ވާހަކަ / ކުރު ވާހަކަ

މޯމޯ

ހަވީރުގެ ވަގުތެވެ. އޮފީސްތަކާއި އިސްކޫލުތައް ނިމިގެން ގެއާ ދިމާއަށް މިސްރާބުޖެހި އެތައް ބަޔަކު މަޖީދީމަގުގައި ތާށިވެފައި ތިއްބެވެ. މާލޭގެ މައި މަގުގައި އުޅަނދުތައް ތޮއްޖެހުނީ އެއްފަހަރާ މަގުތަކަށް ނުކުތް މީހުން ގިނަވުމުގެ ސަބަބުންނެވެ. ބަރުގޮނުއަޅާ މީހުން ބަރުގޮނުއަޅަނީއެވެ. ސައިކަލު ރޭސްކުރާ މީހުން ރޭސްކުރަނީއެވެ. ނަދީމް ފަހަތަށް ބަލައިލިއެވެ. އަނބުރައިލައިފައި ގޮސް އެހެން ގޯޅިއެއްއެޅުމަށް ޓަކައެވެ. ފަހަތް އޮތީ ފުރިފައެވެ. އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިލެވޭކަށް ނެތެވެ. ނަދީމްގެ ސައިކަލު ފަހަތުގައި ރިފްޒާ އިނެވެ. އުމުރުން ބާރަ އަހަރުގެ ރިފްޒާއަކީ ނަދީމްގެ ހަމައެކަނި ދަރިފުޅެއެވެ. ސައިކަލަށް އެރީއްސުރެ އަނގަ ހުއްޓައިނުލައެވެ. އެއް ސުވާލަށް ފަހު އަނެއް ސުވާލެކެވެ. އެއީ ރިފްޒާގެ މިޒާޖެވެ. ފަސޭހައިން މީހުންނާ ގުޅައިލާ، ހަލަނި ކުއްޖެއް ވެސް މެއެވެ. ސުވާލުތަކަށް ޖަވާބުދީދީ ނަދީމްގެ އަނގަ ވާޅުވިއެވެ.

ނާސިހާ އިނީ ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެލައިގެންނެވެ. ދެ ލޯ ތަތްވެފައިހުރީ އަތުގައި އޮތް ފޯނުގައެވެ. ދެއަތުން ފަރިތަކަމާ އެކުގައި ނާސިހާ ވާހަކަދެއްކިއެވެ. ހުސް ވަގުތެއް ލިބިއްޖެއްޔާ ނާސިހާ އެފްބީއާއި އިންސްޓަގްރާމް ހާވައިލައެވެ. ވައިބާއިން އަންނަ މެސެޖުތަކަށް ޖަވާބުދެއެވެ. ޕިންޓްރަސްޓަށް ކަޅިއެއް އެއްލައެވެ. އެޕާޓުމަންޓުގެ ރަނގަބީލު ޖެހުމުން، ފޯނާކުޅެމުން ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ހުރީ ރިފްޒާ އެކަންޏެވެ. ނަދީމްގެ އޮފީސް ލަހުން ނިމޭތީ، ދަރިފުޅު ގޮވައިގެން ނަދީމް ފަސްވަނަ ފަންގިފިލައަކަށް ނާރައެވެ. ރިފްޒާ ވަނީ ރިފްޒާގެ ކޮޓަރިއަށެވެ. ނާސިހާ އަނެއްކާ ވެސް ފޯނަށް ގެއްލުނެވެ. ޔުނީފޯމާ އެއްކޮށް އެނދަށް އަރައިފައި ރިފްޒާ އައިޕެޑް ނެގިއެވެ. ޔޫޓިއުބް ކިޑްސް ހުޅުވައިލިއެވެ. އާންމުކޮށް ބަލާ ކާޓޫނު ޕްލޭކޮށްލިއެވެ. ނިކަން ގަޔާވެގެން ކާޓޫނުގެ ތެރެއަށް ގެއްލުނެވެ. އޭރު އަންނަމުންދިޔައީ ރިފްޒާ އެންމެ ބަލާހިތްވާ ކާޓޫނެވެ. ކޮޓަރިއަށް ވަންކަން އެނގޭތީ ރިފްޒާ ކުރަނީ ކީއްތޯއެއް ނާސިހާ ނުބަލައެވެ.

އެއް ކާޓޫނު ނިމި އަނެއް ކާޓޫނު ފެށުމުގެ ކުރިން ކުއްލިއަކަށް ފޮޓޯއެއް އެރިއެވެ. ބިރުވެރި ފޮޓޯއެކެވެ. ރިފްޒާ އައިޕެޑް ދުރަށް ކޮއްޕައިލައިފައި ގޮސް ކަބަޑުތެރެއަށް ވަނެވެ. ހިތުގެ ވިންދު ހުރީ އެތައް ގުނައަކަށް އަވަސްވެފައެވެ. ފައިން ފެށިގެން ބޮލަށް ރިފްޒާ ތުރުތުރުއެޅިއެވެ. އެހާ ބިރުވެރި ފޮޓޯއެއް ރިފްޒާ ދުވަހަކު ވެސް ނުދެކެއެވެ. ފޮޓޯގައިވަނީ ބިރުވެރި މޫނެކެވެ. ކުޑަކޮށް ބޭރަށް ނުކުމެފައިވާ ބޮޑު ދެ ލޮލެވެ. މޫނުގެ ބައްޓަން ދިގުވެފައި ކަންފަތާ ހަމައަށް ފުޅާ އަނގައެކެވެ. ބިރުވެރި ޒާތެއްގެ ހިނިތުންވުމެކެވެ. ނިތްކުރިޔާ ދިމާއިން ބޮޑުބައެއް ތަލަވެފައިވާ ފަން އިސްތަށިކޮޅެކެވެ. މޫނުގައި ހުންނަނީ ހުދު ދޮންކުލައެކެވެ. ކަބަޑުގައި ހުރިއިރު ވެސް ރިފްޒާއަށް އިނގެރޭސި ލަވައެއްގެ އަޑު އިވެމުންދިޔައެވެ. ކުޑަ އަންހެންކުއްޖެއްގެ އަޑުންނެވެ. މިޔުޒިކެއް ނުހުރެއެވެ.

"މޯމޯ ކަލޭ މަރާލާނެ.. މޯމޯ ކަލޭ މަރާލާނެ.. މޯމޯ.. މޯމޯ.." ލަވައިގައި ކިޔަނީ އެހެންނެވެ. "ދަންވަރު އޭނަ އަންނާނެ.. އެނދުގަ އޮއްވާ އަންނާނެ.. ހެނދުނުވާއިރު ކަލޭ އޮންނާނީ މަރުވެފަ.. މޯމޯ.. މޯމޯ.. މޯމޯ ކަލޭ މަރާލާނެ.. ސަޕްރައިޒެއް ބޭނުންތަ؟ އޭނަގެ ލޮލަށް ބަލާ.. މީ ދޮގެއް ނޫން.. ކަލޭ ތިއުޅެނީ މަރުވާން.."

އެ ވާހަކަތައް ނިމުމާއެކު އަނެއްކާ ވެސް ކާޓޫނު އަންނަ އަޑު އިވެން ފެށިއެވެ. އަނދިރި ކަބަޑު ތެރޭގައި އެތައް އިރަކު ރިފްޒާ އިނެވެ. އެއަށް ފަހު މަޑުމަޑުން ނުކުތެވެ. އެނދުމަތީގައި ބަންޑުންއޮތް އައިޕެޑް ނަގައި ބަލައިލިއެވެ. އެއިން ފެންނަނީ ކާޓޫނެވެ. ރިފްޒާގެ ޅަސިކުނޑީގައި ހަރުލައިފައިވަނީ ފެނުނު ބިރުވެރި ފޮޓޯއެވެ. ދެން ހަދާނެގޮތެއް، ކުރަންވީ ކީއްކަމެއް ރިފްޒާއަކަށް ނޭނގުނެވެ. އެ ކާޓޫނު ނިމުމާއެކު އަނެއްކާ އެ ފޮޓޯ އެރިއެވެ. ގެންފައިވާ ބިރު ނުފިލައިހުއްޓައި އަނެއްކާ އެ ފޮޓޯ ފެނުމުން ރިފްޒާ ހުރި ތަނަށް ގަނޑުވީއެވެ. ދުއްވައެއްނުގަނެވުނެވެ. ހަޅޭއްލަވައެއް ނުގަނެވުނެވެ. ކުޑަކުޑަ ހިތް ހީވަނީ މޭ ފަޅައިފައި ބޭރަށް ނުކުމެދާނެހެންނެވެ. އެ ފަހަރު ވެސް ކުރިން ކިއި ލަވަކިއެވެ. އެއަށް ފަހު، ހަމަ އެ ކުޑަ އަންހެންކުއްޖާގެ އަޑުން ވާހަކަދެއްކިއެވެ. އިނގެރޭސިބަހުންނެވެ.

"އަހަރެން ފިލާއިންނަނީ ދެ ވީޑިޔޯ ދޭތެރޭގަ،" މޯމޯ ބުންޏެވެ. އަދި ވައިއަޑަށް ބަދަލުކޮށްލިއެވެ. "އޭރުން ކަލޭ މަންމައަކަށް އަހަންނެއް ނުފެންނާނެ. ބައްޕައަކަށް ވެސް ނުފެންނާނެ. އަހަރެން މި ބުނާ ނަންބަރު ސޭވްކުރޭ! އެކަމަކު އަހަރެންގެ ނަން ނުޖަހާތި! ނަންބަރު ސޭވް ނުކޮށްފިއްޔާ މިރޭ މޯމޯ މިތަނަށް އަންނާނެ. ނިދާފައޮއްވާ އަންނާނެ."

މޯމޯ އަނެއްކާ ވެސް ގެއްލުނެވެ. ކާޓޫނު އަންނަން ފެށިއެވެ. ރިފްޒާގެ ގަޔަށް ހީވީ ޗާބީދިންހެނެވެ. އަވަސްއަވަހަށް ފޯނުގައި ނަންބަރު ނޯޓުކޮށްލިއެވެ. އެކަމަކު ނަންބަރު ދިގުކަމުން ރިފްޒާ ހަނދާންހުރީ އެއްބައެވެ. ރިފްޒާ ކާޓޫނު ނިއްވައިލިއެވެ. އިރުކޮޅަކު ވިސްނަން އިނެވެ. މޯމޯގެ ބިރުވެރި މޫނު ރިފްޒާގެ ހިތަކުން ނުފިލިއެވެ. ރިފްޒާ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. މަންމަ އިނީ ފޯނާކުޅޭށެވެ. ރިފްޒާ ހިތަށްއެރިއެވެ. މަންމަ ގާތުގައި އެ ވާހަކަ ބުނަންވީ ހެއްޔެވެ؟ މޯމޯއަކީ ކާކު ހެއްޔެވެ؟ ރިފްޒާ މަރާލަން މޯމޯ އަންނަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ގާތުގައި އެ ވާހަކަ ބުނެފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ރިފްޒާ ހިތްވަރުކުރިއެވެ. ކޮޓަރިން ނުކުމެގެން ގޮސް މަންމަ ގާތަށް ހުއްޓުނެވެ.

"މަންމީ!" ރިފްޒާ ދެ ޚިޔާލެއްގައި ހުރެފައި ބުންޏެވެ. "ހޫ އިޒް މޯމޯ؟"

"އަދިވެސް ޔުނީފޯމު ބަދަލުނުކުރޭ!" ނާސިހާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ. "އެކަމަކުވާ! މިހާރު ކޮންއިރެއް ކޮޓަރިއަށް ވަންތާ! ދޭ ޔުނީފޯމު ބަދަލުކޮށްގެން ސައިބޯން އަންނަން. މިހާރު މަންމަ ޖިމްއަށް ދާ ގަޑި ވެސް ޖެހެނީ. ކޮބައިތަ ޑެޑީ؟"

ނާސިހާ އަވަސްވީ ނަދީމަށް ގުޅާށެވެ.

"އެކަމަކު މަންމީ!" ރިފްޒާ ބުންޏެވެ. "މޯމޯ.."

ނަދީމް ފޯނު ނެގުމުން ނާސިހާ ވާހަކަދެއްކީ ނަދީމާއެވެ. އަދި ރިފްޒާ ފެނުމުން އަތުގެ އިޝާރާތުން ދާށޭ ބުންޏެވެ. ކަންބޮޑުވެފައިވާ ރިފްޒާ އިސްޖަހައިލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ރިފްޒާ ހުރީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އެ ދުވަހަކު ދެނެއް އައިޕެޑަކު ރިފްޒާ އަތެއްނުލައެވެ.

ގަޑިން ރޭގަނޑު އަށެއްޖެހިއިރު ގޭގައި ނަދީމް އުޅެއެވެ. ނާސިހާ ވެސް ކަސްރަތުން އައިސް، ފެންވަރައިގެން ނުކުމެއްޖެއެވެ. ރިފްޒާ އިނީ ކުރަހާށެވެ.

"އަހަނ! މިރޭ އައިޕެޑާ ނުކުޅޭ ރެއެއްތަ؟" ނާސިހާ އެހިއެވެ.

"ރަނގަޅެއްނު!" ނަދީމް ބުންޏެވެ. "އަބަދު އައިޕެޑާ ކުޅޭ ކުދިން ވަރަށް ލޭޒީވާނެ. ދޯ ދަރިފުޅާ!"

ރިފްޒާ ޖަވާބެއް ނުދެއެވެ. އަނގަ ގަދަ، ހަލަނި ކުއްޖަކު ކުއްލިއަކަށް ހިމޭންވި ސަބަބު މައިންބަފައިނަކަށް ފާހަގައެއް ނުވިއެވެ. ނާސިހާ ފެށީ ދެ ކިލޯ ލުއިވި ވާހަކައެވެ. ނަދީމް ދެއްކީ ނަދީމް ނޫން އެތައް ބަޔަކަށް އޮފީހުން ޕްރޮމޯޝަން ލިބުނު ވާހަކައެވެ. ކުޑަމިނުން ރިފްޒާ ކުރަހަން އިނީ ކޯޗެއްތޯ ވެސް އެ ވަގުތަކު ބަލައެއް ނުލެވުނެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ރިފްޒާ ކުރަހަންއިނުމަކީ އާންމު ކަމެކެވެ. ކުރަހަނީ ކޯޗެއްތޯ ކޮންމެ ފަހަރަކު ބެލުމަކީ މައިންބަފައިން ކުރާ ކަމެއް ނޫނެވެ. އެކަމަކު އެ ވަގުތު ރިފްޒާ ކުރެހީ ރިފްޒާގެ ސިކުނޑީގައި ހަރުލާފައިވާ ފޮޓޯއެވެ. މޯމޯގެ މޫނެވެ.

އެ ރެއަކީ ރިފްޒާ ނިދަން ބޭނުންނުވި ރެއެކެވެ. ނުވައެއް ޖަހާއިރު ނިދާ ކުއްޖާ، ދިހައެއް ޖެހިއިރު ވެސް ކޮޓަރިއަކަށް ނުވަދެއެވެ. މަންމަ ގާތުގައި އިނީއެވެ. ނިދަންދާން ދެތިން ފަހަރަކު ނާސިހާ ބުނުމުން ވެސް ރިފްޒާއެއް ނުދިޔައެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި އިނީއެވެ. ރިފްޒާ ނިދަންވަނީ މަންމަޔާ އެކުގައެވެ. ގަޑިން ދިހަގަޑި ބައިވި ފަހުންނެވެ. އެނދުގައި އޮށޯވެގެން ވިސްނަން އިރުކޮޅަކު ރިފްޒާ އޮތެވެ. ނާސިހާ އޮތީ ފޯނާކުޅޭށެވެ. ވައިބާގައި ވަރަށް ފޯރިގަދައެވެ. އެކުވެރިންގެ "ފްރެންޑްސް" ގުރޫޕުގައި ދެކެވެނީ ނާސިހާ ހިކޭ ވާހަކައެވެ. ލޫޅާފަތިވާ ވާހަކައެވެ. ސަބަބު ހޯދަން އެންމެން ވެސް ބޭނުމެވެ.

"މަންމީ! ހޫ އިޒް މޯމޯ؟" ރިފްޒާ އަނެއްކާ ވެސް ބުންޏެވެ.

"ދެން އަނގަނުތަޅާ ނިދާ! މިހާރު ވެސް މާ ލަސްވެއްޖެ!" ނާސިހާ ޖަވާބުގައި ބުންޏެވެ.

ކުއްލިއަކަށް އެނދު ތަންދޮށުން މޯމޯ ނުކުތެވެ. ރިފްޒާގެ އެނދުމައްޗަށް ފުންމައިގެން އެރިއެވެ. ސިއްސައިގެންގޮސްފައި ރިފްޒާއަށް ހޭލެވުނެވެ. ފެނުނީ ބިރުވެރި ހުވަފެނެކެވެ. ގާތުގައި މަންމައެއް ނެތެވެ. ކޮޓަރި އޮތީ ފަޅުކޮށެވެ. ފަނޑުކޮށެވެ. ރިފްޒާގެ ސިކުނޑީގައި މޯމޯގެ ލަވަ ތަކުރާރުވާން ފެށިއެވެ.

"މޯމޯ ކަލޭ މަރާލާނެ.. މޯމޯ ކަލޭ މަރާލާނެ.. މޯމޯ.. މޯމޯ.." އެ ލަވައިގައި ކިޔަނީ އެހެންނެވެ. "ދަންވަރު އޭނަ އަންނާނެ.. އެނދުގަ އޮއްވާ އަންނާނެ.. ހެނދުނުވާއިރު ކަލޭ އޮންނާނީ މަރުވެފަ.. މޯމޯ.. މޯމޯ.. މޯމޯ ކަލޭ މަރާލާނެ.. ސަޕްރައިޒެއް ބޭނުންތަ؟ އޭނަގެ ލޮލަށް ބަލާ.. މީ ދޮގެއް ނޫން.. ކަލޭ ތިއުޅެނީ މަރުވާން.."

މުޅި ގައިން ހީބިހިނަގައިފައިވާ ރިފްޒާ މޫނުމަތީގައި ބާލީސް އެޅިއެވެ. ރޯން ފެށިއެވެ. އެކަމަކު އެނދުން ތެދުވާކަށް ނުކެރުނެވެ. ކައިރީގައި ފޯނު އޮތެވެ. މަންމައަށް ގުޅައިލާކަށް ވެސް ނުކެރުނެވެ.

އިސްކޫލުގައި ރިފްޒާގެ މިޒާޖު ކުރިޔާ ތަފާތެވެ. އެކަކަށް ވެސް އެ ކަން ފާހަގައެއް ނުވެއެވެ. ނަގައިދިން ފިލާވަޅަކަށް ވެސް ރިފްޒާގެ ޝައުގުވެރިކަމެއް ނެތެވެ. ފޮތުގައި ފަންސޫރު ޖެއްސިގޮތަށް އިނީއެވެ. ރިފްޒާގެ ސިކުނޑީގައި ހިއްޕައިލައިފައިވަނީ މޯމޯގެ ބިރުވެރި ތަސްވީރެވެ. ކަންފަތުގައި ގުގުމަމުންދިޔައީ މޯމޯގެ އަޑެވެ.

"ރަބަރު އެބައޮތްތަ؟" ގާތުގައި އިން ޝަހުމާ އެހިއެވެ.

"ހޫ އިޒް މޯމޯ؟" ރިފްޒާ އެހިއެވެ.

ޝަހުމާއަށް ލިބުނީ ޝޮކެކެވެ. ޝަހުމާ ވެސް ވަނީ މޯމޯއާ ބައްދަލުވެފައެވެ.

"ގޯސްޓެއް،" ޝަހުމާ ކިޔައިދޭން ފެށިއެވެ. "އޭނަގެ ސްޕެޝަލް ނަންބަރަކީ ސިކްސް ސިކްސް ސިކްސް. އެއްވެސް ތާކުން އެ ނަންބަރު ފެނިއްޖެއްޔާ މޯމޯ އިޒް އެބައުޓް ޓު ކިލް ޔޫ! ކޮންމެ ތާކު ހުއްޓަސް މޯމޯ އަންނާނެ. މޯމޯއަކަށް ނުފިލޭނެ."

ރިފްޒާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން ކުރިއަށް ވުރެ ބޮޑުވިއެވެ.

"ކިހިނެއް ހެދިއްޔާ ނާންނާނީ؟" ރިފްޒާ އެހިއެވެ.

"އޭނަ ބުނާ ގޮތް ހަދާ! މަ ވެސް މި ހަދަނީ އެހެން،" ޝަހުމާ ބުންޏެވެ. "ނޫނެކޭ ނުބުނާތި! އިޓްސް ޖަސްޓް އަ ގޭމް!"

ނުނިމޭ

17 ކޮމެންޓް, 211 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 72%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެއްވެސް މީހެއް ނޫނެކެވެ

07 October 2023

ނާސިހާގެ ކަންތައްތައް ދޯ. އަމިއްލަ ދަރިފުޅަށް ނުބަލައި. ހުރިހާ މައިންބަފައިންވެސް ދަރިންނާ މެދު ނަމޫނާ ވާންވީ.

The name is already taken The name is available. Register?

K H A DE E J A TH

02 August 2019

ރަނގަޅު މީތި

The name is already taken The name is available. Register?

ކކކކ

04 March 2019

ވާހަކަ ކިޔާއިރު ސިފަކުރެވެނީ 12 އަހަރުގެ ކުއްޖެއްނޫން. ހައެއްކަ އަހަރުގެ ކުއްޖެއް

The name is already taken The name is available. Register?

ލިއު

03 March 2019

32 އަހަރު ވެއްޖެ...އެކަމް އެ މޯމޯ ފެނުނީމަ މަވެސް ބިރުގަނިއްޖެ

The name is already taken The name is available. Register?

މޯމޯ ކަލޭ ކާލާނަން

12 April 2022

ތީ ބޮޑު ވަރު ފޭކު ފޭކު

The name is already taken The name is available. Register?

މޯމޯ

03 March 2019

ބިންމާގެ ކޮސް ވާހަކަ. ޚަމަކު ނުދިޔަ. ކިޔަން ފަށާފަވެސް ވައި ވެއްޖެ!

The name is already taken The name is available. Register?

ޝިޝީ

03 March 2019

އަމީނިއްޔާ ގްރޭޑް ނުވައެއްގަ އުޅޭ އަޅުގަނޑުގެ ކޮއްކޮއަށް ހަމައެކަނި މޯމޯ ގެ ފޮޓޯ ނޫހުންފެނިގެން ބިރުން ހަޅޭއްލަވާ ނުނިދިގެން އުޅުނު. ޢެހެންވީމާ 12 އަހަރު ބޮޑުހެން ހީނުވޭ.

The name is already taken The name is available. Register?

ލިފޫ

03 March 2019

މިވާހަކަކީއިރު އަޅުގަނޑުވެސް ބިރުގަތް އެހެންވީމަ އެކަހަލަގޮތަކަށް ގޭމްތެރެއިން ބިރުވެރި އެއްޗެއްފެނުމުން 12 އަހަރު ކުއްޖަކަށްވެސް އަސަރުކުރާނެ.

The name is already taken The name is available. Register?

މަންމައެއް

03 March 2019

މިމޯމޯއެއްގެ އަވާގައި ޖެހެނީ އާއްމުގޮތެއްގައި ކޮންއުމުރުފުރައެއްގެ ކުދިންތަ؟12 ބޮޑެއްނޫންތަ

The name is already taken The name is available. Register?

ބައްޕައެއް

03 March 2019

މަވެސް ހިތަށް އެރީ 12 އަހަރު ބޮޑެއްނޫން ބާއޭ؟ 09 ވަރަކަށް ހަދާލިނަމަވެސް ރަނގަޅުދެން

The name is already taken The name is available. Register?

މަންމައެއް

03 March 2019

12 16 ގެ ކުދިންވެސް އޭތި އަވާގަ ޖެހޭކަމަށްދޯ މިވަނީ

The name is already taken The name is available. Register?

ހެހެ

03 March 2019

އުމުރުން ބާރަ އަހަރަކީ ބޮޑު އުމުރެއް އެވަރުގެ ކުދިންނެއް އަލަމާރި ތެރެޔަށް ވަދެއެންނުފިލާނެ އެއީ އެންމެ ކަނުވައިދިގުއުމުރު

The name is already taken The name is available. Register?

ޝަވިޔަނި

03 March 2019

ދިވެހި ކުދިން މި 'މޯ މޯ' ގެ ކިބައިން ސަލާމަތްކުރުމަށް، ބެލެނިވެރިން ހޭލުންތެރިކުރުމަށް މިވާހަކަ ލިޔާތީ ވ. ބޮޑަށް ޝުކުރިއްޔާ.

The name is already taken The name is available. Register?

ކަލޭ ގެ މަންމަ

12 April 2022

އަހަރެން މިއުޅެނީ މޯމޯއައް ގުޅަން ދެން ވަރަށް ސަލާމް އަހަރެން އަށް ހެޔޮދުޢާ ކޮއްދޭތި ފަހަރެއްގައި ނަަދެވިދާނެ ބަާއި ސުކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454