ކުޅިވަރު / ދި މެރެތަން ޝޮޕް

މެރެތަން ޝޮޕަށް ބޫޓެއް ހަދިޔާކޮށްގެން، އުފާވެރިކަން!

މެރެތަން ޝޮޕުގައި ބަހައްޓާފައިވާ ޝޫޒް ޑޮނޭޝަން ބޮކްސް.

27 ޖޫން 2019 - 20:11

ގިނަ ފަހަރަށް ދުވުންތެރިން އާ ބޫޓެއް ގަންނަނީ ކުރީގެ ބޫޓު ހަލާކުވެގެނެއް ނޫނެވެ. އާ މޮޑެލެއް ނުކުތުމާ އެކު ނުގަނެ ނުހުރެވެނީ އެވެ. އެހެންވެ ބޭނުންކުރެވޭ ފަދަ ހާލަތުގައި ހުރި ކުރީގެ ބޫޓަށް ދެން ޖެހެނީ ހިރަފުހަށް މަރުހަބާ ކިޔާށެވެ.

ދި މެރެތަން ޝޮޕުން ވަނީ އެކަމުގައި، އެއްދޮނުގައި ދެބުޅި ޖެހޭނެ ގޮތެއް ހޯދައިދީފަ އެވެ. ބާ ބޫޓު ހިރަފުސް އަރަން ހަރުމަތީގައި ބެހެއްޓުމުގައި ބަދަލުގައި އެ ފިހާރަ އަށް ހަދިޔާކުރުމުން އާ ބޫޓެއް ގަންނަން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދެނީ އެވެ. އެއަށް ވުރެ އުފާވެރި ހަބަރަކީ އެ ބޫޓު ހަދިޔާކުރާނީ އެފްރިކާގައި ތިބި، ދުވަން ބޭނުންވެ އެކަމަކު ބޫޓެއް ގަނެވެން ނެތް މީހުންނަށް ކަމަށްވާތީވެ އެވެ.

ދުވުންތެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހުޅުވާފައިވާ އެ ފިހާރަ އިން އަންގާރަ ދުވަހު ފެށި މި ކެމްޕެއިނުން 31 އޮގަސްޓާ ހަމަޔަށް ލިބޭ ބޫޓުތައް ހަދިޔާކުރާނީ ދުބާއީގެ އެންޖީއޯއެއް މެދުވެރިކޮށް ޔޫގެންޑާ އަށެވެ. ކޮންމެ މަހަކު ވެސް އެފްރިކާގެ ކޮންމެވެސް ގައުމަކަށް ބޫޓު ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.

ދިވެހިންގެ ތެރޭގައި ވެސް ބޫޓެއް ބޭނުންވެފައި ތިބި މީހުންނަށް ބޫޓު ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ކޮންމެ މަހެއްގެ ފަހު ހަފުތާގެ ދުވަހެއްގައި އެ ފުރުސަތު ހުޅުވާލުމުން، މެރެތަން ޝޮޕަށް އައިސް ބޫޓު ގެންދަންވީ އެވެ.

މި ކެމްޕެއިން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޫޓެއް ހަދިޔާކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަދި ދިރިއުޅުމުގެ މުހިއްމު އާދައެއްގެ ގޮތުގައި ގަވާއިދުން ދުވަން ނުކުންނަވާ އަހުމަދު އައްފާލެވެ.

"ބޫޓު ހަދިޔާކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އެބައޮތް. މި ފިހާރަށް ވަޑައިގެން މިތަނުގައި ހުންނަ ފޮށްޓަކަށް ބޫޓު ވައްޓާލަންވީ. އޭރުން އަޅުގަނޑުމެން މިތަނުން އާ ބޫޓެއް ގަތުމަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނަން،" މެރެތަން ޝޮޕުގެ ވެރިޔާ މުހައްމަދު އިބްރާހިމް (އެމް.އައި) ބުންޏެވެ.

މެރެތަން ޝޮޕުން ވިއްކާ ބޫޓުތައް.

މެރެތަން ޝޮޕުން ދޭ ޑިސްކައުންޓާ އެކު ގަނެވޭނީ އާދައިގެ ފެންވަރުގެ ބޫޓެއް ނޫނެވެ. އެމެރިކާގެ އެއް ނަމްބަރު އައުޓްޑޯ ދުވާ ބޫޓް ބްރޭންޑް ކަމަށްވާ "ބްރޫކްސް" ބޫޓްތަކެވެ. އެ ބްރޭންޑުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރުގެ ގޮތުގައި، އެ ތަނުން އެ ބޫޓު ހެޔޮ އަގުގައި ލިބެ އެވެ. ބްރޫކްސްގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެހެން ބްރޭންޑްތަކުގެ ބޫޓާއި ދުވަން ބޭނުންވާ އެހެން ސާމާނު ވެސް މެރެތަން ޝޮޕުން ވިއްކަ އެވެ. ހާއްސަ އސްޓާކީނާއި ޓީޝާޓާއި ސޯޓުން ފެށިގެން "ގޫ-ޖެލް" ފަދަ އެނާޖީ ސަޕްލިމެންޓްތައް ވެސް ލިބެ އެވެ. ކުރިން އޮންލައިންކޮށް ނޫން ގޮތަކަށް ގެނެވެން ނެތް "ގާމެއިން" ގަޑި ވެސް ހެޔޮއަގުގައޮ ލިބެން އެބަހުއްޓެވެ.

ދުވުމަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެއް ތަނަކުން ލިބޭ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހު ހުޅުމާލޭގައި ހުޅުވި މި ފިހާރައިގެ އެންމެ ހާއްސަ ކަމަކީ އިޖްތިމާއީ ޒިންމާގެ ދަށުން އެކި ފަރާތްތަކަށް އެހީވުމެވެ. އެގޮތުން އެތަނުން ވަނީ ރާއްޖޭގެ މަތީ ފަންތީގެ ދެ ދުވުންތެރިން ކަމަށްވާ ޝިފާޒް މުހައްމަދާއި މުހައްމަދު ރަޝީދު (މޯޑް) ސްޕޮންސާކޮށްފަ އެވެ. އެ ސްޕޮންސާއާ އެކު މި އަހަރުގެ ދުބާއީ މެރެތަންގައި ޝިފާޒް ވާދަކޮށް 2 ގަޑި 32:56 މިނެޓުން ދުވެ، ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް މުގުރާލި އެވެ.

މޯޑަށް ވެސް ދުވަން އެކި ގައުމުތަކަށް ދިއުމުގެ ހަރަދުގެ އިތުރުން މި ސަރަހައްދުގެ ގައުމަކުން އޭނާ ތަމްރީން ހަދާ ނަމަ އެކަމުގެ ހަރަދު ވެސް ދޭން އެ ފިހާރަ އިން ވަނީ ނިންމައިފަ އެވެ. އެތަނުން ދިން އެހީއާ އެކު ފެބްރުއަރީ މަހު އިންޑިއާގެ ނިއު ދިއްލީ މެރެތަންގައި ދުވެ މޯޑް ވަނީ އުމުރުފުރާގެ ކެޓަގަރީން ތިން ވަނަ ހޯދައިފަ އެވެ.

މެރެތަން ޝޮޕް އޮތީ ސީރިއަސްކަމާ އެކު، ދުވުމުން ކުރިއަރަން ބޭނުންވާ އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތަށެވެ. މިކަމުގެ ތެރެއަށް އަލަށް ވަންނަ ދުވުންތެރިންނަށް ވެސް ވެވުނު ވަރަކުން އެހީވެ އެވެ. އަދި ރާއްޖޭގައި ބާއްވާ ދުވުމުގެ ކޮންމެ ރޭހަކަށް ވެސް ކޮންމެވެސް ސިފައެއްގައި ސްޕޮންސާޝިޕް ދެ އެވެ.

އެފަދަ ރޭސްތަކުގައި، ރަނގަޅު ފެންވަރުގެ ބޫޓުގައި އަހަރެމެން ދުވި ނަމަވެސް، އެވަރުގެ ހޭދައެއް ކުރެވެން ނެތް އެތައް ބަޔަކު ދުނިޔޭގެ އެތަންމިތާ، ހާއްސަކޮށް އެފްރިކާގައި އެބަތިއްބެވެ. އެހެންވެ މެރެތަން ޝޮޕުން ބޭނުންވީ، އެ ފަދަ ފަރާތްތަކަށް ވެސް ދުވުމުން ހިތްހަމަޖެހުން ލިބޭނެ ގޮތެއް މަގުފަހިކޮށްދޭށެވެ.

0 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454