ރިޕޯޓް

ރަސްދޫގައި ދަރިފުޅަށް އެވަރަށް އަނިޔާކުރީ ގޭންގެއް ކަޑައޭ ބުނެގެން!

ކުޑަކުއްޖަކު ފެންނަ މަންޒަރެއް: ރަސްދޫގައި ކުއްޖަކަށް ބުލީކޮށް އަނިޔާކުރީ ގޭންގެއްގެ ވާހަކަ ފެށިގެން ކުދިންތަކެއް އައި ރުޅީގައި.

ކުއްޖެއްގެ ގައިގައި ރަހުމްކުޑަ ގޮތަކަށް އެހެން ކުދިންތަކެއް ހުތުރު އެއްޗެހި ގޮވަމުން އަތާއި ފައިން ތަޅާ ވީޑިއޯ ފެނުމުން ހަސަން ސިނާނަށް އުނދަގޫވި އެވެ. އޭނާއަށް އެ ވީޑިއޯ ފުރަތަމަ ދެއްކި ރައްޓެހިން ގާތު އެދުނީ އަވަހަށް ބެލުން ހުއްޓާލާށެވެ. އެހާވެސް އޭނާއަށް އުނދަގޫވި މަންޒަރެކެވެ. އޭރު ވީޑިއޯ ލީކުވިއިރު އަނިޔާކުރި ކުއްޖާގެ މޫނު ހުރީ ފުސްކޮށްފަ އެވެ. އެއީ އެ މީހުން ދިރިއުޅޭ އއ. މަތިވެރީ މިސްކިތެއް ވެސް ނޫނެވެ.

އެހެންވެ ސިނާނަށް އެއީ އެނާގެ ދަރިފުޅުކަން ނޭނގުނީ އެވެ.

"ރައްޓެހިންތަކަކާ އެކު އެ ކޮފީގައި އިނދެފައި އަންހެނުން ގޮވައިގެން ދުއްވާލަން ދާން ގެއަށް ދިޔަތަނުން ލިބުނު ފޯނު ކޯލަކުން އެނގުނީ އެވަރު އަރުވާލީ ދަރިފުޅަށް ކަން. ވީ ދެރަ ނޭނގެ ބުނެދޭން ވެސް. ނިދާފައި އޮއްވައި ނަގައިގެން އަވަހަށް ދަރިފުޅު ކައިރިން އެހީމަ ބުނީ އަނިޔާކުރި ވާހަކަ ނުކިޔައިދޭން އޮތީ އިންޒާރު ވެސް ދީފައޭ،" ސިނާން "މިހާރު"އަށް ކިޔައިދިނެވެ.

"އެއީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ދިމާވި އެންމެ ހިތްދަތި ރޭ."

ސިނާން ބުނި ގޮތުގައި ދަރިފުޅަށް އެވަރުގެ އަނިޔާއެއް މިހިން ލިބޭނޭ ދުވަހަކު ވެސް އުންމީދެއް ނުކުރެ އެވެ. ދަރިފުޅު ގެންގުޅެނީ އެހާ ވެސް ލޯބިން ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ވީޑިއޯ އިން އެ ފެނުނު އަނިޔާ ފެނިފައި އެތައް ބަޔަކު ކުޑަވަގުތުކޮޅަށް ދެރަވިއިރު، އެއީ އޭނާގެ ދަރިފުޅު މުޅި އުމުރަށް ހަނދާނުން ނުފިލާ ވަރުގެ ކަމެކެވެ. ޖިސްމާނީ އަނިޔާގެ އިތުރަށް ނަފްސާނީ ގޮތުން އަރައިގަންނަން ފަސޭހަ އަނިޔާއެއް ނޫން ކަމަށް ބުންޏެވެ.

އެ ކުއްޖާއަށް ކައުންސިލިން ދޭން މިހާރު ވަނީ ފަށައިފަ އެވެ.

"ހަމަ އެންމެ ސިކުންތެއް ވެސް ނުދޭ ބޮލުތެރެއިން އެކަންދާ. ދަރިފުޅަށް ކޮށްލި އަނިޔާ ފެނޭ އަބަދު. މި ހިތާމައިގަ މި އުޅެނީ. އަޅުގަނޑު އަންހެނުންނަށް އަދި މާ ބޮޑުވަރު ވެފައި ހުރީ. ހިތްވަރު ކުރަނީމި ދެން. ދަރިފުޅު ކުރިމަތީ މިކަމެއް ނުދައްކަން،" ސިނާން ކިޔައިދިނެވެ.

ތަޅައިގަތީ "ގޭންގެއްގެ" ވާހަކައާ ހެދި

ބައްޕަގެ ރަށް، އއ. މަތިވެރީގައި ދިރިއުޅޭ މުހައްމަދު އަޒިޔާން މަންމަގެ ރަށް، އއ. ރަސްދުއަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ދިޔައީ މަންމަ އާއިލާ ބައެއްގެ ގާތަށެވެ.

ރަސްދޫ --ފޮޓޯ/ބަޖެޓްހޮލިޑޭސް

ރަސްދުއަށް ދެތިން ދުވަހަށް ދާތީ ބައްޕަ މި ދަތުރުގައި ބައިވެރިއެއް ނުވެ އެވެ. އަޒިޔާން ދިޔައީ މަންމަ އާއި ކޮއްކޮއާ އެކުގަ އެވެ.

އަބަދުވެސް ބައްޕައާ އެކު މިސްކިތަށް ދާ އަޒިޔާން އެ ރޭ ރަސްދޫގެ މިސްކިތަށް ދިޔައީ އާއިލީ ކުދިންތަކަކާއި އެކުގަ އެވެ. އިޝާނަމާދަށް ފަހު ތަރާވީސް ފަށަންދެން އޭނާ ބޭރުގައި ހުރީ އެ ކުދިންނާ އެކުގަ އެވެ. އެ ވަގުތުކޮޅގެ ތެރޭގައި އެތަނުގައި ތިބި އެހެން ކުދިންތަކަކާ އެކު ފެށުނީ ގޭންގުތަކުގެ ވާހަކަ އެވެ.

"އެ ވާހަކައިގެ ތެރެއިން އެ ރަށުގެ ކުދިންތަކެއް އަޒިޔާން ކައިރީ މި އަހަނީ މަތިވެރީގައި ވެސް އެކަހަލަ ގޭންގެއް އޮވޭތޯ؟ ދަރިފުޅު (އަޒިޔާން) މި ބުނަނީ [ކުދިންގެ ރައްކާތެރިކަމަށް ގޭންގު ނަން ކަނޑާލާފައި] ކިޔާ ބައެއް އޮންނާނޭ. އެހެންބުނުމުން ރަސްދޫ ކުދިން މި ބުނަނީ [ އެ ގޭންގަކީ] ވަރަށް ކަޑަ ގޭންގެކޭ. އެކުދިން މި ބުނަނީ އެކުދިން އެ ރަށުގައި އޮންނަނީ [ގޭންގުގެ ނަން ކަނޑާލާފައި] ކިޔާ ގޭންގެއް ކަމަށް. ވަރަށް ބާރު ގަދަވާނެ ކަމަށް. އެހެން ބުނީމަ ދަރިފުޅު މި ބުނީ [ރަސްދޫ ކުދިން ނަން ކީ މާލޭގެ މަޝްހޫރު އެ ގޭންގަކީ] ވަރަށް ކަޑަ ގޭންގެކޭ،" ދަރިފުޅު ކިޔައިދިން ގޮތަށް ސިނާން ބުންޏެވެ.

"އެ ވާހަކަ ދެކެވުނު ތަނުގައި ހުރި ކުއްޖަކު ގޮސް އެ އަނިޔާކުރި އެއް ކުއްޖަކަށް ގުޅާފައި މި ބުނަނީ ދަރިފުޅު އެ ވާހަކަ ދައްކައިފިއޭ [ގޭންގު] ކަޑައޭ ކިޔައިގެން،"

ތަރާވީސް ފެށުމުން އެތަނުގައި ތިބި ކުދިން އެރީ މިސްކިތަށެވެ. އަޒިޔާން ނަމާދަށް ސަފުގައި ހުއްޓައި ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަނެގެން ގެންދިޔައީ ގުޅައިގެން މައުލޫމާތު ދިނުމުން މިސްކިތަށް އައި ކުއްޖާ އެވެ. ވީޑިއޯގައި އަނިޔާކުރާ އެއް ކުއްޖަކީ ވެސް އޭނާ އެވެ.

"ސަފުން ބޭރުކުރުމަށް ފަހު ބޭރަށް ނެރެ ޖެހީ. ދެން މި ބުނަނީ ފާހާނާއަށް ދާން ހިނގާށޭ. ދަރިފުޅު އެކަމާ ދެކޮޅު ހެދުމުން އަނެއްކާވެސް ޖެހީ. ދެން މި ބުނި ރީތި ގޮތުގައި ދާނީހޭ ނުވަތަ ގަދަކަމުން ގެންދާނީހޭ. ދެން ދަރިފުޅު އެ ކުއްޖާއާ އެކު ދިޔައީ،" ސިނާން ކިޔައިދިނެވެ.

އަނިޔާކުރި ކުދިން ތާއީދުކުރާ ގޭންގު ކަޑައޭ ބުނެގެން އެހެން ނުބުނާވަރު އަޒިޔާނަށް ފާހަނާތެރޭގައި ކޮށްލީ އެވެ. "ދެން ނުބުނާނަން" ރޮމުން ބުނެ އަނިޔާ ހުއްޓާލަން ވީޑިއޯގައި ފެނުނުއިރު، އަޒިޔާން އެދުނީ އެހެންވެ އެވެ.

އެ ވީޑިއޯއިން އަޒްޔާންގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަން ފެނެ އެވެ. ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.

އޭގެ އިތުރުން، އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލުމުން، އަނިޔާނުކޮށް ދޫކޮށްލަން އެދި ކުޑަކަކޫ މައްޗަށް ތިރިވެ "ހެޔޮ ނުވާނެ މަ ދޫކޮށްބަލަ" ކިޔައި، އެ ކުއްޖާ އާދޭސްކުރާ ތަން ވެސް ފެނެ އެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅަށް އެތަނުން ނުކުމެވުނީ، އެހެން ކުއްޖަކު އެތަނަށް ވަދެ އެ މީހުން ހުއްޓުވުމުންނެވެ. އެއީ، ވީޑިއޯކުރި ކަމަށް ސޯޝަލް މީޑިއާގައި ފޮޓޯ އާއްމުކުރި ކުއްޖާ އެވެ.

"ދަރިފުޅު ކިޔައިދިން ގޮތުގައި އެ ކުއްޖާ ބުނޭ އަނިޔާނުކުރަން. އެ މީހުން ހުއްޓާލީ ވެސް އެ ކުއްޖާއާ ހެދި ކަމަށް ދަރިފުޅު ދެ ފަހަރަށް ބުނި."

ތަރާވީސް ނިންމާފައި ގެއަށް ދިޔަ ގޮތަށް އަޒިޔާން އުޅުނީ މަންމަގެ އުފަންދުވަހުގެ ސަޕްރައިޒް ޕާޓީ ތައްޔާރުކުރާށެވެ. ކަމެއް ވި ކަން މަންމަ ގާތު އަދި ގޭގެ އެހެން މީހެއްގެ ގާތު ވެސް ނުބުނެ އެވެ.

މަތިވެރި: މި ރަށުގައި ދިރިއުޅޭ އަޒިޔާން ރަސްދުއަށް ދިޔައީ އާއިލާގެ ބައެއްގެ ގާތަށް.

މަންމަގެ އުފަން ދުވަސް ފާހަގަކޮށް ނިމުމަށް ފަހު އަޒިޔާން ބޭނުންވީ ބައްޕަ ގާތަށް މަތިވެރިއަށް ދިއުމަށެވެ. ފޯނު ކޮށްފައި ބަލާ އަންނަން ބުނުމުން، އަނެއް ދުވަހު މެންދުރު ދާނަމޭ ބުނުމުން ވެސް ހުކުރު ނަމާދުގެ ކުރިން މަތިވެރިއަށް ދާން ބޭނުންވާ ކަމަށް ބުންޏެވެ.

"އަޅުގަނޑަށް ގުޅާފައި ކުޑަ ދަރިފުޅު (އަޒިޔާންގެ ކޮއްކޮ) މި ބުނަނީ މާދަމާ ހެނދުނު އަންނައްޗޭ ބަލައި. މެންދުރު ދާނަމޭ ބުނުމުން ވެސް އެއްބަހެއް ނުވި. އަންހެނުން ކައިރީވެސް ބުނީ ރަސްދޫ މިސްކިތަށް ހުކުރަށް ދާން ބޭނުމެއް ނުވޭ، މަތިވެރި މިސްކިތަށޭ ދާން ބޭނުމީ. އެތަން ވަރަށް ފޫއްސޭ. ދެން ބުނެފި އެއީ ރަށަށް ގޮސް ނިދާލާފައި ހަވީރު މަސްބާނަން ދާށޭ،" ސިނާން ބުންޏެވެ.

ކުދިން ރަށަށް އަންނަން ބޭނުންވާތީ ސިނާން ވެސް އެ ކުދިން ގޮވައިގެން އެ ދުވަހު ހެނދުނު ރަށަށް އައީ އެވެ

އަނިޔާ ކުރުމަށް ފަހު މަރުގެ އިންޒާރު!

އަނިޔާގެ ވާހަކަ ހިއްސާނުކުރީ އަޒިޔާން ބިރުގަނެފައި ހުރި ވަރުންނެވެ. އެއްވެސް މީހެއްގެ ގާތު އެ ވާހަކަ ދައްކައިފި ނަމަ މަރާލާނެ ކަމުގެ އިންޒާރު އޮތީ ދީފަ އެވެ.

ސިނާން ބުނި ގޮތުގައި އެކަން ސިއްރުކޮށްގެން ދަރިފުޅު އަމިއްލައަށް އެކަމުގައި އުޅުނީ އެ ބިރާ ހެދި އެވެ.

"އަޅުގަނޑުމެންނަށް ދުވަހަކު އަޑެއްވެސް ނާހަން އެއިން ކުއްޖަކު ދުވަހަކު ވެސް އެކަހަލަ ވާހަކައެއް ދައްކަނިކޮށެއް. އަޅުގަނޑުމެން ދެން އަހައިފިން ކީއްވެތޯ [ގޭންގް] މަތިވެރީގައި އޮންނާނޭ ބުނީ. ބުނީމަ ދަރިފުޅު ބުނީ ރަށު ކުއްޖަކު ލައިގެން އުޅޭ އެހެން ޖަހާފައި އިންނަ ޖާޒީއެއް. ބައިބަލާ ވެސް ބަލައޭ އެ މީހުންގެ. އެގޮތަށޭ މި އެނގުނީ." ދަރިފުޅުގެ ވާހަކަތައް ބައްޕަ ކިޔައިދިނެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ހަމަ ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ. އެކުދިންނަށް އެގޮތަށް ވިސްނައިދީފައި ހުރުމުން ނުކެރޭ އެހެން ކުއްޖަކު ޖެހިޔަސް ދިފާއުގައި ކަމެއް ކުރަން ވެސް. އަޅުގަނޑު އެހިން މިސްކިތުން ދަމާފައި ނެރުނުއިރު ކީއްވެތޯ ހަޅޭއްނުލެވީ، ބުނީ މިސްކިތުގެ ހުރުމަތް ކެނޑިދާނެތީއޭ. މިސްކިތުގައި އެގޮތަށް ކަންތައް ކުރާކަށް ނުވާނުންހޭ."

އާއިލާއިން ބޭނުންވަނީ ދަރިފުޅަށް އިންސާފު ލިބުމެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރު ވުމެވެ.

ސިނާން ބުނި ގޮތުގައި ދަރިފުޅުގެ ގައިގައި ތަޅައިގަނެ އަނިޔާކުރީ ކުޑަކުދިންތަކެއް އެކަން ކުރާ ގޮތަކަށް ނޫނެވެ. އަތުންނާއި ފައިންނާއި ތަޅައި ޖަހަން ނުވާ ތަންތަނަށް އަމާޒުކޮށް އަނިޔާކުރުމަކީ ކުޑަކުދިންތަކެއް ކުރާ ގޮތަށް ކުރި ކަމެއް ނޫން ކަން ވީޑިއޯ ބެލި ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.

އޭގެތެރެއިން އެއް ކުއްޖަކީ އަނިޔާ އާއި މާރާމާރީގެ ރެކޯޑު އޮންނަ ކުއްޖެއް ކަން ފަހުން ހާމަވުމުން މާބޮޑަށް ކަންބޮޑުވި ކަމަށް ސިނާން ބުންޏެވެ. މިކަމުގައި ޒިންމާ އުފުލަން ޖެހޭ މީހުން ޒިންމާ އުފުލަން އޭނާ ގޮވާލި އެވެ. އެއީ އެ ކުދިންގެ ބެލެނިވެރިންނާއި ސަރުކާރުގެ މުއައްސަސާތަކުންނެވެ.

އެ ކުއްޖާގެ މައުލޫމާތު ފުލުހުން ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއަށް ދީފައި އޮތްތާ ދެ އަހަރު ވިއިރު ވެސް ރިހިބިލިޓޭޓެއް ނުކުރެ އެވެ. ފުލުހުން މި މައުލޫމާތު އާއްމުކުރީ، މި ކުދިން އަނިޔާކުރާ މަންޒަރު އާއްމުވުމުންނެވެ.

"އުމުރުން 13 އަހަރަކީ ރަށެއްގައި އެކަނި މިސްކިތަށް ދެވޭނެ އުމުރެއް. އެއީ ބޮޑު މީހަކު އަތުގައި ހިފައިގެން މިސްކިތައް ދާން ޖެހޭ އުމުރެއް ނޫން. އެކަމަކު ވެސް ހަމަ ކަމެއް ވެދާނެތީ އަޅުގަނޑު މިހުރިހާ ދުވަހު މި ދަނީ ގޮވައިގެން. އަޅުގަނޑާ އެކު މިސްކިތަށް ނުދިޔަ ހަމައެކަނި ރޭ މިހެން ދިމާވީމަ ވަރަށް ދެރަވޭ. ދަރިފުޅު ރޮއެ އާދޭސް ކުރަނިކޮށް އެވަރަށް އަނިޔާ އެ ދިނީ،" ސިނާން ބުންޏެވެ.

ސިނާން ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް އަނިޔާކުރި ކުދިންނަށް ވެސް އެގޮތަށް އަނިޔާ ލިބޭކަށް ނޭދެ އެވެ. ބޭނުން ވަނީ އެ ކުދިން އިސްލާހުކުރުމުގެ ޒިންމާ އުފުލަން ޖެހޭ މީހުން އެކަން ކުރުމެވެ ރަނގަޅަށް ކައުންސެލިން ދެވިއްޖެނަމަ ދެ ކުދިން އަމިއްލައަށް އައިސް މައާފަށް އެދޭނެ ކަމަށް ސިނާން ގަބޫލުކުރެ އެވެ.

"އަޅުގަނޑުމެންނާ ހަމައަކަށް ނާދޭ މާފަށް އެދޭކަށް. ސޯޝަލް މީޑިއާގައި [އާއިލާއިން[ ޖަހާލާ އެއްޗަކުން އެއީ މާފަށް އެދުމެއް ނޫން. ކުއްޖާއަށް ރަނގަޅަށް ވިސްނައިދީ، ކައުންސެލިން ދީގެން ރަނގަޅުވެ، ދެން އެ ކުއްޖާ އައިސް އަޅުގަނޑުމެން ކައިރިން މާފަށް އެދުމުން އެ ލިބުނީ އަޅުގަނޑުމެންގެ ކުއްޖާއަށް ލިބެންވާ އިންސާފު،" ސިނާން ބުންޏެވެ.

78 ކޮމެންޓް, 111 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 85%
icon angry icon angry 10%
icon wow icon wow 1%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔޫސުފް ޔޫ

13 April 2024

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެއްޖެ. - ސްކޫލުތަކުގެ ތެރެއަށް ގޭންގްތައް ވަދެއްޖެ. ދަރިންނަށް ދަސްކޮށްދޭންވީ ، ފުރާނަ ސަލާމްތަ ކުރުމަށް "އަޑުއުފުލަން" ޖެހޭ ހިނދު އަޑު އުފުލަން ޖެހޭކަން - މީހަކު ގައިގަ އައްލާ ނުވަތަ ފުރައްސާރަ ކޮށްފި ނަމަ ހަޅޭލަވާ އެކަން ވަގުތުން ފާޅުކުރަން ޖެހޭކަން- މަގުމަތިން ފޮށުނަސް ނިކަންބާރަށް ހަޅޭލަވާ ފިސާރިމީހެއްކަން ދައްކާލައިގެންނޫނީ ތިމާގެ މިނިވަންކަން ހިމާޔަތް މިއަދު ނުވާނެކަން

The name is already taken The name is available. Register?

އަލި ޢަލީ

13 April 2024

އެހާ ރަނގަޅެއް ނުވެވޭނެ! މިއީ މިހާރު ރަނގަޅަށް އުޅޭ މީހުންގެ ޝިޔާރަކަށް ވާން ޖެހޭނީ.

The name is already taken The name is available. Register?

ސުން

11 April 2024

މި ގައުމުގަ މާފެއް ނުލިބޭނެ.ޖެހޭނީ އަމިއްލަޔަށް އިންސާފު ހޯދަން.އެކުދިންގެ ބެލެނިވެރިން ފުރަތަމަ ތަރުބިއްޔަތު ކުރަންވީ.

The name is already taken The name is available. Register?

ނޯމޯގޭންގްސް

10 April 2024

އެހެންވީމަ ރާއްޖޭގެ ރައްޔިތުން ނުކުމެ ތިޔަ ގޭންގެއްގެ ނަމާއި ވަސް ފިލުވާލަންޖެހުނީތި. އެނަން ކިޔަސް ހަމަ ރަށުން ބޭރުކޮށްލަންވީ. މިހާރު އެދަރަޖައަށް ދިޔަޢީތި.

The name is already taken The name is available. Register?

ޕޮލިސީ އެނަލިސްޓް

10 April 2024

މިހާރު ދިވެހިރާއްޖޭގެ ޤާނޫނު އޮތްގޮތުންވެސް ގޭންގްތަކަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކްލެސިފައިވޭ. ޓެރަރިޒަމް ޤަވާއިދުގެ ދަށުން ގޭންގްތަކަށް ދައުވާ ކުރެވޭނެ. މިކަން އެންފޯސް ކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ ގޭންގް ކުށްތައް ވަރަށް މަދުކުރެވޭނެ. ގޭންގް ތަކާއު ބެހޭ ޤާނޫންއަށްވުރެ ބޮޑަށް ޓެރަރިޒަމް ޤާނޫނުގެ ދަށުން ޤެންގްތަކަށް އަމަލުކުރުން އެއީ އެންމެ ރަނގަޅުގޮތް. މިހާރު ހުރި ޤާނޫނުތައް ހަދާފައިހުރީ ގޭންގްތަކަށް ކޮންމެ ފަދަ ކުއްތަކުންވެސް ރެކވނހނ

The name is already taken The name is available. Register?

ގާޒީ

10 April 2024

އެންފޯސް ކުރެވިދާނެ އެކަމް ކޯޓުމަރުހަލާ އިން އެކަން ހިންދާލަނީ ގާޒީ އަށް ބޮޑު އަގު ދީގެން!

The name is already taken The name is available. Register?

އަންތަރީސް‫

10 April 2024

‫18 އަހަރު ނުވިޔަސް އެމީހުން އައް ގަލަން الله ގެ ހަޒްރަތު ގައި އުފުލިފައެއް ނޫން، އެމީހުން ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭންޖެހޭ، ތިކުއްޖާ ގެ ބައްޕަ ބިރުން ތިގޮއް ލުއި ދޭން ތިނިމީ، ޖިނާއީ ކުށެއް މީ، ކޮން ގޭންގް އެއް، އިސްލާހިޔާ ކަހަލަ ތާކަ ތިމީހުން ލާންވީ 18 ވަންދެން

The name is already taken The name is available. Register?

ފައްޑޭ

10 April 2024

ގިނަ ގެތަކުގައި މިހާރު އުޅޭ ކޮންމެސް ގޭންގަކަށް ނިސްބަތްވާ ޒުވާނެއް. ގޭގަ އުޅޭ ކުޑަކުދިންނަށް އެ މީހުންގެ ގޭގު ވާހަކަ އަޑު އިވި އެމީހުންގެ ގޭންގު ފުރޭންޑުން ވެސް ގޭތެރެއިން އެބަފެނޭ. ދެން ޅަދަރިންނަށް ވާނީ ކިހިނެތް؟؟؟؟

The name is already taken The name is available. Register?

ނައްޑޭ

10 April 2024

ޅަދަރިންނަށް ވާ ގޮތް ގާތުން ބެލުމަކީ މައިިންބަފައިންގެ ޒިންމާއެއް. އެމީހުންނަށް އެމީހުންގެ ދަރިިންނާ ބެހޭ ގޮތުން ސުވާލުކުރެވޭނެ ދުވަހެއް އަންނާނެ. ތިމާގެ ދަރިިއަށް ތިމާ ކަންކަން ކިޔައިދީ އޮޅުންފިލުވަދޭންޖެހޭނެ އަދި އެ ކުއްޖާ ލޯމަތިން ގެއްލޭއިރު އުޅޭނެ ގޮތާ ދިމާވާނެ ކަންކަން ނޭނގޭނެތީ ދަރިފުޅު ރައްކާތެރިކުރެއްވުމަށް އެދި ދުއާކުރަންވާނެ. ދަރިން ބެލުމަކީ ހަގީގަތުގަ އެހާ ލުއިކަމެއް ނޫން. އެއީ މައިންބަފައިންނަށް މަތިކުރެވޭ ބޮޑު ޒިންމާއެއް.

The name is already taken The name is available. Register?

ހެޔޮނުވާނެ

10 April 2024

މިއާޓިކަލް ކިޔާލީމައި ބަފައެއް ދަރިއަކަށް ހުރި ލޯބި އިނގި ރޮވިއްޖެ. ކޮންމެ މީހެއްވެސް އެމީހެއްގެ ދަރި ގެންގުޅޭނީ ދެލޮލުގެ ކޮއެ ފަދައިން. ވަރަށް ބަސްއަހާ ވަރަށް ރަނގަޅަށް ތަރުބިއްޔަތުކޮށްފައި ހުރި ދަރިއެއް. އިންސާފު ލިބެންޖެހޭ

The name is already taken The name is available. Register?

‫ހަސަންބޭ

10 April 2024

‫ގޭންގަކީ ހުރިހާ ގޮތަކުން ވެސް ކަޑަ ބައެއް. ބަޔަކު ނޫނީ ކުއްޖަކު ބުނީމައެއްނޫން ކަޑަވާންވީ. ކަޑަ ފިލުވޭނެ ގޮތެއްވެސް ނޯންނާނެ. ދެން މަގޮވައިގެން ދާން އޮތް ތާކަށް ދޭ.

The name is already taken The name is available. Register?

އެމީލިއޯ

09 April 2024

އަނިޔާ ކުރި ކުދިންގެ ބެލެނިވެރިން ޖަލައް ލާންވީ....އޭރުން ރަގަޅުވެދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454