ލިވަޕޫލްގެ ޖޮޓާ ރޭ ލަނޑު ޖެހުމަށް ފަހު. --ފޮޓޯ:އޭއެފްޕީ
21 ޖެނުއަރީ 2022 - 12:39
ލަންޑަން (ޖެނުއަރީ 21) – އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި 2-0 އިން އާސެނަލް ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ރޭގެ ނަތީޖާއާ އެކު 2-0 ގެ އެގްރިގޭޓުން ލިވަޕޫލް ފައިނަލުން ޖާގަ ހޯދިއިރު، ފައިނަލުގައި ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ޗެލްސީ ވަނީ ސެމީ ފައިނަލުގައި 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ޓޮޓެންހަމް ބަލިކޮށްފަ އެވެ.
ލިވަޕޫލުން ރޭ ޖެހި ދެ ލަނޑު ވެސް ޖެހީ، އެޓީމުގެ ޕޯޗުގީޒް ފޯވާޑް ޑިއޯގޯ ޖޮޓާ އެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނިޓުގައި އޭނާ ފުރަތަމަ ލަނޑު ޖެހިއިރު، ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 77 ވަނަ މިނިޓުގަ އެވެ. ދެވަނަ ލަނޑު އޮފްސައިޑު ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ވަނީ އެއީ ގޯލެއް ކަމަށް ނިންމައިފަ އެވެ. ލިވަޕޫލްގެ ދެ ލަނޑު ވެސް ޖަހަން އޭނާއަށް ފުރުސަތު ތަނަވަސް ކޮށްދިނީ ފުލްބެކް ޓްރެންޓް އެލެކްޒެންޑާ އާނޯލްޑެވެ.
މިދިޔަ ސީޒަނުގައި ވުލްވަހެމްޓަން އިން 45 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި ޖޮޓާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 57 މެޗުގައި 27 ގޯލު ޖަހައިދީފަ އެވެ. ރޭގެ ދެ ލަނޑާ އެކު މި ސީޒަނުގައި އޭނާ ވަނީ ކުލަބަށް 14 ލަނޑު ޖަހައިދީފަ އެވެ.
ލިވަޕޫލުން ލީޑު ނެގުމުގެ ކުރިން އާސެނަލްގެ އެލެކްޒެންޑާ ލަކަޒޭޓް ޖެހި ފްރީކިކެއް ގޯލު ދަނޑިއާ އަމާޒު ވިއިރު، ދެވަނަ ހާފު ފެށިގެން އޭނާ އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.
އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ ވަނީ އެނބުރި އާސެނަލްއާ ގުޅި، ރޭގެ މެޗުގެ ފަހު 15 މިނިޓުގައި ކުޅެން އަރައިފަ އެވެ. ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށްވެފައި ވަނިކޮށް ލިވަޕޫލްގެ ނެކޯ ވިލިއަމްސް އަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކާފައިވަނިކޮށް 90 ވަނަ މިނިޓުގައި ފަބީނިއޯ އަށް ކުރި ފައުލަކަށް އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މިއީ 2016 ވަނަ އަހަރު ލިވަޕޫލް ލީގު ކަޕް ފައިނަލުގައި ކުޅުނު ފަހުން އެޓީމު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކޮށް ލިވަޕޫލް ބަލިވީ އިތުރު ވަގުތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެވޭލާ
22 January 2022
ފުރަތަމަ ލެގުގަ އެއްވަރުވެގެން އާސެނަލް ފޭނޫން ފަޔަށް ހިނިއަރައިގެން އުޅުނު ހަދާންވޭ.. އެހެން ޓީމްތަކުން ލީގަށް ފޯކަސް ކޮށްގެން ލީގު ހޯދަން މަސައްކަތްކުރާއިރު އާސެނަލް ނޫނީ ނެތް ކަޕްތަކަށް ފޯކަސްކުރާ ޓީމެއް.. އެވެސް ނުލިބުނީ.. ހިތާމާގައި ބައިވެރިވަން
ރަދީފްއޮފިޝިއަލް
22 January 2022
ބްރޯ ތިޔާއީ ކޮން ކްލަބެއްގެ ފޭނެއްތޯ؟؟!!
އެވޭލާ
22 January 2022
ޗެލްސީ
ރަދީފްއޮފިޝިއަލް
22 January 2022
@އެވޭލާ އަށް.ބްރޯގެ ކްލަބުން މާދަމާ ރޭ ސްޕާސް ބަލިކުރާނެކަމަށް އުއްމީދުކުރަން.ގުޑް ލަކް.
ރަދީފްއޮފިޝިއަލް
21 January 2022
މަރުހަބާ ލިވަޕޫލް.މަރުހަބާ މައުމޫން.