ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އަޅައިގެން ތިބި ބަޔަކު. -- ފޮޓޯ: މިހާރު
28 ޑިސެމްބަރ 2020 - 22:34
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދުވަހު ކޭސްތަކުގެ އަދަދު ދަށުގައި ހުރުމަށް ފަހު، މާލޭގައި ބޭއްވި ކައިވެނި ޕާޓީއަކުން ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެ ކޭސްތައް އިތުރުވިތާ ދެ ދުވަހެއް ފަހުން އަނެއްކާވެސް ނަންބަރުތައް ދަށްވެލައިފި އެވެ.
ޕާޓީގައި 120 މީހަކު ބައިވެރިވިއިރު ކޮވިޑް ޖެހިފައި ހުރި މީހަކު އެ ޕާޓީ އަށް ދިއުމުން ވައިރަސް ފެތުރި މިހާތަނަށް 41 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އަދި މި މީހުންގެ ކޮންޓެކްޓުންގެ އަދަދު 116 އަށް ވަނީ އަރައިފަ އެވެ.
އެޗްޕީއޭ އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭން ޕޮޒިޓިވްވި 11 މީހަކާއި އެހެން ރަށަކުން ޕޮޒިޓިވްވި މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި ހަތަރު ކޭހެކެވެ. މިއީ 2،340 ސާމްޕަލް ޓެސްޓުކޮށްގެން ފެނުނު ކޭސްތަކެވެ.
މި މަހުގެ 24 ވަނަ ދުވަހު 27 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، ޖެހިގެން އައި ދުވަހު 33 މީހަކު ޕޮޒިޓިވްވި އެވެ. އަދި 26 ވަނަ ދުވަހު 26 މީހަކު ޕޮޒިޓިވްވި އެވެ. އެކަމަކު 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުގެ ކޭސްތައް ވެސް ހިމެނޭ ކަމަށް ބެލެވޭ މިދިޔަ 24 ގަޑިއިރު ތެރޭ ފެނުނީ 16 ކޭހެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 10 މީހަކު ކޮވިޑުން ރަނގަޅުވެ މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،082 އަށް އަރައިފަ އެވެ. ބަލީގައި މިހާތަނަށް 48 މީހަކު މަރުވެފައިވާއިރު ބައެއް މީހުން ވަނީ ކޮވިޑް ޖެހިފައި ވަނިކޮށް ރާއްޖޭން ފުރައިގެން ގޮސްފަ އެވެ. މި ކޭސްތައް ނުހިމަނައި މިހާރު ރާއްޖޭގައި ތިބި ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދަކީ 523 އެވެ. މިހާތަނަށް ރާއްޖޭން ބަލި ޖެހުނީ 13،660 މީހަކަށެވެ.
އެޗްޕީއޭ އިން މިހާރު އަންނަނީ އިނގިރޭސި ވިލާތުން މިހާރު ފެނިގެން އުޅޭ ހަލުވިކޮށް ފެތުރޭ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރޭތޯ ބެލުމަށް، ސާމްޕަލް ނަގައި ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތްކުރަމުންނެވެ. މިހާތަނަށް، ރާއްޖޭގައި ތަފާތު ވައިރަހެއް ފެތުރޭ ކަމެއް އެނގިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
29 December 2020
الحمد لله