ބޮލަށް ޗިޕްޖަހާ މިސާލުގައި ދެކެވޭ ވާހަތަކީ މަލާމާތެކެވެ. އެކަމަކު މި ފަހަރު މި އޮތީ، އަކުރުތައް އެއްގޮތް ނަމަވެސް، ބޮލަށް ޗިޕްޖަހައިގެން ކުރަން އުޅޭ ވަރަށް މުހިންމު ކަމެއްގެ ވާހަކަ އެވެ.
"އާމް ހޯލްޑިންގްސް ޕީއެލްސީ" އަކީ އިނގިރޭސިވިލާތު ކުންފުންޏެކެވެ. ކުރާ މަސައްކަތަކީ "ސެމީކޮންޑަކްޓާ" އަދި ސޮފްޓްވެއާ ޑިޒައިންކޮށް އުފެއްދުމެވެ. ސްމާޓް ޑިވައިސްތައް އަދި އުފުލާ ގެންގުޅޭ އާލާތްތަކުގައި ވެސް އެ ކުންފުނިން އުފައްދާ "މައިކްރޮޗިޕް"ތައް ބޭނުންކުރެ އެވެ.
އިންސާނުންގެ ސިކުނޑިއަށް ގުޅުވާލެވޭ މައިކްރޮޗިޕެއް އުފެއްދުމަށްޓަކައި އާމް ހޯލްޑިންގްސް އިން މަސައްކަތް ފަށައިފި އެވެ. މި ދައްކަނީ ވަރަށް ޝައުގުވެރި އަދި އިންސާނިއްޔަތަށް އިންގިލާބެއް ގެނުވާނެ މަސައްކަތެއްގެ ވާހަކަ އެވެ.
އަހަރެމެންގެ ތެރޭގައި، ބޮލަށް ޗިޕްޖެހުމަކީ މީހަކު ބުނާ ގޮތަށް ކަމެއް ކުރުމެވެ. އެ ގޮތަށް ކަމެއް ކުރެވޭއިރު އެ މީހަކު ހުންނާނީ އޭނާގެ އަމިއްލަ ސިކުނޑީގެ ބޭނުންކެނޑިފަ އެވެ. އެއީ ހެޔޮ ކަމެއް ނުވަތަ ނުބައި ކަމެއް ނަމަވެސް، އޭނާ އަށް ބުއްދިލައިދިން ގޮތް ނޫން ގޮތަކަށް އެ ކަމެއް ނުކުރާނެ އެވެ.
އާމް ހޯޑިންގްސް އިން އިންސާނުންގެ ބޮލަށް ޗިޕްޖަހަނީ، ފަރުވާއެއް އަދި ހޯދިފައި ނެތް ބަަލިތަކަށް ފަރުވާއެއް ހޯދުމުގެ ނިޔަތުގަ އެވެ. މިސާލަކަށް ތުރުތުރުއަޅާ ބަލި، ހަނދާންނެތޭ ބަލި އަދި ވާގިނެތުން ފަދަ ބަލިތަކެވެ.
ވާހަކަތައް ހުރި ގޮތަށް ބަލާއިރު، ބަލި މީހުންނަށް ފަރުވާކުރުމަށްޓަކައި، މައިކްރޮޗިޕެއް ސިކުނޑީގައި ވަޅުލެވެ އެވެ. ބޭނުމަކީ ބާރު ގޮސްފައި ހުރި ނާރުތަކަށް ވާގިދެވޭނެ ގޮތެއް އީޖާދުކުރުމެވެ. ސިކުނޑިން ބައެއް ހަލާކުވެފައިވި ނަމަވެސް، މަގުސަދަކީ، ސިކުނޑީގެ އެ ބަޔަށް ޚާއްސަ މަސައްކަތްތައް މައިކްރޮޗިޕް ލައްވައި ކުރުވުމެވެ. އެ ކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ލިސްޓްކުރަން އުނދަގޫހައި ދިގެވެ. މުޅި ހަށިގަނޑު އަލުން ވަޔަރުކުރުމަކީ ވެސް ކޮށްފާނެ ކަމެކެވެ.
ބަޔޯމެކޭނިކަލް އިންޖިނޭރުން ދެކޭ ގޮތުގައި، ފަރުވާކުރުމަށްޓަކައި، އިންސާނުންގެ ހަށިގަނޑުގައި މައިކްރޮޗިޕް ވަޅުލުމަކީ މިހާރު ސައިންސަށް ހުޅުވެންޖެހިފައިވާ ބާބެކެވެ.