މީހުން

މިއީ ރާއްޖޭގެ "ހުސަރީ"، އެހާ ވެސް ފުރިހަމަ!

"އަޅުގަނޑުގެ ދުވަހަކުވެސް ގުރުއާން ކިޔަވާނެ ރާގެއް ދަސްކުރާކަށް އެއްވެސް މީހެއް ކައިރިއަށް ނުދަން. ވޮއިސް ޓްރޭނިން ހަދާކަށް ވެސް ނުދަން. ހަމަ ކަނުލައި އަޑު އަހައިގެން ފަރިތަވީ."

މިސްރުގެ މަޝްހޫރު ގާރީ މަހްމޫދު ހަލީލް އަލް ހުސަރީގެ ގުރުއާން ކިޔެވުމުގެ އަޑަކީ ވަރަށް ގިނަ ދިވެހިންގެ ކަންފަތަށް ފަރިތަ އަޑެކެވެ. ދިވެހިރާއްޖޭގެ އަޑުން ކޮންމެ ދުވަހެއްގެ ފަތިހު 5:30 ގައި ފޮނުވާ އަލް ހުސަރީގެ ގުރުއާން ކިޔެވުމުގެ އަޑަށް ގިނަ އަދަދެއްގެ ދިވެހިންގެ ކަންފަތް ދީފައިވާތާ އެތައް އަހަރެކެވެ. އެކަމަކު އެ ރާގަށް ގުރުއާން ކިޔަވަން ފަރިތަވެފައިވާ ދިވެހިންގެ އަދަދު މަދެވެ. އެކަމަކު ހުސަރީގެ ރާގުގައި ކިޔަވާލުމަކީ ބ. ކެންދޫ، މުނިޔާ، އަބްދުއްރަހްމާން ހުސައިން އަށް އުނދަގޫ ކަމެއް ނޫނެވެ.

އޭނާ ބުނި ގޮތުގައި އެހެން ދިވެހިންނެކޭ އެއްގޮތަށް އޭނާގެ ޅައުމުރުގައި ހުސަރީގެ އަޑު، އެންމެ ފުރަތަމަ ފަރިތަވީ އޭނާގެ ކަންފަތަށެވެ. އެކަމަކު އެ ރާގަށް ގުރުއާން ކިޔެވުމުގެ މަރުހަލާ ފެށުނީ އޭގެ އަހަރުތަކެއް ފަހުންނެވެ.

"ގޭގައި އަބަދުވެސް ހުންނާނީ ރޭޑިއޯ ހުޅުވާފައި ކޮންމެ ފަތިހަކު ރޭޑިއޯ ޓްރާންސްމިޝަން ފަށާނީ ހުސަރީގެ ގުރުއާން ކިޔެވުމުން. އެގޮތަށް އެންމެ ފުރަތަމަ އަޑު އިވެން ފެށީ،" އިސްލާމިކް ބޭންކްގައި މަސައްކަތް ކުރަމުން އަންނަ އަބްދުއްރަހްމާން ބުންޏެވެ.

އޭނާ ބުނިގޮތުގައި ސާނަވީ އަށް ކިޔަވަން އެއަތޮޅުގެ ވެރިރަށް އޭދަފުއްޓަށް ބަދަލުވުމާ ހަމައަށް ރަށުގައި އުޅުނު ދުވަސްވަރު ކޮންމެ ދުވަހެއްގެ ފަތިހަކީ، ހުސަރީގެ ގުރުއާން ކިޔެވުމުގެ އަޑު އިވޭ ދުވަހެކެވެ. އަބްދުއްރަހްމާން ބުނިގޮތުގައި އޭނާ އުޅެ ބޮޑުވި ކެންދޫ، މުނިޔާ ގޭގައި އޭނާގެ ބައްޕަ ހުސައިން އަލީ އަކީ އޭރު ވެސް ކުދިންނަށް ގުރުއާން ކިޔަވައި ދެމުން އައި ހިދުމަތްތެރިޔެކެވެ. އަބްދުއްރަހްމާންގެ ވެސް ފުރަތަމަ "އުސްތާޒް" އަކީ ބައްޕަ އެވެ.

"އަޅުގަނޑުމެންނަށް ގިނަ ފަހަރު ހޭލެވޭނީ ވެސް ހެނދުނު ގުރުއާން ކިޔަވަން ގެއަށް އަންނަ ކުއްޖަކު ދޮރުގައި ޓަކި ދިނީމަ. އޭރު ދިވެހިންގެ ކިޔެވުމުގައި ރީތި ރާގަކަށް ކިޔަވާކަށް ނޫޅޭނެ. ބައްޕަ އަޅުގަނޑުމެންނަށް ވެސް ފަރިތަކޮށް ދޭނީ ހަތިމު ބަލައިގެން ގުރުއާން ކިޔަވަން އެނގޭ މިންވަރަށް،" މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ކޮއްކޮ ބުންޏެވެ.

އޭދަފުށިން ގްރޭޑް 10 އާ ހަމައަށް ކިޔަވައި މާލެ ބަދަލުވެ ސީއެޗްއެސީން ގުރޭޑް 11، 12 ނިންމި ހިސާބުން އަބްދުއްރަހްމާން ބޭނުންވީ ޓީޗަރަކަށް ވާށެވެ. އެކަމަކު އޭނާގެ ޕްލޭން ބަދަލު ކުރީ ހީނުކުރާ ކަހަލަ ގޮތަކަށް ރައީސް އޮފީހުގައި ވަޒީފާ އަދާކުރަން ލިބުނު ފުރުސަތުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ވޯކްޗޮ÷ެއްގައި އަބްދުރަހްމާން ވާހަކަ ދައްކަނީ

"ޓީޗިން ކޯސް ހަދަން އުޅުނީ. އޭލެވެލް ނިންމައިފައި ރަށަށް ދާން އުޅުނީމަ ދޮންބެ [އަލީ ހުސައިން] ކިޔައިފި ރައީސް އޮފީހަށް ލާށޭ. ހޮވިއްޖެއްޔާ އަންނަނީއޭ. ދެން އަޅުގަނޑު ހިތަށް އަރައިފި ސިޓީ ލާނީއޭ. ސިޓީ ލައިފައި ރަށަށް ދިޔައީ ދެމަސް ވެއްޖެ ޚަބަރެއް ނުވޭ. ދެން ކޮލެޖު ވެސް ފެށެން ކައިރިވީމަ މާލެ އައިސް ކޮލެޖަށް ގޮސް ފޯމް ފުރައިފައި ހުށަހެޅުމުގެ ކުރިން ކެންޓީނުގައި ސައި ބޯން އިންދާ ރައީސް އޮފީހުން ގުޅާފައި ބުނެފި ޓައީ އަޅައިގެން ރައީސް އޮފީހަށް އަންނާށޭ،" ބާރަ އަހަރު ވަންދެން ރައީސް އޮފީހުގައި މަސައްކަތް ކުރުމަށް ފަހު 2016 ގައި އެ އޮފީހުން ވަކިވި އަބްދުރަހްމާން ބުންޏެވެ.

"ރައީސް އޮފީހަށް ގޮސް ބައްދަލު ކުރި މީހާ ބުނެފި އޯލެވެލް ނަތީޖާ ވެސް ވަރަށް ރަނގަޅު ނޫންހޭ. ތިމަންނަމެން ބޭނުމޭ. މިހާރު ވަޒީފާ އަށް ނުކުންނާށޭ. އިންޓަވިއުއެއް ވެސް ނުކުރޭ. ބުނީ ވަޒީފާއަށް ނުކުންނާށޭ."

ހުސަރީގެ ރާގަށް ގުރުއާން ކިޔަވަން ފަރިތަވީ ގޮތް

ރައީސް އޮފީހަށް ބޭނުންވާ ދާއިރާތަކުން ސިވިލް މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސްކޮލާޝިޕް ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން އޮސްޓްރޭލިއާ އަށް ކިޔަވަން ދިއުމުގެ ފުރުސަތު އަބްދުއްރަހްމާން އަށް ވެސް ފަހިވި އެވެ. ޔުނިވަސިޓީ އޮފް ކެމްބަރާއިން މެނޭޖްމެންޓް އެންޑް ގަވަމެންޓް ޕޮލިޓިކްސްގެ ދާއިރާއިން ޑިގްރީ އަށް ކިޔަވަން ކުރި ދަތުރަކީ އަލުން ހުސަރީގެ ގުރުއާން ދާއިމީކޮށް އަޑު އަހަން ފެށުނު ދުވަސްވަރު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭދަފުއްޓާއި މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރު ހުސަރީގެ ގުރުއާން ކިޔެވުމުގެ އަޑު ދާއިމީކޮށް އެހޭނެ އިންތިޒާމުތަކެއް އޭރު ދިރިއުޅުން ހަމަޖެހިފައި ހުރި ގޮތުން، ނެތެވެ.

އަބްދުލް ރަހްމާން ހުސައިން

"އެތާކު [އޮސްޓްރޭލިއާގައި] ނީވޭނެތާ ބަންގީގެ އަޑެއް ދެން ކުރި ކަމަކީ ކޮމްޕިއުޓަރުން އެތަންގެ ނަމާދު ވަގުތު އެނގޭނެ ގޮތަށް ސޮފްޓްވެއާއަކުން ގަޑި ސެޓް ކުރީ. ނަމާދު ވަގުތު ޖެހުމުގެ ކުރިން ގުރުއާން ކިޔަވާލެވޭނެހާ ވަގުތު ކޮޅެއް އޮންނަ ގޮތަށް ސެޓް ކުރީ. އެގަޑި ޖެހުނީމަ ހުސަރީގެ ގުރުއާން ކިޔެވުން ޕްލޭ ވާގޮތަށް ސެޓް ކުރީ،" އަބްދުއްރަހްމާން ކިޔައިދިނެވެ.

ނަމާދު ގަޑި ކައިރިވެއްޖެ ކަމުގެ އެލާމަކަށް ސެޓް ކުރި ހުސަރީގެ ގުރުއާން ކިޔެވުމުގެ އަޑު އިވެން ފެށުމުން އަބްދުރަހްމާންގެ ހަނދާންތައް އޭނާގެ ޅައުމުރުގެ ދުވަސްތައް އަލުން ހަނދާން އާކޮށްދިނެވެ. އޭނާ ބުނިގޮތުގައި އެންމެ ޅައުމުރުން ފެށިގެން ގްރޭޑް 7 ނިމުމާ ހަމައަށް އޭނާ ކޮންމެ ދުވަހަކީ ހުސަރީގެ ގުރުއާން ކިޔެވުމުގެ އަޑު އިވުނު ދުވަހެކެވެ. އަލުން ދާއިމީކޮށް އެ އަޑު އެހުމުގެ ފުރުސަތު ލިބުނީ އޮސްޓްރޭލިއާގައި ކިޔަވަން ހުރިއިރު ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި އަހަރުތަކެއް ފަހުން އަނެއްކާވެސް ދާއިމީކޮށް އަޑު އަހާން ފެށުނު ހިސާބުން ހުސަރީގެ ރާގަށް އޭނާ ފަރިތަވުމުގެ މަރުހަލާ ފެށިއްޖެއެވެ.

"ބަންގި ވަގުތު ކައިރިވީމަ ސޮފްޓްވެއާއިން ޕްލޭ ވާގޮތަށް އިންނާނީ ހުސަރީގެ އަލް ބްރޫޖް ސޫރަތް. ދެން އޭތި ޕްލޭވާން ފެށީމަ ކުޑައިރުގެ ދުވަސްތަކާއި އޭރު އަޑުއިވުނު ގުރުއާނުގެ އަޑު ރިކޯލްވާން ފެށީ. ބްރޫޖް ސޫރަތުން އަޅުގަނޑަށް އެރާގު [ހުސަރީގެ ރާގު] އިންނާނީ ދަސްވެފައި. އެއް ރާގަކަށް އެއް ސޫރަތެއް އެއްތަންކޮޅެއް ދުވާލަކު ފަސް ފަހަރު އަޑު އަހާއިރު ދެތިން އަހަރެންވާއިރު އިންނަނީ އެ ކިޔަވާ ހަމަ އާއި އަޑު ގެންގުޅެން ވީގޮތް އެނގިފައި،" ހުސަރީގެ ރާގު އޭނާ އަށް ފަރިތަވި ގޮތް އަބްދުއްރަހްމާން ކިޔައިދިނެވެ.

"އަޅުގަނޑުގެ ދުވަހަކުވެސް ގުރުއާން ކިޔަވާނެ ރާގެއް ދަސްކުރާކަށް އެއްވެސް މީހެއް ކައިރިއަށް ނުދަން. ވޮއިސް ޓްރޭނިން ހަދާކަށް ވެސް ނުދަން. ހަމަ ކަނުލައި އަޑު އަހައިގެން ފަރިތަވީ."

އޭގެ ކުރިން ގުރުއާން ކިޔެވުމުގެ ފަންނުގައި އެއްވެސް ކޯހެއް އޭނާ ފުރިހަމަ ނުކުރާ ކަމަށް އަބްދުއްރަހްމާން ބުންޏެވެ.

ނައިބުރައީސް ފައިސަލް ނަސީމް (ކ) އާއެކު އަބްދުރަހްމާން (ވ) ބައްދަލުވުމެއްގައި

"އެކަމަކު އޭގެ ފަހުން ލެވެލް 3 ހެދީމަ ގުރުއާން ކިޔަވާއިރު ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން އެނގުނު. ގުރުއާން ކިޔެވުން އިތުރަށް ޕާފެކްޓް ކުރެވުނު ލެވަލް 3 ހެދީމަ،" އޭނާ ބުންޏެވެ.

އެކަމަކު އެ ކޯސް ހެދުމުގެ މާކުރިން ވެސް އަބްދުއްރަހްމާން އަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން 2015 ގައި ދިނެވެ. ގުރުއާން ނުވަތަ ދީނީ އިލްމުގެ ރަސްމީ ސެޓްފިކެޓެއް ނެތި ރާއްޖޭގައި ހުކުރު ކުރުމުގެ ހުއްދަ ފުރަތަމަ ދިން މީހުންގެ ތެރޭގައި އޭނާ ހިމެނުނެވެ.

"ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރަކަށް ހުރިއިރު އިއުލާން ކުރަނީ އެހެން ދާއިރާތަކުން ޑިގްރީ ފެންވަރުގެ ސެޓްފިކެޓެއް އޮތަސް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން އިއުލާން ކުރި ވާހަކަ. އަޅުގަނޑު ކުރިކަމަކީ ނޫހުގައި އޮތް ޚަބަރުގެ ސްކްރީން ޝޮޓަކާއި ކެމްބަރާ ޔުނިވަސިޓީން އަޅުގަނޑު ފުރިހަމަ ކުރި ޑިގްރީގެ ސޮފްޓް ކޮޕީއެއް މިނިސްޓްރީއަށް މެއިލްކޮށްލައިފިން. ތިންމަސްވީއިރު ވެސް މިނިސްޓްރީއަކުން ޚަބަރެއް ނުވޭ," އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ވެސް ހެދި އަބްދު ރަހްމާން ކިޔައިދިނެވެ.

"ދެން އަޅުގަނޑު ގުޅައިފިން މިނިސްޓްރީ އަށް. މިނިސްޓްރީން ބުނި މެއިލް ލިބިފައޭ އޮތީ. އެކަމަކު އޭރު އެހެން އިއުލާން ކުރިއަސް ޕޮލިސީ އަނެއްކާ ކުރިން އޮތްގޮތަށް ބަދަލުވެފައޭ އޮތީ. އެކަމަކު ދުވަސްކޮޅެއް ފަހުން މިނިސްޓްރީން ގުޅާފަ ބުނެފި އަންނާށޭ. ޑރ. ޝަހީމް ބައްދަލުކުރީ، ބުނި ރަނގަޅަށް ގުރުއާން ކިޔަވާކަން އެނގެޔޭ. ޓެސްޓް ހަދަށޭ. ދެން އެދުވަހު ހުކުރުކުރުމުގެ ހުއްދަ ހޯދުމަށް ހަދާ ޓެސްޓް ހަދައިގެން ފާސްވީމަ ހުކުރު ކުރުމުގެ ހުއްދަ ލިބިއްޖެ."

ގުރުއާން އެއްކޮށް ރެކޯޑް ކުރުމަކީ އުންމީދެއް

އަބްދުރަހްމާންގެ އަޑުން ވަނީ ޝައިހް އުސްމާން އަބްދުﷲ، ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވާ ސިޔަރަތު ފޮތް "ދަ ސީލްޑް ނެކްޓާ" ނުވަތަ "އައް ރަހީގުލް މަޚްތޫމް" އެއްކޮށް ރެކޯޑް ކޮށްފަ އެވެ. ރޭޑިއޯ އެޓޯލްއިން ރޯދަމަހު އެ ސިޔަރަތު ދުރަށް ފޮނުވި އެވެ.

"ވަރަށް ކުޑަކުޑަ ވަގުތުކޮޅަކުން ތައްޔާރުވެލައިގެން ގޮސް ސިޔަރަތު ރެކޯޑް ކުރީ،" އޭނާގެ އަޑުން ރެކޯޑް ކުރި 30 އެޕިސޯޑްގެ ސިޔަރުގެ އޯޑިއޯއާ ބެހޭގޮތުން އަބްދުއްރަހްމާން ބުންޏެވެ.

"ސިޔަރަތު ރެކޯޑް ކުރެވިއްޖެ. މިހާރު ދެން އެންމެ އުންމީދު ކުރަނީ އަޅުގަނޑުގެ އަޑުން ގުރުއާން އެއްކޮށް ރެކޯޑް ކުރަން."

އަބްދުރަހްމާން: އޭނަ އަކީ ދިނީ އަދި އިޖުތިމާއީ ޖަމިއްޔާ ޕީސް ފައުންޑޭޝަންގެ ނައިބު ރައީސް

ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އޭނާ ގުރުއާން ކިޔަވާ ވީޑިއޯ އެކި ޕޭޖުތަކުގައި ވަރަށް ބޮޑަށް ދައުރު ކުރި އެވެ. ހުސަރީގެ ރާގަށް އޭނާ ގުރުއާން ކިޔެވުމުން ގިނަ ބަޔަކަށް އެކަން ކަމުދިޔަ ސަބަބެއް ކަމަށް އަބްދު ރަހްމާން ދެކެނީ ގިނަ ދިވެހިންގެ ކުޑައިރުގައި އެންމެ ގިނައިން އަޑު އިވިފައި ހުރި ކިޔެވުމަކަށް ހުސަރީގެ އަޑު ވާތީ އެވެ.

"ވަރަށް ގިނަ ދިވެހިންނަށް އޭރުގެ ބޮޑުވި ޖެނެރޭޝަން އަށް ހުސަރީ ކިޔެވުމުގެ އަޑު ރޭޑިއޯއިން އަޑު އިވިފައި ހުރީމަ. އެ ރާގަށް ކިޔެވީމަ އޭރު ކުޑައިރު ރޭޑިއޯއިން އިވުނު ހުސަރީގެ އަޑު އިންނާނެ ސިކުނޑީގައި،" ދީނީ އަދި އިޖުތިމާއީ ޖަމިއްޔާ "ޕީސް ފައުންޑޭޝަންގެ" ނައިބު ރައީސްކަން ވެސް ކުރަމުން އަންނަ އަބްދުއްރަހްމާން ކިޔައިދިނެވެ.

"ދެން އެ ރާގަށް ކިޔަވާ އަޑު އިވުނީމަ އެ މީސްމީހުންގެ ހަނދާންތައް އާ ވާނެ. އޮސްޓްރޭލިއާއިން އައިސް އަޅުގަނޑު މި ރާގަށް ކިޔެވީމަ ބައެއް މީހުން ބުނެފައި ވެސް އެބަހުރި ވަރަށް ކުރީގެ ހަނދާންތަކެއް ތިމަންނަމެންނަށް އާކޮށްދެޔޭ."

21 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 2%
icon inlove icon inlove 81%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

21 November 2021

އޮސްޓްރޭލިޔާއަށް ދިޔައޭ ބުނަން ދިޔުމެއް ކަމަށް ބެލެވެނީ! އެ ތަނަށް ގޮސްގެން ކިޔެވިއެއް ކަމަކު ވިސްނުން ފުޅާވެފަ ހުރި މީހެއް ކަމަކަށް ގަބޫލެއް ނުކުރެވޭ! ވަރަށް ހަނި ވިސްނުމެއްގެ މީހެއް ކަމަށް ބެލެވޭ މީހެއް މީ!

The name is already taken The name is available. Register?

ވަޖްނާ

22 November 2021

އޮސްޓްރޭލިއާއަށް ދިޔަ ކަމަށް ވަނީ ކިހާވަރަކަށް ވިސްނުން ފުޅާވީމަތަ؟

The name is already taken The name is available. Register?

ކޮތަރު

21 November 2021

ޑރ.ބިލާލް ފިލިޕްސް އާވެސް ވައްތަރު. މާޝާ ﷲ

The name is already taken The name is available. Register?

މާނާ

21 November 2021

ހިތަށް އުފާދޭ މިފަދަ ޤައުމުގެ ދަރިން ތިބުމުން. ދެން މި މަސްތުވާތަކެއްޗާ، ވައްކަމާ ފޭރުމާ، މި ނޫންވެސް ލެއްވިހާ ގޮތެއްނެތް ޒުވާނުން މި އުފެދެނީ ހަމަ ތަރުބިއްޔަތުގެ ނަތީޖާ ނޫންތަ! ދީންވެރި، ޢިލްމުވެރި، ހުނަރުވެރި ޒުވާނުން ބިނަކުރުން ނޫންގޮތެއް ނެތް ޤައުމު ސަލާމަތް ކުރަން ބޭނުމިއްޔާ.

The name is already taken The name is available. Register?

ކިޔު

20 November 2021

ވ ރީތި. ވ އަޑުއަހާ ހިތްވޭ. ޢަބްދުއްރަޙުމާނަށް ﷲ ބަރަކާތާ ހެޔޮ ރަޙުމަތްލައްވާށި!

The name is already taken The name is available. Register?

ތިރީސް‫

20 November 2021

އ‫ަޅުގަނޑު މިދަނީ ތިރީސް ގާރީވެރިންގެ އަޑުން ތިރީސް ފޮތް ގެނެސް ދެވޭތޯ މަސަތްކަތް ކުރަމުން އިންޝާﷲ ގެނެސް ދޭނަން އެންމެ އުދަގޫ އަޑަކީ ޚުސަރީގެ އަޑު

The name is already taken The name is available. Register?

ޞަރާ

19 November 2021

ކިޔެވާއިރު ހުރިހާ އަކުރުގެ އަޑު ހުރީ ނޯށުގަ.

The name is already taken The name is available. Register?

ކްލާސްމޭޓް

19 November 2021

މާޝާﷲ. ވަރަށް ފުރިހަމަ. ނަމަވެސް ޙުސަރީގެ އަޑާ ބޮޑަށް ވައްތަރު ކުރަން ނޯށަށް އަރުވައިގެން ކިޔާހެން ހީވޭ. 3 އަހަރު އެއްކްލާހެއްގައި އުޅުނީމާ އަޑު އެނގޭނެތާދޯ. އެހެންވިޔަސް ކިޔެވުން ވަރަށް ފުރިހަމަ. ނަލަ. ރަޙްމަތްލައްވާށި.

The name is already taken The name is available. Register?

ާއަބޭ

20 November 2021

ވަރަށް ބޮޑަށް ރޯގާ ޖެހިފަ ހުރީ ކިޔެވި އިރު..އެހެންވެ އަކުރުތަށް ނޯށަށް އަރާފަ ހުރީ...

The name is already taken The name is available. Register?

ޙަލީ

19 November 2021

ماشاءالله ވަރަށް ފުރިހަމަ އަޑެއް. ޥަރަށް ހަނދާންވޭ އެވިދާޅުވާ ގަޑި އަދި ހުޞަރީގެ ކިޔެވުންވެސް.

The name is already taken The name is available. Register?

މޯޑް

19 November 2021

ވަރަށް ފުރިހަމަ. މާޝާ ﷲ

The name is already taken The name is available. Register?

ސާމް

19 November 2021

މާޝާﷲ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454