މިހާރު ލައިޓް

ސައިކުރާ ނައީމްގެ "މަންމަ": ކަރުނައިން ލޯ ތެންމާލި، އަސަރުން ހިތް ރޮއްވާލި

ހޫނު ގަދަ ދިލަ އުދާސް މެންދުރެއްގައި، ރަތްދަކަ އަވިން ދޮންވެފައިވާ އަތިރިމައްޗަކުން ލިބޭ ފިނިހިޔާކޮޅެއްގައި މަޑުކޮށްލެވޭ ވަގުތު ކޮންމެވެސް އިޝްގީ ވާހަކައެއްގެ ހިޔާލު އުފެދިގަތުމަކީ، މަރްހޫމް ސައިކުރާ އިބްރާހިމް ނައީމް ވިދާޅުވާ ގޮތުގައި، ވަރަށް ގިނަ ފަހަރަށް އޭނާއަށް ދިމާވި ގޮތެކެވެ.

އެފަދަ އަތިރިމަތިތަކުން ހިތުގައި އުފެދުނު ހިޔާލުތަކުގެ މައްޗަށް ލިއުއްވި އިޝްގީ އެތައް ވާހަކައަކުން ޒުވާން ހިތްތަކަށް ލޯބީގެ ވަރުގަދަ ރާޅުތައް ބިންދާލި އެވެ. ނ. އަތޮޅު މާފަރަށް 1979 ވަނަ އަހަރު ކުރެއްވި ދަތުރުގައި، އެ ރަށުގައި ފައި ޖެހުމާ އެކު، އެ ރަށުގެ ރީތި ތުނޑިއާ ދިމާލަށް މިސްރާބު ޖެހީ، އެފަދަ ހިޔާލުތަކެއްގެ ތެރެއަށް ގެނބި ވާހަކައެއް އުފަންކުރުވުމުގެ ބޭނުމުގަ އެވެ. އެކަމަކު އަތިރިމަތީގެ ހިތްފަސޭހަ މާހައުލުގައި ރީތި މަންޒަރު ދުށުމުގައި އެތައް އިރެއް ވަންދެން އިންނެވި އިރު ވެސް އިޝްގީ ވާހަކައެއްގެ ހިޔާލެއް ނުމެ އަ އެވެ.

"އަޅުގަނޑުގެ ހިތުގައި ހިނގަމުންދަނީ މުޅިން އެހެން ހިޔާލުތަކެކެވެ. ކުރިމަތީގައި އޮތް ރީތި މަންޒަރުތައް ރީތިވީ ވަރަކަށް، އޭގެ ތެރެއަށް ގެއްލެން އުޅުނު ވަރަކަށް، އަޅުގަނޑު ހަނދާންވަމުން ދިޔައީ މި އެކަނިވެރި ދަތުރުގައި އަޅުގަނޑަށް އެ މީހަކާ ވަކިވާން ޖެހިފައިވާ އަޅުގަނޑުގެ ލޮބުވެތި މަންމަ އެވެ،" ނައީމް ލިއުއްވާފައިވެ އެވެ.

އެ އަތިރިމަތީގައި ކޮންމެ ދުވަހަކު ދެތިން ފަހަރަކު ގޮސް އެކަނިމާއެކަނި ދެތިން ހަފުތާ ހޭދަކުރެއްވިއިރު ނައީމްގެ ހިޔާލުގެ އިސްކިރީނުން ފިލްމު ބަދަލުވާ ގޮތެއް ނުވި އެވެ. ނައީމްގެ ހިތުގެ އެތެރެ ފުރިފައިވަނީ މާތްކަލާނގެ ދުނިޔޭގައި ލެއްވި އެންމެ ވަރުގަދަ ލޯބީގެ އަސަރުންނެވެ. މައިވަންތަކަމުގެ ލޯތްބާއި، މައިލަގޮނޑިއަށް ކެތްނުވީމާ ވާ ގޮތް ހިތަށް އަރުވައިގެން އިނދެ ކުރަން ފެށި ހިޔާލުން ނައީމް އުފަންކުރެއްވި ވާހަކައިގެ އަސަރުގަދަކަމާ އެވެ. "މަންމަ" ގެ ނަމުގައި ނައީމް ލިއުއްވި އެ ވާހަކަ އަކީ ޔަގީނުން ވެސް ދިވެހި ބަހުން މިހާތަނަށް ލިއެފައިވާ އެންމެ މޮޅު އެއް ވާހަކަ އެވެ.

އެ ވާހަކައިގެ އަސަރުގެ ފުން ކަނޑުގެ ތެރެއަށް އެތައް ބަޔަކު ގަންބާލި އެވެ. އެތައް ބައެއްގެ ލޮލުން ހިފެހެއްޓުމެއް ނެތް ކަރުނަ އޮހޮރުވާލި އެވެ. ރާއްޖޭގެ މަޝްހޫރު އަދީބު މަރްހޫމް އިބްރާހިމް ޝިހާބަށް ކުރެއްވި އަސަރާ އެކު ވާހަކަ ވިދާޅުވެވޭ ވަރެއް ނުވި ކަމަށްވެ އެވެ. އަށްޑިހައިގެ އަހަރުތަކުގައި ދިވެހިން ގަބޫލުކުރި ގޮތުގައި އެ ފެންވަރުގެ ދެ ވަނަ ވާހަކައެއް ދިވެހި ލިއުންތެރިއަކަށް ނުލިޔެވޭނެ އެވެ. ދިވެހި ބަހާއި އަދަބަށް ހިދުމަތްކުރާ މަޖިލީހުން ފުރަތަމަ ބޭއްވި ވާހަކަލިޔުމުގެ މުބާރާތުގެ އެއް ވަނަ ލިބުނީ ވެސް އެ ވާހަކައަށެވެ.

ސައިކުރާ އިބްރާހިމް ނައީމްގެ "މަންމަ" ވާހަކަ ފޮތް.

މީގެ 37 އަހަރު ކުރިން ނައީމް ދިވެހި އަދަބީ ގުލްޝަނަށް ހަދިޔާކުރެއްވި "މަންމަ" ވާހަކަ އަލުން ތިލަކުރަން މިއަދަށް ވުރެ ވަކި މުނާސަބު ދުވަހެއް ނެތެވެ. މިއަދު ފާހަގަކުރާ މަންމައިންގެ ދުވަހުގެ ތަފާތު މެސެޖުތައް ފޭސްބުކުގެ ތެރެއަށް އެތަކެއް ދަރިން ދޫކޮށްލާނެ އެވެ. މަންމަ ދެކެ ވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން ލިޔާ ޖުމްލަތަކާއި ލާ ފޮޓޯތަކުން ކުރާ އަސަރު އެއީ، ނައީމުގެ އިބުރަތުން ފުރިގެންވާ އެ ވާހަކައިން ކުރުވާ އަސަރާ ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. އެހެންކަމުން މަންމައިންގެ ދުވަސް ފާހަގަކުރާއިރު ނައީމް އެ ދޫކުރެއްވި ހަދިޔާގެ ވާހަކަ ދައްކަން ޖެހެ އެވެ. ދަރަނިވެފައިވެފައިވާ ހިތަކާ އެކު އެވެ.

ފަހުގެ ޖީލުގެ ގިނަ ޒުވާނުން އެ ވާހަކަ އަދި ކިޔާފައިނުވާނެ ކަމަށް ބަލައި ވާހަކައިގެ ކުރި މަރައިލާން ބޭނުމެއް ނޫނެވެ. އެކަމަކު އެ ވާހަކައިގައި ހުރި އަސަރުގެ ވާހަކަ ދައްކަން ޖެހެ އެވެ. ދަރިއަކު ދެކެ މަޔެއްގެ ހިތުގައި އުފެދޭ މައިވަންތަކަމުގެ ވަރުގަދަ ކުލުނެވެ. މަތިވެރި ލޯތްބެވެ. ވީ ގުރުބާނީ އެވެ. އުއްމީދުގެ ހުޅުކޮޅު ނިއްވާނުލައި، ބިކަހާލުގައި އުޅުނު އުޅުމެވެ. އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލުނު ނަމަވެސް އުފަލެއް ނުލިބި އަނެއްކާވެސް ހިތަށް އެ ލިބޭ ގަދަވޭނެވެ. އެ ގުރުބާނީވީ މައިމީހާއާ މެދު ދަރިފުޅު އަމަލުތައް ބެހެއްޓި ގޮތެވެ. އެކަމުން ލިބުނު އަގުހުރި އިބުރަތްތަކެވެ. ވާހަކައަކުން އިންސާނަކަށް ކުރާނެ އެންމެ ފުރިހަމަ އަސަރު މި ވާހަކައިން ކުރެ އެވެ. އިންސާނެއްގެ ހަޔާތް ބަދަލުކޮށްލާނެ އިބުރަތްތަކެވެ.

ރާއްޖޭން ބޭރުގައި އެ ދުވަސްވަރު ކިޔަވަން ތިބި ކުދިން ވާހަކަ ކިޔައިފައި ރުއި ކަމަށްވެ އެވެ. އެތައް ހާސް މޭލެއް ދުރުގައި އަމިއްލަ ގައުމުގައި ތިބި މަންމައިންގެ މަތިން ހަނދާންކުރުވައި ހިތް ރޮއްވާލި އެވެ. ރަށްރަށުގެ މައިޒާންތަކުގައި ވާހަކަ ކިޔައިދެމުން ދިޔައިރު އަޑުއަހަން މީހުން ތިބީ ފެންކަޅިވެފަ އެވެ. ވާހަކައިގެ ކުންނާ ހަމައަށް ދިޔައިރު ގައިން ހީބިހި ނުނަގާ ހަމަ އެކަކު ވެސް އޭރު ނެތެވެ.

ކުޅަދާނަ އަދީބު މަރްހޫމް މުހައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ ގޮތުގައި ލިޔެފައިވާ ވާހަކައެއްގެ މޮޅު ދެރަ ބެލުމުގައި އެންމެ އިސްކުރަން ޖެހޭ އެއް ކަމަކީ ވާހަކައިގެ އަސަރެވެ. ކިޔާ މީހަކަށް އަދި އަހާ މީހަކަށް އެއިންކުރާ އަސަރެވެ.

"ވާހަކައިގެ ބައެއް ތަންތަން އަހަމުން ދިޔައިރު ލޮލުން ކަރުނަ ފައިބައިނުތަނުދީ ހިފެހެއްޓުނީ ހަމަ ކިރިޔާ އެވެ."

ޝިހާބް ވިދާޅުވެފައިވާ ގޮތުގައި ވާހަކައިގެ މަގުސަދާއި އިބުރަތްތެރި ނަތީޖާއަށް ބަލާއިރު މި ވާހަކަ ހިމަނަނީ ވަރަށް ވެސް އަގުހުރި އެއްޗެއްގެ ގޮތުގަ އެވެ.

"އެއްވެސް ޝައްކެއް ނެތެވެ. މައިމީހާގެ މައްޗަށް ކޮންމެ ދަރިއަކުމެ ބަހައްޓަންވީ ހުރުމަތާއި ލޯތްބާއި އޯގާވެރިކަން ނުބަހައްޓައިފި ނަމަ ނިކުންނާނެ ހިތި ނަތީޖާގެ އިބުރަތްތެރި ފިލާވަޅު މި ވާހަކައިގައި ކިތަންމެ ރަނގަޅަކަށް ވެސް ހާމަކުރެވިފައިވެ އެވެ،" ޝިހާބް ލިއުއްވާފައިވެ އެވެ.

ސައިކުރާ އިބްރާހިމް ނައީމް ލިޔުއްވާފައިވާ "މަންމަ" ވާހަކަ.

ނައީމް ދިވެހި ގައުމަށް އެ ދޫކުރެއްވީ ވަރަށް ބޮޑު ރައުސްމާލެކެވެ. ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އެއީ "މައިވަންތަކަމުގެ ލޯބި ދިރުވައި ފުރާނަ އަޅުވައިދިން ވާހަކައެއް" ކަމަށެވެ.

"މައިވަންތަ ލޯބި އާލާކުރުމުގެ ނަމޫނާ ވާހަކައެއް އެއީ. ވާހަކަ ލިއުމަށް އިންގިލާބީ އަސަރެއް ގެނުވި ވާހަކައެއް އެއީ. ވަރަށް ގިނަ ބަޔަކު ކީ ވާހަކައެއްގެ ގޮތަށް އަޅުގަނޑުމެންނަށް ފާހަގަވެފައި އޮތީ،" އަޝްރަފް ވިދާޅުވި އެވެ.

ޒަމާން ބަދަލުވެ މައިންބަފައިންނަށް ކުރާ އިހުތިރާމަށް ވެސް މި ޒަމާނުގައި މިވަނީ ބަދަލު އައިސްފަ އެވެ. އެކަމަކު ޔަގީނުން ވެސް މި ވާހަކަ ކިޔައިފި ނަމަ، އަޝްރަފް ވިދާޅުވި ގޮތުގައި، "މައިވަންތަކަމުގެ ލޯތްބަކީ ކިހާ ވަރުގަދަ އެއްޗެއްކަން އެނގޭނެ" އެވެ.

"މަރްހޫމް ނައީމް ގައުމަށް އެ ދޫކުރެއްވީ އަދަށް ވެސް، މުސްތަގުބަލަށް ވެސް ބޭނުން ހިފޭނެ ވާހަކައެއް. ގައުމުގެ ދަރިންނަށް ބޭނުންވާ އިބުރަތުން ފުރިގެންވާ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.

މުނާސަބަތު ވަގުތު، ސިފަކުރުންތަކާއި ޑައިލޮގްތައް ގެނެސްފައި ހުރި ގޮތް އެހާމެ މޮޅެވެ. އިބާރާތްތައް ކުރުވެފައި ދޭހަވުން އެހާމެ ފަސޭހަ އެވެ. ކޮންމެ ޖީލަކަށް ވެސް ކިޔާލަން ފުރިހަމަ ވާހަކައެކެވެ.

ލިއުންތެރިއެއް ކަމަށްވާ މަޑުލު މުހައްމަދު ވަހީދު ސިފަކުރައްވާފައިވާ ގޮތުގައި ދިވެހީންނަށް ނައީމް ފާހަގަވެފައިވަނީ ނާރުތަކާ ކުޅެލި އަދަބީ މަސައްކަތްޕުޅުތަކެއްގެ ސަބަބުންނެވެ. އެތައް ޖިންސުއްލަތީފުންގެ ލޮލުން ކަރުނަ އޮހޮރުވާލި ދިގު ވާހަކަތަކާއި ކުރު ވާހަކަތަކުންނެވެ. "އިންތިޒާރު"، "މާލޭ ދަތުރު"، "އެންމެ ކައިރީގައި އެހެނަސް އެންމެ ދުރުގައި" އަދި "ލޭކްޝިޕަރުގެ ރާޅުތައް" ފަދަ އިޝްގީ ވާހަކަތަކެވެ. "އެ ގަތުލުގެ ސިއްރު" ފަދަ ދިވެހިން އާންމުކޮށް ލިޔެނޫޅޭ ފަދަ ޖާސޫސީ ވާހަކަތަކެވެ. އެންމެ ހިމަނާރާ ވެސް ކުޅެލާ ފަދަ އިޝްގީ ޅެން "ޔަމަނުގެ މައުސޫމާ" އަދި ގައުމިއްޔަތުގެ ރޫހު އާލާކޮށްދިން "ދިވެހި ގައުމީ ދިދައިގެ އާދޭސް" ފަދަ ޅެންތަކެވެ. އެކަމަކު އެ ހުރިހާ އަދަބީ މަސައްކަތްޕުޅުތަކުގެ ތެރެއިން ވެސް "މަންމަ" ވާހަކަ އަށް ހާއްސަކަމެއް ދެވިފައިވެ އެވެ.

"ނައީމަކީ ހަގީގަތުގައި ވެސް ދިވެހި ވާހަކަ ލިޔުންތެރިކަމަށް އައު އިންގިލާބެއް ގެންނެވި ބޭފުޅެއް. އެ ސްޓައިލެއް ކޮޕީކުރެވިފައެއް ނެތް. އަދި އަލަކުން ވެސް އެފަދަ ހުށަހެޅުމެއް ފެންނާނެ ގޮތެއް އޮތެކޭ ވެސް ހިތެއް ނުބުނޭ،" ފަތްތޫރައިގައި މަޑުލު ވަހީދު ލިއުއްވާފައިވެ އެވެ.

އެ ވާހަކައަށް ފިލްމެއް ހެއްދެވުމުގައި އުއްމީދުގައި، 1996 ހިސާބުގައި ނައީމް އެ ވާހަކަ އަގަކާ ނުލައި މުހައްމަދު ނިޔާޒް (ޓެޑްރީ) އަށް ދެއްވި އެވެ. އެ ފިލްމުގެ ކަރުހާދުގެ މަސައްކަތް ޓެޑްރީ ކުރި އެވެ. އެކަމަކު ނައީމް ދުނިޔޭގައި ހުންނަވަނިކޮށް މަންމަ ވާހަކަ ފިލްމަކަށް ހެދިފައި ނުވުމަކީ، ޓެޑްރީ ބުނެފައިވާ ގޮތުގައި، އޭނާގެ އެންމެ ބޮޑު ނާކާމިޔާބީ އެވެ.

ސަރުކާރަށް 50 އަހަރަށް ވުރެ ގިނަ ދުވަގު ހިދުމަތްކުރެއްވި ބޭފުޅުންނަށް ދެއްވި ހަނދާނީ ފިލާ ސައިކުރާ އިބްރާހިމް ނައީމަށް (ވ) ރައީސް މައުމޫން އަރުވަނީ. --ފައިލް ފޮޓޯ

މި ވާހަކަ ނައީމް ތަހްސީސް ކުރައްވާފައިވަނީ އެމަނިކުފާނުގެ މަދްރަސީ ހަޔާތުގެ "މަންމަ" ކަމަށްވާ މަޖީދިއްޔާ ސްކޫލުގެ އޭރުގެ މުރުޝިދުލްއަހްލާގް މަރްހޫމް ހަސަންމޫސާދީދީ އަށެވެ. އެކަމަކު ޝުކުރުގެ ދަރަނި އަދާނުކުރެވޭ ފަދަ ހާލަތެއްގައި އަދި ހިތާމައެއް ވެސް ކުރަމުންނެވެ. އެއީ އަހްލާގީ ރޮނގުން ހަސަންމޫސާދީދީ އަބަދާއިއަބަދު ދެއްވި އަގުހުރި ނަސޭހަތްތަކުގައި ނުހިފުނީތީ ކުރެއްވި ހިތާމައެކެވެ.

މަޖީދިއްޔާ ސްކޫލަކީ ނައީމުގެ ވެސް ލޮބުވެތި "މަންމަ" ކަމަށް ސިފަކުރައްވާފައިވެ އެވެ. މަޖީދިއްޔާ ސްކޫލަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ފަރާތުން ނެރުނު މަޖައްލާ "މަޖީދިއްޔާ ރަން ޔޫބީލް" ފޮތުގައި އޭނާ ވަނީ މަޖީދިއްޔާގެ ރަން ޔޫބީލް ހަރަކާތްތަކުގައި އުޅުއްވިރު ދެ ލޯ އޭގެ "ރަހަހިތި އޭގެ އަސަރުހިތި ކަރުނައިން ފުރުނު" ވާހަކަ އާއި އެ ކަރުނައަށް ނިމުމެއް ނުގެނެވުނު ވާހަކަ ލިއުއްވާފަ އެވެ.

އެއީ، ނައީމް ލިޔުއްވާފައިވާ ގޮތުގައި، އެ ލޮބުވެތި މަންމަގެ އުނގުގައި އުޅުނުއިރު، އެ މަންމަގެ އޯގާވެރި އަޑުން ދަރިފުޅާއޭ އަބަދަކު މި މަންމަގެ އުނގަކު ނޯވެވޭނެޔޭ، މާދަމާ ކަލެއަކީ ބޮޑު މީހަކަށް ވާނެއޭ، މާދަން އުޅެން ޖެހޭނީ އެކަނިވެރި އަމިއްލަ ދިރިއުޅުމޭ ބުނަމުން ދިޔައިރު، ދަރިފުޅާއޭ މަންމައާ ވަކިން އުޅެން ދިމާވާ އިރަށް މަންމަ މިދޭ ނަސޭހަތްތައް އަޑުއަހާށޭ ބުނަމުން ދިޔައިރު އަދި މަންމަ މިއަދު މިބުނާ އެއްޗެއް ވިސްނޭނެ ދުވަހެއް އަދި އަންނާނެއޭ ބުނަމުން ކަރުނަ އަޅަމުން ދިޔައިރު އޭރުވަނީ ކީއްކަން ނުވިސްނުނީތީ އެވެ.

"ތެދެކެވެ. މިހާރު އެނގިއްޖެއެވެ. އޭރު އެމަންމަ ބުންޏެވެ. "މަގޭ ނުވިސްނޭ ދަރިންނޭވެ! މަންމަގެ މި ނަސޭހަތް މިއަދު އަޑުއަހަން ވެސް އުނދަގޫވާނެ އެވެ. އެއީ ކޮންމެ ބަލިމީހަކަށް ވެސް ވާ ގޮތެވެ. ބޭސް ހިތިވާނެ އެވެ. ނަމަވެސް އެހިތި ބޭހުގެ ފައިދާކުރާނީ ފަހުންނެވެ. ހަމައެހެން މި ނަސޭހަތްތައް އަޑުއަހަން ވެސް ދަތިވާނެ އެވެ. ނަމަވެސް އޭގެ ފައިދާކުރާނީ ފަހުންނެވެ."

ނައީމް ލިއުއްވާފައިވާ ގޮތުގައި މަންމަ އެ ބުނިހެން ވެއްޖެ އެވެ. އެ ހުރިހާ ދުވަހު އެމަތިވެރި ސްކޫލުގައި އުޅުނުއިރު ކަމުދާ ފަދަ މީހަކަށް ނުވީތީ އެވެ. ހަރުދަނާ އަހުލާގެއްގެ ވެރިއަކަށް ނުވެވުނީތީ އެވެ. ލޮބުވެތި މަންމަ ތަކުރާރުކޮށް ބުނަމުން ދިޔަހެން ވެހޭތާގައި ފެން ނުނެގުނީތީ އެވެ. އޭރު އެ ދިންހާ ނަސޭހަތްތައް ފޫހިކަން އިހުސާސް ކުރަމުން ބީރުކަންފަތަކުން އަހަމުން ގެންދެވުނީތީ އެވެ. މިއީ މާދަމާގެ ދިރިއުޅުމުގެ ބިންގާ އެޅޭ މަރުކަޒުކަން ވިސްނާ ނުލެވުނީތީ އެވެ.

އެކަމަކު ޔަގީނުން ވެސް ނައީމް އަޅުގަނޑުމެންނަށް ދޫކުރެއްވި އެ ފޮތުގައިވާ އަގުހުރި ނަސޭހަތްތަކާއި އިރުޝާދުތަކުގެ ބޭނުން ހިފެން އެބަ އޮތެވެ. އަޅުގަނޑުމެންނަށް އަދި ވަގުތު ފާއިތެއް ނުވެ އެވެ. އޭނާ އަޅުގަނޑުމެންނަށް ދޫކުރެއްވި އެ އަގުހުރި ހަދިޔާގެ ބޭނުން ހިފައިގެން ވެސް ނުވަތަ ނުހިފައި ވިޔަސް މައިންބަފައިންނަށް އަޅާލައި އިހުތިރާމްކުރުމަކީ، އެ ވާހަކަ ނިންމާލައްވަމުން ކުރައްވާފައި އޮތް ދުއާ އެވެ.

އެހެންކަމުން މައިންބަފައިންނަށް ކުރާ އިހުތިރާމާއި ގަދަރަކީ ނުވަތަ ވާ ލޯތްބަކީ މަންމައިންގެ ދުވަހު ފޭސްބުކަށް ދޫކޮށްލާ މެސެޖަކަށް ވިޔަ ދީގެން ނުވާނެ އެވެ. އަދި މިއަދު މަންމައާ އެކު ނަގާ ފޮޓޯއަކުން ވެސް ނުފުދޭނެ އެވެ. ފަހު ދުވަހާ ހަމައަށް ވެސް މައިންބަފައިންނަށް އަޅާލައި އޯގާތެރިވެ އަދި ދެ ވަނަ މަންމަ ކަމަށްވާ ސްކޫލުން ދޭ އިރުޝާދުތަކާއި ނަސޭހަތްތައް ވެސް އަޑުއަހަންވީ އެވެ.

35 ކޮމެންޓް, 174 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 19%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި

23 May 2017

ޥ ރީތި ވާހާކައެއް

The name is already taken The name is available. Register?

މޫސާ

16 May 2017

އެންމެހާ މުސްލިމު މަންމަ އިންނަށް މާތްﷲ ރަހްމަތްލައްވާ ފާފާ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވާށި!

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

15 May 2017

މަންމަ ވާހަކަ އަޅުގަނޑު ވެސް ކީމެވެ. އެއީ ވަރަށް އަސަރުން ފުރިގެންވީ ވާހަކަ އެކެވެ. އެވާހަކަ އަށް ރަނގަލު ފިލްމެއް ހެދިއްޖެނަަމަ، ވަރަށް ހިނގާނެ އެވެ. އަދި އެއީ މުޖުތަމައަށް ދެވޭރަނގަޅު މެސެޖަކަށް ވާނެ އެވެ.

The name is already taken The name is available. Register?

އަލިފުށި އަހަންމަދު

14 May 2017

މިވާހަކަ އޭރު އަޑުއެހީ ރޭޑިއޯ މޯލްޑިވްސްއިން ވަރަށް ކަމުދޭ. ވާހަކައިގެ ފަހުކޮޅު ކިޔަމުންދިޔ ރޭރޭ ނުރޯ އެންމެ ރެއެއްވެސް ނުދާނެ. ތޮޔޮފެންލެވޭހިނދު މާބަނޑުން އިވެމުންދެއޭ ހެޔޮކަމުގެ ތިލަފަތްބަރުކުރާ ހެވަކަށް މިދަރިފުޅު ވާނެއޭ. ހެޔޮވާނެތޯ އެހެނަސް މިއީ ކަންތަށް ހިނގާ ހަމަ އާދައޭ... ކެޔޮގަނޑުކަނޑާލީމާ ގަހުގެ ދެން ބޭނުމެއް ނޯންނާނެއޭ

The name is already taken The name is available. Register?

ރަނގަޅު ކޮށްލުމެއް

16 May 2017

ތެޔޮފެން ލެވޭ ހިނދު މާބަނޑުން ތޮޅެމުން މިދާ އިރު ހީވެޔޭ ހެޔޮ ކަމުގެ ތިލަފަތް ބަރުކުރާ ހެވަކަށް މިދަރިފުޅު ވާނެޔޭ

The name is already taken The name is available. Register?

ހުސޭނާ

14 May 2017

މިފޮތުގަ ބޭރުގަޑުފެނުނަސް މަށައްރޮވޭ ބައިދަވޭ އައިއޭމްއަ އިމޯޝަނަލްމެސް

The name is already taken The name is available. Register?

ނަމް

14 May 2017

ވާހަކަ މަވެސް ކިން، ވ ރީތި. އެކަމަކު އަސްލު އަހާލަން އޮތީ އެހެން ވާހަކައެއް. އެއްވެސް ކިޔުންތެރި އަކަށް އިނގޭތަ އޮރިޖިނަލް "ޔަމަނުގެ މައުސޫމާ" ލިބޭނެ ތަނެއް، އޮންލައިންކޮށް އެއްވެސް ސައިޓެއްގަ އޮވެދާނެ ބާ އެ ޅެން؟؟!!

The name is already taken The name is available. Register?

އަލީ

14 May 2017

ފަތްތޫރައިގެ ކޮންމެވެސް އަދަދަކުން ދުށިން

The name is already taken The name is available. Register?

ޥނ

14 May 2017

ޥިއްކަން ހުރޭ

The name is already taken The name is available. Register?

ކަމަނަ

14 May 2017

ނެޝަނަލް ލައިބްރަރީގަ ހުރޭ

The name is already taken The name is available. Register?

ނިޔާޒް

14 May 2017

މިވާހަކަފޮތް ވިއްކަން ހުންނާނީ ކޮންތާކުތޯ!!!!

The name is already taken The name is available. Register?

އަހުމަދު

14 May 2017

މިފޮތް ގަންނަން މިދިޔަ އަހަރުވެސް ވަރަށް ބަލައިފިން. ފޮޓޯއިން ފެންނަ ގޮތުން 2014 ގައިވެސް މިފޮތް ޗާޕު ކޮށްފައިވޭ. ވީމާ ކޮންމެވެސް ބުކްޝޮޕަކުން ލިބިދާނެހެން ހީވޭ. "މިހާރު" ގެ އެއްވެސް ކިޔނުްތެރިއަކށް ފޮތް ގަންނަން ލިބެން ހުންނަތަނެއް އިގޭނަމަ މިތަުގައި ލިޔެ ދިނުން ވަރަށް ބޮޑަށް އެދެން.

The name is already taken The name is available. Register?

12

17 May 2017

އަޅުގަނޑުމެންގޭގަ މިފޮތް އެބޮތް މިހާރުވެސް

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

14 May 2017

ގޮތްހުސްވާ ހިސާބަށް ސިޔާސީ ފިކުރު ގެންދިއުމަށް މަސައްކަތް ކުރުމަށް ވުރެ މިފަދަ އިބްރަތްތެރި ވާހަކަ ދިވެހީންނަށް ކިޔާދީ ދިވެހީންގެ ދިވެހި ވަންތަކަން އުފެއްދުމަށް މަސައްކަތް ކުރާނަމަ މިހާރު ނޫހުގެ މަގުބޫލުކަން އިތުރުވެގެންދާނެ.

The name is already taken The name is available. Register?

ނަާނު

14 May 2017

ވަރަށް ރިީތި ވާހަކަަަައެެއް

The name is already taken The name is available. Register?

މަދޮށި

14 May 2017

ވިސްނާލަބަލަ މަންމައަކަށް ކުރާނެ އަސަރު އެމަންމަގެ ދަރި ގެއްލުވާލާފަވާތާ އެތައް އަހަރެއްވާއިރުވެސް ވީގޮތެއްނޭނގި އެކަން ކުރި ބަޔަކު ނުހިފި މުޖުތަމައުގަ އުޅޭއިރު. ވިސްނާލަބަލަ މަންމައަކަށް ކުރާނެ އަސަރު އެމަންމަގެ ދަރި ގަޔަށް 14 ފަހަރަށް ވުރެ ގިނައިން ވަޅިހަރާލާ މަރާލާފަ ވާއިރުވެސް އެކަންކުރި މީހުން ހަމަ މިމުޖުތަމައު ތެރޭ އުޅޭއިރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454