި އިރު އައި ޕޭޝަންޓުން އަދިވެސް އެބަ އާދޭ. އެ މީހުންގެ ދަރިންނާއި މާމަ، ކާފަ ދަރިން ވެސް ހަމަ އަޅުގަނޑަށް ދައްކަން ގޮވައިގެން އެބަ އާދޭ އަޅުގަނޑަށް ކުރާ އިތުބާރުގެ ސަބަބުން. އަޅުގަނޑު ބުނާނީ ޕޭޝަންޓުގެ ފަރާތުން ލިބުނު އިތުބާރަކީ އަޅުގަނޑު މި ދާއިރާގައި ކުރިއަށް ދިއުމުގެ ސިއްރޭ،" ޑރ. ނާއިފާ ވިދާޅުވި އެވެ.

"އަދި މިހާރު ހުރި ހިސާބަށް އައިސް އަމިއްލަ ޕްރެކްޓިސްއެއް ފަށައި، ކްލިނިކެއް ހުޅުވުމާ ހިސާބަށް މި ދިޔައީ ވެސް އެހެންވެ އޭ."

އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އަމިއްލަ އެކި ކުލިނިކްތަކުގައި މަސައްކަތް ކުރެއްވުމަށް ފަހު، އެ ތަޖުރިބާގެ އަލީގައި ޑރ. ނާއިފާ މިއަދު ހުންނެވީ ހިތްހަމަޖެހިވަޑައިގަންނަވާ ހިސާބެއްގަ އެވެ. އަމިއްލަ ކްލިނިކުން ވެސް ފަރުވާ ދެއްވުމުގެ މަގު ފަހިވެފައި އޮތުމަކީ އޭނާ އަށް ލިބިވަޑައިގަންނަވާ ޚާއްސަ އުފަލެކެވެ.

"އެކި ތަންތަނުގައި މަސައްކަތް ކުރުމަށް ފަހު، މިހާރު މި އޮތީ ކެރިއަރުގެ އެންމެ ޗެލެންޖިން މަސައްކަތް ވެސް ފެށިފައި. އަމިއްލަ ކްލިނިކެއް ހިންގުމަކީ އުނދަގޫ، ބުރަ މަސައްކަތެއް. އެކަމަކު ގިނަ ޕޭޝަންޓުންނަށް އަޅުގަނޑުގެ ފަރާތުން ހިދުމަތް ފޯރުކޮށްދީ، އަޅުގަނޑު އިތުބާރު ކުރާ އެކި ޑެންޓިސްޓުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތަން ހުޅުވީ. މިވީ ކުޑަ ދުވަސްކޮޅުގަ ވެސް އަޅުގަނޑަށް އިތުބާރު ކޮށް ޕޭޝަންޓުން މި ތަން ބަލައިގަންފި،" ޑރ. ނާއިފާ ވިދާޅުވި އެވެ.

ޑެންޓަލް ސާޖަން ވިދާޅުވި ގޮތުގައި މި ހިދުމަތަކީ ސިކުނޑިއަށް ބާރު ބޮޑު ހައްޓަށް ވަރުބަލި މަސައްކަތެކެވެ.

"ވަރަށް ގިނަ އިރު އެއް ގޮތަކަށް ހުންނަން ޖެހިދާނެ ދަތެއް ނަގަން. އަނެއްކާ ކަނދުރާ އަށް ވަރަށް ވާން ކުރާނެ މިކަމުގައި އުޅޭ އިރު. އެ ކަހަލަ ފިޒިކަލް ގޮންޖެހުންތަކެއް ހުރޭ. އަނެއްކާ ޕޭޝަންޓުން އާއްމުކޮށް ސާޖަރީ ހަދަން އަންނަ އިރު ހުންނާނީ ވަރަށް ވޭނުގައި. އެހެންވީމާ އެ ހުރިހާ ކަމަކާ ޑީލްކޮށް ހެދުމަކީ ކިހާ ޗެލެންޖިންކަމެއް ކަން އަސްލު މި ކަމުގަ ނޫޅޭ މީހަކަށް ނޭނގޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ ބުރަކަމާއި ގޮންޖެހުންތަކާ އެކު ވެސް ވަރުބަލިކަން އިހްސާސް ނުވަނީ މި ދާއިރާއަށް ޑރ. ނާއިފާގެ އޮތް ލޯތްބެވެ.

ޑެންޓިސްޓްރީ އަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން، އެ ފަދަ ގޮންޖެހުންތަކާ އެކު ވެސް، މި ކަމަށް ހޭދަ ކުރާ ވަގުތަކަށް ވަކި ބަދަލެއް ނާދެ އެވެ. ހާއްސަކޮށް "އޯރަކެއާ"އާ އެކު މި ކަމަށް ހޭދަ ކުރާ ވަގުތު ވަނީ އިތުރުވެފަ އެވެ.

ހަފްތާއަކު ތިން ދުވަހު ޓްރީ ޓޮޕްގައި ޕޭޝަންޓުންނަށް ފަރުވާ ދެއްވުމަށް ފަހު، ދެން ހުރިހާ ވަގުތެއް އޭނާ ހުސްކުރައްވަނީ އަމިއްލަ ކްލިނިކްގަ އެވެ. ރެ އާއި ދުވާލު ފޫހިކަމެއް ނެތި އޭނާ ހުންނަވަނީ ހިދުމަތަށް ހުސްވެ އެވެ.

ޑރ. ނާއިފާގެ އޯރަކެއާ ކްލިނިކުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑެންޓަލް ތިން ޗެއާއާ އެކު ހިދުމަތް ދެމުން އަންނަ އޯރަކެއާގައި ޑރ. ނާއިފާގެ އިތުރުން ޑެންޓަލް ސްޕެޝަލިސްޓަކާއި ވިޒިޓިން އޯތަޑެންޓިސްޓެއް ހިދުމަތް ދެއްވަ އެވެ. އެ ކްލިނިކުގެ މަސައްކަތުގައި ނާއިފާ އެކު އިސްކޮށް އުޅުއްވަނީ ފިރިމީހާ އާއި ދަރިފުޅެވެ.

"ކްލިނިކްގެ އޮޕަރޭޝަންސްތަކުގައި ފިރިމީހާ އާއި ދަރިފުޅުގެ ބައިވެރިވުން ވަރަށް ބޮޑު. އެ ދެ މީހުން ވެސް ގިނަ ވަގުތު ހޭދަކުރަނީ މި ތަނުގެ އެކި މަސައްކަތްތަކުގައި. ކްލިނިކެއް އަޅުގަނޑަށް މި ހިންގެނީ އަޅުގަނޑުގެ އާއިލާގެ ސަބަބުން،" ޑރ. ނާއިފާގެ ދުނިޔެ އިން ކުރިއަށް ވަޑައިގަތުމަށް އާއިލާއިން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރެއްވި އެވެ.

ހިދުމަތް ކުރައްވާނެ ދާއިރާއަކާ މެދު ސުވާލު އުފެދުނު ނާއިފާ އަށް 27 އަހަރުގެ ތެރޭގައި އެތައް ބައެއްގެ ލޯތްބާއި އިތުބާރު ލިބިއްޖެ އެވެ. އެއީ، އޭނާ މި ދާއިރާ ދޫކޮށް ނުލައްވަން ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އެހެންވެ ދެން ވެސް ކުރިމަތީގައި އޮތީ، ޗެލެންޖެކެވެ.

އިތުބާރުކުރާ މީހުން ބޭނުންވާ ގޮތަށް، ކުރިއަށް ވަޑައިގަތުމަށް "އޯރަކެއާ" ގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަރައްގީ ކުރުމެވެ. އެއީ އޭނާއަށް ކުރި އިތުބާރު ދެމިއޮންނާނެ ކްލިނިކަކަށް ހެއްދެވުމެވެ.

"އުއްމީދަކީ ކުރެވެން އޮތް އެންމެ ބޮޑަށް މި ކްލިނިކް ފުޅާކުރުން،" ޑރ. ނާއިފާ ވިދާޅުވި އެވެ.

އޭނާ މި ދާއިރާ އިން ރިޓަޔާ ކުރައްވާ އިރު ވެސް ހިތްދޫވި ދާއިރާއިން ހިދުމަތް މެދުނުކެނޑި ލިބެން ބޭނުންވުމަކީ މިހާރު އެންމެ ބޮޑު އަޒުމެވެ.

15 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 78%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބަލީ1

25 June 2023

ޑރ.ނާއިފާ އަކީ ވަރަށް ހިތްހެޔޮ ރަގަޅު ޑޮކްޓަރެއް. އަހަރެން ޑރ. ނާއިފާ އޭޑީކޭ ގަ އުޅުއްވި އިރު ޑރ. ނާއިފާ އަށް ދެއްކިން. އެކަމުގަ އަހަރެން އަތުން ނަގަންނުޖެހޭ ފައިސާ އެއް އޭޑީކޭ އިން ނަގާފަވާތީ އަހަރެން ގެއަށް އައުމަށްފަހު ޑރ. ނާއިފާ އަހަރެންނާ ގުޅުއްވާ އަހަރެން އޭޑީކޭ އަށް ގެންގޮސް ޑރ. ނާއިފާ އޭޑީކޭ އޮފީހަށް ގޮސް އެފައިސާ ހޯދަވައިދެއްވި.

The name is already taken The name is available. Register?

މަންދު ހުސައިން

18 May 2023

ހަމަ ސަތޭކައިގެ ޑޮކްޓަރެއް ނާއިފާ އަކީ. ވަރަށް ހިތްހެޔޮ ހަމަ އެހާމޮޅު ޑެންޓިސްޓެއް. އަޅުގަޑު އޯރަކެއާގެ ހިދުމަތް ހޯދިން. ކައުންޓަރުގައި ކުއްޖާވެސް ވަރަށް ބަރާބަރު. ބަލިމީހުންދިޔައީމަ ވާހަކަ ދައްކާ ގޮތުންވެސް ވަރަށް ހިތްހަމަ ޖެހުނު. މާތްﷲ ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން

The name is already taken The name is available. Register?

ފާއި

18 May 2023

ޑރ.ނާއިއަކީ ހިތްހެޔޮ އަދި ވަރަށްމޮޅު ޑޮކްޓަރެއް. ފުރަތަމަ ބައްދަލުވި ދުވަހުވެސް ފާހަގަ ކުރެވުނު ބަލިމީހާއަށް ވަރަށް އޯގާވެރިކަން. އެދުވަހުވެސް ހިއެއްނުވޭ ފުރަތަމަ ދިމާވިދުވަސްހެން. ސަތޭކައިގެ ޑޮކްޓަރެއް މިއީ. ވަރަށް މޮޅު ޑޮކްޓަރު. އަނެއްކާ ވަރަށް ރަގަޅަށް ކިޔާ ދެއްވާ. މާތްﷲ ތިޔަކުރާ ބުރަ މަސައްކަތުގަ ބަރަކާތް ލައްވާށި. އާއިލާއަށް އަދަށްވުރެ ފެހި މާދަމާއަކަށް އެދެން. އާމީން

The name is already taken The name is available. Register?

ރާޝް

18 May 2023

ކްލިނިކް އިންނަ ތަނަކާ ގުޅޭނެ ނަމްބަރެއް ބުނެލަދެއްވާ.

The name is already taken The name is available. Register?

އިބުރާ

18 May 2023

އޯރަކެއަރ، ހަލަވެލި މަގު، ހުޅުމާލެ ލޮޓް ނަންބަރު؛ 10110، ފޯން؛ 3331555، 3331666، 7311555،

The name is already taken The name is available. Register?

ޕޭޝަންޓެއް

17 May 2023

މިއީ ވަރަށް މޮޅު ޑޮކްޓަރެއް. އަޅުގަޑު ދަތުގެ މައްސަލައެއް ދިމާވެގެން ވަރަށް ޑެންޓިސްޓުނަށް ދައްކައިގެން ހަމަ އެއްވެސް ކަމެއް ނުވެގެން އުޅެނިކޮށް ރައްޓެއްސަކު ރިކޮމެންޑްކޮށްގެން ޑރ.ނާއިފާއަށް ދެއްކިން. ފުރަތަމަ ބައްދަލުވި ދުވަހުވެސް ފާހަގަ ކުރެވުނު ބަލިމީހާއަށް ވަރަށް އޯގާވެރިކަން. އަނެއްކާ ފެއްޓެވި ފަރުވާ ނިމުނުއިރު އަޅުގަޑުގެ ހުރިހާ މައްސަލައެއް ހައްލުވި. ސަތޭކައިގެ ޑޮކްޓަރެއް މިއީ. ވަރަށް މޮޅު ޑޮކްޓަރު. އަނެއްކާ ވަރަށް ރަގަޅަށް ކިޔާ ދެއްވާ.

The name is already taken The name is available. Register?

މޫނިމާ

17 May 2023

ޑރ. ނާއިފާ އަކީ ވަރަށް މޮޅު ޑޮކްޓަރެއް. ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ރަގަޅު އެއް ޑެންޓިސްކަމަށް ވަރަށް ގަބޫލުކުރެވޭ. ބަލިމީހާއާއި މުއާމަލާތް ކުރުމުގައި ވެސް ވަރަށް ރަގަޅު. ޓްރީޓްމެންޓް ޕްލޭން އާއި ޓްރީޓްމެންޓްތައްވެސް ވަރަށް ސަޅި. އަނެއްކާ ފަރުވާފެށުމުގެ ކުރިން ހުރިހާކަމެއްވެސް ވަރަށް ކިޔާ ދެއްވާ.

The name is already taken The name is available. Register?

ނަހަވވ

17 May 2023

މިހާ މޮޅު ޑޮކްޓަރެއް ރާއްޖެ އަދި ނުދެކޭ. ހުރިހާ ގޮތަކުން މޮޅީ. ޕޭޝަންޓުންނާ މުއާމަލާތް ކުރުން ސަތޭކަ. ވަރަށް ކިޔުން ލޯބި ޑޮކެއްތީ

The name is already taken The name is available. Register?

ކަސްޓަމަރެއް

17 May 2023

ވަރަށް ހިތްހެޔޮ އެހާމެ މޮޅު ޑެންޓިސްޓެއް.

The name is already taken The name is available. Register?

އީމާނު

17 May 2023

އަޅުގަނޑުގެ މަންމަގަ އަނގައިގައި އިތުމީހަކަށް އަތްލާކަށް ހުއްދަވެސް ނޯވޭ. އެ ހެޔޮ ދަތްކޮއްޓަންވިޔަސް. ނާއިފާ ނޫން މީހަކު އަނގައިގަ އަތްލައިގެން ނުވާނެޔޯ. އެވަރަށް މީހުންކައިރީ ނާއިފާ ޕްރޮމޯޓްވެސް ކުރޭ. ގައިމު ކަމެއް ވީމަތާ. ވަރަށް ރަނގަޅު ބޭފުޅެއް ކަމަށްވަނީ.

The name is already taken The name is available. Register?

މުހައްމަދު.

17 May 2023

ޑޮކްޓަރ ނާއިފާއަކީ އަލުގަޑު ވަރަށް އިތުބާރުކުރާ މޮޅު ޑޮކްޓަރެއް. ޑެންޓަލް މައްސަލަތަކު މައުލޫމާތު ރަގަޅަށް ދިރާސާ ކުރައްވާ، މައުލޫމާތު ވަރަށް މުއްސަދި ޑޮކްޓަރެއް. ޕޭޝަންޓް-ޑޮކްޓަރ ރިލޭޝަނަށް ވަރަށް ފަރުވާތެރި ޑޮކްޓަރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454