ޚިޔާލު / ދީން

ބަރުޒަހުގެ އާލަމުގެ ކަންކަން ގައިބަކަސް އެއީ ހަގީގަތެއް، ގަބޫލުކުރަންޖެހޭ

ހުޅުމާލޭގެ ސަރަހަރާގައި ވަޅުލާފައިވާ މީހުންގެ މަހާނަތައް ކައިރިން މީހަކު ހުރަސް ކުރަނީ: މަރުވުމަށް ފަހު އިންސާނާގެ ފުރާނަ ގެންދަވާ ތަނަކީ ބަރުޒަހުގެ އާލަމް ކަން ގަބޫލުކުރަން ޖެހޭ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އިންސާނާ މަރުވުމުން އޭނާގެ ނަފްސުގައިވާ މާއްދީ ބައި އެ އުފެދުނު އަސްލުތަނަށް އަދި އެ ތަނަކުން އެ އަށް ދިރުން ލިބެމުންދިޔަ ތަނަށް، އެބަހީ ބިމަށް އެނބުރި ރުޖޫއަވެ އެ ތަނުގައި ނެތިފަނާ ވެދެ އެވެ. (ތާހާ 55). ނަމަވެސް އިންސާނާގެ ނަފްސުގައި އެކުލެވޭ ރޫހު ޖިސްމާ ވަކިވެގެން ދެ އެވެ. އެ ރޫހު މަރެއް ނުވެ އެވެ. ރޫހަކީ ގައިބުގެ އާލަމުގައިވާ އެއްޗެކެވެ. އެހެންކަމުން އިންސާނާ މަރުވުމަށް ފަހު ރޫހު ދަނީ ކޮންތަނަކަށްތޯ، ރޫހާ ޖިސްމާ އެއްވެސް ގުޅުމެއް އޮވޭތޯ، އޮތް ނަމަ ހުރި ގުޅުމަކީ ކޮބައިތޯ، ގިޔާމަތް ވުމަށް ފަހު އަލުން ފޮނުވޭއިރު އެ ރޫހު އެނބުރި ވަންނަނީ އެ ފަނާވި ޖިސްމަށްތޯ ނުވަތަ މުޅިން އައު އެހެން ޖިސްމަކަށްތޯ، ފަދަ ސުވާލުތަކުގެ ޖަވާބެއް ކިރިޔާވެސް އެނގޭނީ ގައިބު ދެނެވޮޑިގެންވާ ފަރާތުން ދެއްވި މިންވަރަކަށް އެކަންޏެވެ.

ރޫހާ ބެހޭ ގޮތުން ސުވާލު ކުރީމާ ވެސް ﷲ އެންގެވީ "އެއީ ތިމަން ﷲ ގެ އަމުރުފުޅުގެ ދަށުގައިވާ އެއްޗެއް" ކަމަށެވެ. "ވަރަށް މަދު މިންވަރެއް މެނުވީ އިލްމުގެ ތެރެއިން ތިޔަބައިމީހުންނަށް ނުދެއްވާ" ކަމަށެވެ. (އަލްއިސްރާއު 85).

ހަގީގަތުގައި މިފަދަ ހުރިހާ ސުވާލެއްގެ ޖަވާބު އިންސާނާ އަށް އެނގުން ކޮންމެހެން ލާޒިމެއް ނޫނެވެ. އެހެނީ އިންސާނާ އަށް ބޭނުންވާނެ މިންވަރަކީ ﷲ އަށް އީމާންވެ، އެ ފަރާތަށް އަޅުކަންކުރުން މަތީ ދެމިހުރުމަށް އެހީތެރިކަން ލިބޭނެ މިންވަރެއް އެކަނި ކަމަށް ވާތީ އެވެ. އެ މިންވަރު ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ވަނީ ބަޔާންކޮށް ދެއްވައިފަ އެވެ.

މިގޮތުން ނުބައި އަމަލުތައް ކުރާ ބައެއް މީހުންނަކީ އެ މީހުންގެ މޫނުތައް ފިއްސައިލެވޭ ފަދަ އަލިފާނަށް ހުށަހެޅިގެންވާ ބައެކެވެ. އަނެއް ބަޔަކީ އެ އަށް ވުރެ ދަށް އަޒާބެއް ލިބެމުންދާ ބައެކެވެ. ހަމަ އެފަދައިން ހެޔޮ އަމަލުތައް ކުރާ ބައެއް މީހުންނީ ﷲ ގެ އަރުޝިކޮޅުގެ ދަށުގައި ސުވަރުގޭގެ ކޯރުތައް ދެމިގެންދާ ހިސާބުގައި ސުވަރުގޭގެ މޭވާއިން ރިޒުގު ލިބެމުންދާ ބައެކެވެ.

މި ގޮތުން ރޫހާ މެދު އިންސާނާ ގަބޫލު ކުރަންޖެހޭ އެއް ކަމަކީ ރޫހު ފަނާނުވާ ކަމެވެ. ރޫހު ވަނީ މި ދުނިޔަވީ އާލަމުން އެހެން އާލަމަކަށް ދަތުރުކޮށްފައި ކަމެވެ. އެއީ ބަރުޒަހުގެ އާލަމެވެ. އެ އާލަމުގައި ރޫހަށް އިވުމާއި ފެނުން ލިބިފައިވެ އެވެ. މަރުވެފައިވާ އިންސާނުންގެ ރޫހު ފަނާވެނުދާ ކަމުގެ ދަލީލަކީ ﷲ ގެ މަގުގައި ޖިހާދުކޮށް، ޝަހީދުވީ މީހުންނަކީ މަރުވެފައިވާ ބައެކޭ ހީނުކުރުމަށާއި އެ މީހުންނީ ﷲ ގެ ހަޒުރަތުގައި ރިޒުގު ލިބޭ ހާލު ދިރިތިބި ބައެއް ކަމަށް ﷲ ބަޔާންކުރައްވާފައި ވުމެވެ. (އާލްއިމްރާން 169).

ﷲ ގެ މަގުގައި ޝަހީދުވާ މީހުންނަކީ މަރުވެދާ ބައެކޭ ނުބުނުމަށާއި އެކަމަކު އެއީ ދިރިތިބޭނެ ބައެއް ކަމަށާއި އެކަން އަހަރެމެން ދުނިޔޭގައި މި ތިބި އިންސާނުންނަށް އިހުސާސް ނުކުރެވޭނެކަން ވެސް ﷲ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އަލްބަގަރާ 154).

މި މަރުހަލާ އަކީ އިންސާނާ އުހުރަވީ ހަޔާތަށް ގޮސް ހިސާބު ކުރެވި އެ ތަނުގައި ޖަޒާ ލިބިގަތުމުގެ ކުރިން އަންނަ ދެމެދުގެ މަރުހަލާ އެކެވެ. ބަރުޒަހުގެ އާލަމެކެވެ. (އަލްމުއުމިނޫން 100).

މި ބަރުޒަހުގެ އާލަމުގައި މުޖުރިމުންނާއި ހެޔޮލަފާ މީހުން ތަޖުރިބާ ކުރަމުން ދާނީ އެ މީހެއްގެ އަމަލުތަކާ ގުޅޭ ގޮތަށް އެ މީހަކާ މެދު ކުރެވޭ މުއާމަލާތެކެވެ. ހަމަ އެއާ އެކު އެ ދެބައިމީހުންގެ ތެރޭގައި ވެސް މީހުން އެކި ދަރަޖަތަކުގައި ތިބޭނެ އެވެ. މިގޮތުން ނުބައި އަމަލުތައް ކުރާ ބައެއް މީހުންނަކީ އެ މީހުންގެ މޫނުތައް ފިއްސައިލެވޭ ފަދަ އަލިފާނަށް ހުށަހެޅިގެންވާ ބައެކެވެ. އަނެއް ބަޔަކީ އެ އަށް ވުރެ ދަށް އަޒާބެއް ލިބެމުންދާ ބައެކެވެ. ހަމަ އެފަދައިން ހެޔޮ އަމަލުތައް ކުރާ ބައެއް މީހުންނީ ﷲ ގެ އަރުޝިކޮޅުގެ ދަށުގައި ސުވަރުގޭގެ ކޯރުތައް ދެމިގެންދާ ހިސާބުގައި ސުވަރުގޭގެ މޭވާއިން ރިޒުގު ލިބެމުންދާ ބައެކެވެ. އަނެއް ބަޔަކީ އެ މީހުންނަށް ލިބެން އޮތް ނިއުމަތްތައް ފެނިލުމުން އުފާވެރިކަން ހާސިލުކުރަމުންދާ ބައެކެވެ.

އެހެންކަމުން ﷲ އަށް އީމާންވެ، ހެޔޮއަމަލު ކުރަމުންދާ ބަޔަކަށް ބަރުޒަހުގެ އާލަމަކީ އެއްވެސް ބިރުވެރިކަމެއް އޮތް އާލަމެއް ނޫނެވެ. ބިލާލުގެފާނު މަރަށް ހާޒިރުވި ވަގުތު އެކަލޭގެފާނުގެ އަބިކަނބަލުން "އޭ ހުރި ހިތާމައެއްގެ ބޮޑުކަމާއޭ" ކިޔައި އަޑުގަދަ ކުރެއްވުމުން ބިލާލުގެފާނު ވިދާޅުވީ "އެހެނެއް ކަމަކު ހުރި އުފާވެރިކަމެއްގެ ބޮޑުކަމާ އެވެ! މާދަމާ ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ލޯބިވާ މީހުންނާ ބައްދަލު ކުރާނަމެވެ. އެއީ މުހައްމަދުގެފާނާއި އެކަލޭގެފާނުގެ ހިޒުބުގެ މީހުންނާ އެވެ."

އިންސާނާގެ ޖިސްމުން ރޫހު ވަކިވާ ހިނދުން ފެށިގެން ބަރުޒަހުގެ އާލަމް ފެށެ އެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައާ މެދު ވިސްނާލާށެވެ! "އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭ ހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމަ އެވެ. މަލާއިކަތުން އެ ހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި އަޒާބުން ޖަޒާ ދެއްވާނެތެވެ. (އެއީ) ތިޔަބައިމީހުން، ﷲ އާމެދު ބުނެ އުޅުނު ހައްގު ނޫން ބަސްތަކުގެ ސަބަބުންނާއި އެކަލާނގެ އާޔަތްތަކަށް (އީމާން ނުވެ) ބޮޑާވެގަނެގެން އުޅުނު ކަމުގެ ސަބަބުންނެވެ." (އަލްއަންއާމް 93).

ދުނިޔަވީ ހަޔާތުގައި އިންސާނާ އުރެދުންތެރިވި މިންވަރަކަށް ޒަބާނިއްޔަ މަލާއިކަތުން ތިއްބަވާނީ އޭނާ އަށް އަޒާބު ދެއްވުމަށް ތައްޔާރީގަ އެވެ މިގޮތުން އޭނާގެ ގައިގައި އެކި ދިމާލުން ތެޅެމުންދާނެ އެވެ. އަދި އިހާނެތި ގޮތުގައި އޭނާ އަށް އައިބުގެ ބަސް ބުނެވެމުންދާނެ އެވެ. އުރެދުންތެރިކަން ބޮޑުވި މިންވަރަކަށް އަޒާބުގެ ދަރަޖަ ބޮޑުވެގެންދާނެ އެވެ. މިގޮތުން ފިރުއައުނާއި އޭނާގެ އައުވާނުންނަށް ހެނދުނާއި ހަވީރު އަލިފާނަށް (ކަށްވަޅުގެ އަޒާބަށް) ހުށަހަޅުއްވާނެތެވެ. އަދި ގިޔާމަތުގެ ވަގުތު އަންނަ ދުވަހު ފިރުއައުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ އަޒާބަށް (ނަރަކަ އަށް) ވައްދަވާށޭ، މަލާއިކަތުންނަށް އަންގަވާނެތެވެ. (ޣާފިރު 46)

ﷲ އަށް އީމާންވެ، ހެޔޮއަމަލު ކުރަމުންދާ ބަޔަކަށް ބަރުޒަހުގެ އާލަމަކީ އެއްވެސް ބިރުވެރިކަމެއް އޮތް އާލަމެއް ނޫނެވެ.

ގުރައިޝުންގެ ބޮޑުން ކީރިތި ނަބިއްޔާ ﷺ އާ ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެގެން ދިޔައީ ބަރުޒަހުގެ އާލަމުގެ އަޒާބަށް ހުށަހެޅިގެންނެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނައިގައި ވެ އެވެ. "މަލާއިކަތުން، ކާފިރުވި މީހުންގެ މަރު ހިއްޕަވާ ހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމަ އެވެ. އެ އުރެންގެ މޫނުތަކުގައްޔާއި ބުރަކަށި ތަކުގައި އެ މަލާއިކަތުން ތަޅުއްވާ ހާލުގަ އެވެ. އަދި (އެ ހިނދު އެ މަލާއިކަތުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން އަނދައަނދާ ހުރި އަލިފާނުގެ އަޒާބުގެ ރަހަ ލިބިގަންނާށެވެ!" (އަލްއަންފާލު 50).

ބަދުރު ހަނގުރާމައިގައި މަރުވި މުޝްރިކުންގެ ހަށިތައް ވަޅުލުމަށް ފަހު އެ މީހުންގެ ނަމުން ގޮވާލައްވަމުން ހަރު އަޑުން ކީރިތި ރަސޫލާ ﷺ ވިދާޅުވަމުން ގެންދެވީ "ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ވައުދު ކުރެއްވި ކަންތައް ހައްގު ގޮތުގައި ތިޔަބައިމީހުންނަށް ފެނިއްޖެ ހެއްޔެވެ؟". އެ ހިނދު އަސްހާބުން ދެންނެވީ މުޅަވެފައިވާ ބަޔަކަށް ކަލޭގެފާނު މުހާތަބު ކުރައްވަނީ ހެއްޔޭ އެވެ. ރަސޫލާ ﷺ ހަދީސް ކުރެއްވީ "އެ މީހުންނަށް ވުރެ ތިޔަބޭކަލުންގެ އަޑުއެއްސެވުން ވަކި ވަރުގަދަވެގެން ނުވެ އެވެ. އެކަމަކު އެބައިމީހުންނަށް ޖަވާބެއް ނުދެވެނީ އެވެ."

މި ދުނިޔެމަތީގައި އިންސާނާގެ އެހީތެރިންނާއި ވާގިވެރިންނާއި ގާތްތިމާގެ މީހުން ކިތަންމެ ބައިވަރު ތިބި ނަމަވެސް ބަރުޒަހުގެ އާލަމުގައި އެ މީހަކަށް ހުރި ޖަޒާ ނުލިބި ނުދާނެ އެވެ. ﷲ ގެ ވަހީބަސްފުޅުގެ މާނަ އަޑުއަހާލާށެވެ! "ފަހެ މަރުވުމުގެ ވަގުތުގައި ކަރާ ހަމައަށް ފުރާނަ އައިސް ނޭވާހޮޅި އަށް އެޅިއްޖެ ހިނދެވެ. އަދި އެ ހިނދު ތިޔަބައިމީހުން ބަލަބަލައި ތިބެމު އެވެ. އަދި ތިޔަބައިމީހުންނަށް ވުރެ އެ މީހާއާ (އެބަހީ މަރުވާ މީހާއާ) ގާތްކަން ބޮޑީ ތިމަންރަސްކަލާނގެ އެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަކަށް ނުފެނެތެވެ. ފަހެ ތިޔަބައިމީހުންނީ އަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކު ކަމުގައިވާ ނަމަ ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ ތެދުވެރިން ކަމުގައިވާ ނަމަ އެވެ. (އަލްވާގިއަތު 83-87).

މި ދުނިޔެމަތީގައި އިންސާނާގެ އެހީތެރިންނާއި ވާގިވެރިންނާއި ގާތްތިމާގެ މީހުން ކިތަންމެ ބައިވަރު ތިބި ނަމަވެސް ބަރުޒަހުގެ އާލަމުގައި އެ މީހަކަށް ހުރި ޖަޒާ ނުލިބި ނުދާނެ އެވެ.

މި ކަންކަން މި ގޮތަށް އޮތަސް ބަރުޒަހުގެ އާލަމަކީ ގައިބުގައިވާ ކަމެއް ކަމަށް ވާތީ ބައެއް މީހުންނަށް މި ހަގީގަތް ގަބޫލުކުރަން ވަރަށް ދަތިވެ އެވެ. މިފަދަ މީހުންނަށް ބޭނުންވަނީ މާއްދީ ގޮތުން މިކަން އިހުސާސް ވާށެވެ. ބުއްދީގެ ހަމައިން ވިސްނައި ހަގީގަތަށް ވާސިލުވާކަށެއް ނޫނެވެ. ނަމަވެސް މި ދުނިޔަވީ ހަޔާތަކީ އިމްތިހާނުގެ ދާރަކަށް ވާ ހިނދު އިމްތިހާނުގެ ސުވާލުތަކުގެ ޖަވާބު އެންމެންނަށް ފެންނަން އޮތިއްޔާ ދެން އިމްތިހާނު ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވީއިރު ﷲ ގެ ބަސް އަޑުއަހައި އެ އާ މެދު ބުއްދީގެ ހަމަތަކުން ވިސްނާލުން މުހިންމެވެ. އޭރުން ބަރުޒަހުގެ ހަގީގަތް ގަބޫލު ކުރެވޭނެ އެވެ. އަދި އެ ހަގީގަތާ ކުރިމަތިލުމަށް މި ދުނިޔޭގައި އިންސާނާ ތައްޔާރުވާން މަގުފަހިވާނެ އެވެ.

9 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 15%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 70%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮތަރޭ

16 October 2022

ހުކުރު ޚުތުބާ ގައި މިކަހަލަ ވާހަކަތައް ގެނެސްދޭނެ ނަމަ ހާދަ ރަނގަޅޭ. އެކަމަކު ޚުތުބާގައި މިހާރު ކިޔަނީ ސައިކަލް ދުއްވުމުގެ ކުރިން ޓައިރުގައި ވައި ހަމަ އަށް ހުރިތޯ ބެލުމަށާއި އަޑީތެޔޮ ހުރިތޯ ބެލުމަށާއި، ނަމްބަރު ބޯޑު ހުރީ ޓްރާންސްޕޯޓްގެ ގަވައިދަށްތޯ ބެލުމަށް.

The name is already taken The name is available. Register?

ދެބޯގެރި ދުއްވާތާ ހާދާ

15 October 2022

އައިނު ނަޅާތީ ނުފެނޭ. ސިކުޑިއައް ގެއްލުން ލިބުނީމަ ހަނދާން ތައް ފޮހެވޭ. މީހަކު މަރުވެ ސިކުޑީގެ ޖިސްމާނީ މައުދަނު ތައް ބިމައް ފަނާވެ ފެތުރުނީމަ އެމީހާގެ ހަނދާން ތައް އުފެދިފައިވާ ނިއުރޯން ތައް، ދާއިމީ ކޮއް ގެއްލުނީ. ރޫހު ދާނީ އެއްވެސް މެމޮރީ އަކާ ނުލާ އެދާ ތާކައް. 3 ކުއަޑްރިލިއަން ހިނި ވެސް ދުވާލަކު މަރުވޭ. އޭގެ ހުރިހާ މެމޮރީ ތަކެއްވެސް ދޫކޮއްލާފަ ނީ.

The name is already taken The name is available. Register?

އަތަާ

17 October 2022

މާ ބޮޑަށް ތި އެނގެނީ މާ ބޮޑާ ކަމުން، މަރުވާ ހިސާބުން ރޫހު އަށް ކަންކަން އިހްސާސްވެ ވިސްނޭކަން އިގުނީމަ ކޮންތާކަށް ވަންނަނީ. ހިނި މަރުވާ އަދަދު ތީ އަނެއް ހިނި އަންނަވާހަކަ!

The name is already taken The name is available. Register?

މުހައްމަދު

15 October 2022

ސުރުޚީ ގައި އަދި ލިޔުމުގައިވެސް ގައިބު ގައި ލިޔެފަ އެބަވޭ އެއީ ޣައިބުތޯ?މައުލޫމާތު ވަރަށް ފުރިހަމަ.

The name is already taken The name is available. Register?

ނަތަންޔާހޫ

14 October 2022

ސިޔާސީ ލިއުމަކަށްނުވީތީ ކިޔާމީހުންނާއި ކޮމެންޓްކުރާމީހުން މަދީކަމަށްވެދާނެ!؟

The name is already taken The name is available. Register?

ނޫނީ

14 October 2022

ބުނެފަ އޮތްލެއް ފުރިހަމަކަމުން އިތުރަށް ބުނާނެ އެއްޗެއް ނެތީކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

އެމްސް

14 October 2022

ވެރިން، ފަނޑިޔާރުން، ގާޒީން ފަދަ މީސް މީހުނަށްވެސް މިލިޔުން ފެނުން މުހިއްމު!

The name is already taken The name is available. Register?

ހުވަދޫ އަހައްމަދޭ

14 October 2022

ދޭހަކުރަން ފަސޭހަވި ސިމްޕަލް މޮޅު ލިޔުމެއް. ޝުކުރިއްޔާ ދުކްތޫރު

The name is already taken The name is available. Register?

އެޑްމުންޑޯ

14 October 2022

ވަރަށް މުހިއްމު ލިއުންކޮޅެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454