ރޭ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ނޫނޭޒް: ޕެލަސްގެ ޖޯކިމް އެންޑަސަން އަށް ހަމަލާ ދިނުމުން ނޫނޭޒް އަށް ވަނީ ސީދާ ރަތް ކާޑު ދައްކާފަ --- ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2022 - 11:33
ލިވަޕޫލް (އޯގަސްޓް 16) - އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ލިވަޕޫލްގެ ފޯވާޑް ޑާވިން ނޫނޭޒް ދަސް ކުރަން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސްއާ 1-1 އިން ލިވަޕޫލް އެއްވަރުވި މެޗުގެ 57 ވަނަ މިނެޓްގައި، ޕެލަސްގެ ޖޯކިމް އެންޑަސަން އާ ދެ ކުޅުންތެރިންގެ ދެމެދުގައި ހިނގި ކުރިމަތި ލުމެއްގައި އެންޑަސަން ވަނީ ނޫނޭޒްގެ ކޮނޑުގައި ހިފައި އޭނާ މަޑުކުރުވަން މަސައްކަތް ކޮށްފަ އެވެ. ފަހަތަށް އެނބުރިފައި ނޫނޭޒް ވަނީ އޭނާގެ ބޮލުން ޖޯކިމްގެ މޫނު މަތީގައި ޖަހައިފަ އެވެ. ނޫނޭޒް އަށް ރެފްރީ ދެއްކީ ސީދާ ދެއްކީ ރަތް ކާޑެކެވެ. އޭނާ އަށް ތިން މެޗުގެ ސަސްޕެންޝަނެއް އަންނާނެ ކަމަށް ބެލެވެ އެވެ.
ކްލޮޕް ބުނީ އެކަމަކު ނޫނޭޒްގެ ފަރާތުން ފެނުނީ ގޯސް ރިއެކްޝަނެއް ކަމަށެވެ.
"އެކަމަކު އޭނާ އެކަމުން ފިލާވަޅު ދަސް ކުރާނެ. އެކަން ދަސް ކުރުމަށް އޭނާ އަށް ތިން މެޗު އެބައޮތް،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ އޭނާ ވެސް އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށެވެ. އޭނާ އެންމެ ފުރަތަމަ ޖެހޭނީ އެ މަންޒަރުގެ ރިޕްލައިން ބަލަން ކަމަށް އޭނާ ބުންޏެވެ.
"އެކަންވީ ގޮތެއް އަހަރެން ނުދެކެން. އަހަންނަށް ފެނުނީ [ޖޯކިމް] އެންޑަސަން ވެއްޓިފައި އޮއްވާ. ވީގޮތެއް އަހަންނެއް ނުދެކެން. އޭގެ ފަހުން އަހަންނަށް ފެނުނީ ރަތް ކާޑު ދެއްކިތަން،" ކްލޮޕް ބުންޏެވެ.
ޕެލަސްއިން ފުރަތަމަ ހާފުގައި ލީޑް ނެގީ ވިލްފްރެޑް ޒަހާގެ ގޯލުންނެވެ. ލިވަޕޫލަށް 1-1 އެއްވަރުކޮށް ދިން ލަނޑު 61 ވަނަ މިނެޓްގައި ޖެހީ ލުއިސް ޑިއާޒް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
16 August 2022
އެންޑަސަން އުޅުނީ ނޫނޭޒުގެ ކޮނޑުގައި ހިފާފައި އޭނާ މަޑުކުރުވާކަށް ނޫން. ނޫނޭޒުގެ ބުރަކަށީގައި އަތް އަޅާފައި ކޮއްޕާލީ.