މުނިފޫހިފިލުވުން / ވާހަކަ

ޖިންނިއެއްގެ ޝަކުވާ

ހަނާއަކީ އުމުރުން ތިރީސް އަހަރުގެ އަންހެނެކެވެ. ހަތަރު ކުދިންގެ މަންމައެކެވެ. ހަނާ ދިރިއުޅެނީ ރިޒްވާންގެ މައިންބަފައިންގެ ގާތުގައި މާލޭގައެވެ. ރިޒްވާނަކީ ހަނާގެ ފިރިމީހާއެވެ. ކުދިންގެ ބައްޕަ ވެސް މެއެވެ. ހަނާގެ މައިންބަފައިން އުޅެނީ ރަށުގައެވެ. ވަރަށް ގާތްގާތުގައި ލިބުނު ހަތަރު އަންހެންދަރިން ބެލުމުގައި، ޒާހިދާގެ ވަރަށް ބޮޑު އެހީތެރިކަމެއް ހަނާއަށް ލިބެއެވެ. ޒާހިދާއަކީ ރިޒްވާންގެ މަންމައެވެ. ހަނާގެ މައިދައިތައެވެ. އޮފީހުން ކެނޑިގެން ދަރިން ބަލަން ހަނާ ގޭގައި އިންނަ ނަމަވެސް ކަސްރަތު ކިލާހަށް ދިޔުމާއި، ރައްޓެހިންނާ އެކުގައި ބޭރަށް ނުކުމެއުޅުމުގެ މިނިވަންކަން ޒާހިދާ އޮންނަނީ ދީފައެވެ. ޒާހިދާގެ ހިތްހެޔޮކަމާއި، އޯގާތެރިކަމަށް ޓަކައި ހަނާ އަބަދުވެސް ޝުކުރުވެރިވެއެވެ. ދެން ހުރީ ނަސީމެވެ. ރިޒްވާންގެ ބައްޕައެވެ. ނަސީމު ދެކެނީ ހަނާއަކީ ނަސީމުގެ ދަރިއެއްކަމަށެވެ. ލޯތްބާއި އަޅާލުން ދިނުމުގައި ރިޒްވާނަކާ ތަފާތެއް ނުކުރެއެވެ.

ހަނާގެ ދަރިން އިސްކޫލުން ގެއަށް ގެންނަނީ ރިޒްވާނެވެ. ބައެއް ފަހަރު ޒާހިދާ ވެސް ދެއެވެ. ހަގަށް ތިބޭ ދެ ކުދިން އެއް ވަގުތެއްގައި އިސްކޫލުން ނިމޭތީ، ނަޔާޝީން ބަލާ ދަނީ ހަނާއެވެ. ނަޔާޝީނަކީ އެންމެ ހަގު ކުއްޖާއެވެ. އާދައިގެމަތިން ނަޔާޝީން ބަލާ ދިޔަ ދުވަހެކެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. މާ ބޮޑު ފިކުރެއް ނެތި އިސްޖަހައިލައިގެން ހަނާ ދިޔައީ، އާންމުކޮށް ހަނާ ހުންނަ ހިޔާގަނޑާ ދިމާއަށެވެ. ކުއްލިއަކަށް ހަނާއަށް އުނދަގޫވާން ފެށިއެވެ. މޭއަންދައި، ކަރުހިކެން ފެށިއެވެ. ހަނާއަކީ ވައިގެ މައްސަލަ ހުންނަ މީހެއް ނޫނެވެ. ކުއްލިއަކަށް ކަރުހިކި، ހިންދިރުވާ ނުލެވޭ ވަރަށް ކަރުހިއްކުމަކީ ކުރިން ހަނާއަށް ވީ ގޮތެއް ނޫނެވެ. ހަނާއަށް އިސްއުފުލައިލެވުނެވެ. ކުދިން ބަލާ އައިސް ތިބި އެންމެން ތިބީ އިސްކޫލުގެ ދޮރާ ދިމާއަށް އެނބުރިގެންނެވެ. އެންމެ އަންހެނެއް ފިޔަވައެވެ. އޭނަ ހުރީ ދޮރަށް ފުރަގަސްދީގެން ހަނާއަށް ބަލަހައްޓައިގެންނެވެ. އެސްފިޔަޖެހުމެއް ނެތި ދެ ލޯ ބޮޑުކޮށްލައިގެންނެވެ. އޭނަ ލައިގެންހުރީ އަޅިކުލަޔަކަށްދާ ޖުއްބާއެކެވެ. އަޅައިގެންހުރީ ބޮޑު ބުރުގާއެކެވެ. އޭގެ ކުރިން، ދުވަހަކު ވެސް ހަނާގެ ލޮލަކު އެ މީހާ އަޅައެއް ނުގަނެއެވެ. އެއީ އަޖައިބެކެވެ. އެ ގަޑީގައި އަންނަ ގިނަ މީހުންގެ މޫނު ހަނާ ހަނދާންހުރެއެވެ. ކުރިން ނުފެންނަ މީހަކު ހަނާއަށް ކަޅިއަޅައިގެން ހުރީ ކީއްވެގެންބާއޭ ހަނާ ހިތަށްއެރިއެވެ. މައްސަލައަކީ ކޮބައި ހެއްޔެވެ؟ ހަނާ އިރުކޮޅަކު ބަލަން ހުރުމުން ވެސް އެ މީހާ އެހެން ދިމާއަކަށް ނުބެލުމުން ހަނާ އިސްޖަހައިލިއެވެ. އިރުކޮޅެއް ކޮށްފައި އަލުން ބަލައިލިއިރު ވެސް އެ އަންހެންމީހާ ހުރީ ހަނާއަށް ބަލަހައްޓައިގެން ގާވެފައެވެ. އެ ވަރަށް ބަލާތީ އެ މީހާޔާ ސުވާލުކޮށްލަން އުޅެފައި ވެސް ހަނާއަކަށް ނުކެރުނެވެ. ދެން އިވުނީ އިސްކޫލުގެ ދޮރާށި ހުޅުވި އަޑުއެވެ. ހަނާ އިސްކޫލަށް ވަންނަން ދަނިކޮށް އަންހެންމީހާ ކޮންމެވެސް އެއްޗެއް ބުންޏެވެ. އެ ވަގުތު ތަނުގައި އަޑު ހުރި ގޮތުން އެ މީހާ ބުނި އެއްޗެއް ހަނާއަކަށް ސާފެއް ނުވިއެވެ. އިސްކޫލަށް ވަދެފައި ދަރިފުޅު ގޮވައިގެން ހަނާ ނިކުތްއިރު އެ މީހާއެއް ނެތެވެ.

އެ ދުވަހު ގެއަށް އައިސް ހަނާ އެ ވާހަކައެއް ނުދައްކައެވެ. ބޮޑުކަމަކަށް ނުވީތީއެވެ. އަނެއްކޮޅުން ދޮށީ ދަރިފުޅުގެ ކޮންސަޓަށް ހެދުމެއް ފަހަންޖެހިފައި އޮތުމުން ދެން އުޅެވުނީ އެކަމާއެވެ. މޭއެންދުން ކުޑަކޮށް މަޑުވި ނަމަވެސް އެއްކޮށް ރަނގަޅެއް ނުވިއެވެ. އިރުކޮޅަކުން ވައިލެވެން ފެށިއެވެ. މުޅި ދުވަހު ހަނާ އުޅެންޖެހުނީ އެ ކަމަކުން ސަލާމަތްނުވެވިގެންނެވެ.

ޖެހިގެންއައި ދުވަހު ދަރިފުޅު ބަލާދާން ގެއިން ނުކުތް ވަގުތު ކުއްލިއަކަށް އަންހެންމީހާ މަތިން ހަނާ ހަނދާންވިއެވެ. މިއަދު ވެސް އެ އަންހެންމީހާ ބަލަން ހުންނާނެބާއޭ ހިތަށްއެރިއެވެ. އިސްކޫލު ހުންނަ މަގަށް ނުކުމެވުމާއެކު އެންމެންގެ މޫނަށް ހަނާ ބަލައިލިއެވެ. ޔަގީނުން ވެސް ކުރިން ހުރި ތާކު އެ އަންހެންމީހާއެއް ނެތެވެ. ކުއްލިއަކަށް ފެނުނީ ހަނާގެ ވައަތްފަރާތުގައި އެ މީހާ ހުއްޓައެވެ. ހަނާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު، ކުރީ ދުވަހު ހަނާއަށް ވި އުނދަގޫތައް ވާން ފެށިއެވެ. އަމިއްލަ މީހާއާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި ހަނާއަށް ވިސްނުނީ ބަލަންހުރި މީހާއަށެވެ. އޭނަގެ އިސްކޮޅާއި، ބައްޓަމާއި، ސިފަޔަށެވެ. ހީވަނީ ދިވެއްސެއް ހެންނެވެ. އެ ދުވަހު އޭނަ ލައިގެންހުރީ ކަޅު ޖުއްބާއެކެވެ. ހުރިލެއް ގާތްކަމުން އޭނަ އަޅައިފައިވާ އަނދުން، ބުމައިން ކަސިޔާރުވެފައި ހުރި ތަންކޮޅެއް ވެސް ހަނާގެ ލޮލުގައި އަޅައިގަތެވެ. ހަނާއަށް ހީވީ އެއީ ގަސްތުގައި ހަދައިފައި ހުރި ގޮތެއް ހެންނެވެ. ހަގީގަތުގައި އޭނަޔާ އެހާ ގާތުގައި ހުންނާކަށް ހަނާ ބޭނުމެއް ނޫނެވެ. ހަނާ ހިތަށްއެރިއެވެ. އެހާ ގާތަށް ހަނާ އައީ ކީއްކުރަން ހެއްޔެވެ؟ އެއް ގޮތަކީ ހަނާގެ ލޮލުގައި އެ އަންހެންމީހާ އަޅައިނުގަތުމެވެ. އަނެއް ގޮތަކީ ހަނާ ގަބޫލުކުރަން ބޭނުން ނުވާ ގޮތެވެ. އަންހެންމީހާ ކުއްލިއަކަށް އެ ތަނަށް ފާޅުވީއެވެ. އެ ދުވަހު ވެސް އޭނަ ހުރީ، ކަޅިއަޅާ ކަހަލަ ގޮތަކަށް ހަނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހަނާ ލަފާކުރި ގޮތުގައި އެއީ މެދު އުމުރަށް ވުރެ ތަންކޮޅެއް ދޮށީ މީހެކެވެ. ގާތްގަނޑަކަށް ފަސް ފޫޓެއްހާ ދުރުމިނުގައި އެ މީހާ ހުރީމައި ހަނާ ބޭނުންވީ ސުވާލެއް ކޮށްލާށެވެ.

"ކިހިނެއްވީ؟" ހަނާ ވަރަށް އޯގާތެރިކަމާ އެކުގައި އެހިއެވެ.

އަންހެންމީހާ ޖަވާބެއް ނުދިނެވެ. ހިނިތުންވެލުމެއް، އެހެން ދިމާއަކަށް މޫނު އަނބުރައިލުމެއް ވެސް ނެތެވެ.

"އަޅެ ކިހިނެއްވީތަ؟" އަނެއްކާ ވެސް ހަނާ އެހިއެވެ. "ކީއްވެގެންތަ ތި ވަރަށް ތި ބަލަނީ؟"

ދެން ވެސް އަންހެންމީހާ ޖަވާބެއް ނުދިނެވެ. އެހެނަސް، ކައިރީގައި ތިބި އެހެން މީހުން ހަނާއަށް ބަލަން ފެށިއެވެ. އެކަކު ވެސް އަންހެންމީހާއަކަށް ނުބަލައެވެ. ހަނާ ހިތަށްއެރިއެވެ. މި ޖެހުނީ އަނެއް ކަންތަކެވެ. ކަޅިއަޅައިގެން އަހަންނަށް ބަލަހައްޓައިގެން ހުރި މީހާއަށް ބެލުމުގެ ބަދަލުގައި އެންމެން އަހަންނަށް ބަލަނީ ކީއްވެގެން ހެއްޔެވެ؟ ކުއްލިއަކަށް އިސްކޫލުގެ ދޮރު ހުޅުވިއެވެ. އެތެރެއަށް ވަންނަން އެންމެން ހިނގައިގަތެވެ. ހަނާ ވެސް ހިނގައިގަތެވެ.

"ހަނާ!" އަންހެންމީހާ ގޮވައިލިއެވެ.

ހަނާ ހުއްޓުނެވެ. އެ މީހާ ހުއްޓުނީ ހަނާޔާ ފޫޓެއްހާ ދުރުމިނުގައެވެ. އިސްކޫލަށް ވަންނަ މީހުން ހަނާގެ ގައިން ނެއްޓެމުން ހިނގާއިރު އެ އަންހެންމީހާގެ ގައިގަ ވެސް ނުޖެހޭހާ ހަނާޔާ ކައިރީގައެވެ. ދެން އޭނަ ބުނީ ހަނާއަށް ނޭނގޭ އެއްޗެކެވެ.

"ޣައްޠީ!" ނަސޭހަތުގެ ރާގެއްގައި އޭނަ ބުންޏެވެ. "ޣައްޠީ!"

ތިންވަނަ ފަހަރު ވެސް ބުނީ އެހެންނެވެ. ހައިރާންވެގެން ހަނާ ބަލަންހުރެފައި ދަރިފުޅު ބަލާ އެތެރެއަށް ވަނެވެ. ހިތުގައި ސުވާލު އުފައްދަމުންނެވެ. ޣައްޠީއަކީ ކޯޗެއް ހެއްޔެވެ؟ އެއީ ކޮން ރަށެއްގެ ބަހުރުވައެއް ހެއްޔެވެ؟ އޭގެ މާނައަކީ ކޮަބައި ހެއްޔެވެ؟ ހަނާއާ ދިމާއަށް އެހެން ބުނީ ކީއްވެގެން ހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ހަނާ ނުކުތްއިރު އޭނައެއް ނެތެވެ. އެކަމަކު ހަނާ އެ ލަފުޒު ހަނދާންބެހެއްޓިއެވެ.

ގެއަށް އައިސް ލެޕްޓޮޕް ހުޅުވައިލައިފައި ނިކަން ގަޔާވެގެން ހަނާ އިށީނދެލިއެވެ. ގޫގުލްގައި އެ ލަފުޒު ޖަހައިފައި ހޯދައިލިއެވެ. އެކަމަކު އެއްޗެއް އޮޅުންފިލާ ވަރެއް ނުވިއެވެ. ލަފުޒު ޖަހަން ބޭނުންކުރެވުނު އަކުރުތައް ނުބައިވީމައި ވީގޮތެއް ކަމަށް ހީކޮށް، އެކި ގޮތްގޮތަށް ހަނާ ލިޔުނެވެ. ކާމިޔާބެއް ނުވިއެވެ. އެ މަސައްކަތުގައި އިންދައި ރިޒްވާން ވަނެވެ.

"ކާކާ ޗެޓުކުރަނީ؟" ސަމާސާ ރާގެއްގައި ރިޒްވާން އެހިއެވެ.

ވީގޮތް ކިޔައިދިނުމުގެ ބަދަލުގައި ހަނާ ބޭނުންވީ ޣައްޠީގެ މާނަ ހޯދާށެވެ. ރިޒްވާނަކަށް ވެސް އޭގެ މާނައެއް ނޭނގުނެވެ. ދެ މީހުން ވެގެން އެކި ރައްޓެހިންނަށް ގުޅިއެވެ. އަލިމަގެއް ކިރިޔާ ވެސް ފެނުނީ އަރަބި ދަންނަ އެކުވެރިއެއްގެ ފަރާތުންނެވެ.

"ތީ އަރަބި ލަފުޒެއް،" ވަރަށް ޔަގީންކަމާ އެކުގައި އެކުވެރިޔާ ބުންޏެވެ. "ތީގެ މާނައަކީ ނިވާކުރާށޭ!"

ހަނާއަށް އެއް މައްސަލަ ހައްލުވިއެވެ. އެކަމަކު ދެވަނަ މައްސަލަ ކުރިމަތިވިއެވެ.

"ތީ ކާކު ކިޔައިގެންއުޅޭ އެއްޗެއް؟" ރިޒްވާން ސުވާލުކުރިއެވެ.

ހަނާ ވަރަށް ތަފުސީލުކޮށް ރިޒްވާނަށް ކިޔައިދިނެވެ. އެ އަންހެންމީހާ ހުންނަ ސިފައާއި، އަނދުންއަޅައިފައި ހުންނަ ގޮތް ވެސް ކުރަހައިފައި ދެއްކިއެވެ.

"ނުވެސް ދަންނަ އަންހެނެއް. ނުވެސް ދެކޭ އަންހެނެއް،" ރިޒްވާން މަޑުމަޑުން ބުނެލިއެވެ. "އަރަބިން ވާހަކަދައްކާ މީހެއް. އެކަމަކު ހަނާ ތި ހުންނަނީ ބުރުގާއަޅައިގެން. ނިވާކޮށްގެން. ދެން ކީއްވެ ނިވާކުރާށޭ އެ ބުނަނީ؟ އަނެއްކޮޅުން އޭނަޔާ ކޮން ބެހޭކަމެއް؟"

ހަނާއަކަށް ވެސް އެ ސުވާލުގެ ޖަވާބެއް ނުދެވުނެވެ.

"އަހަންނަށް ޔަގީން މާދަމާ ވެސް އޭނަ ހުންނާނެ،" ހިތްހަމަނުޖެހިފައި ހަނާ ބުންޏެވެ. "ވަރަށް ފޫހިވާ ގޮތަކަށް ބަލަހައްޓައިގެން ހުންނާނީ. ހީވާނީ އަހަންނާ ޖައްސާލާފަ ހުންނަންހެން. ބައިވަރު މީހުން ދެޔޭ ބުރުގާ ނާޅާ ވެސް. އަތްކެނޑި އެއްޗެހި ލައިގެން ވެސް. އެކަމަކު ހަމަ އަހަރެންގެ ގައިގަ ލޯ ތަތްކޮށްލައިގެން ހުންނާނީ. އަހަންނަކީ ވެސް މާ މާތް މީހެއް ނޫން. މާދަމާ އަހަންނާ ދިމާއަށް އޭނަ އެއްޗެއް ބުނެފިއްޔާ.."

"ހަނާ ހަމަޖެހޭ!" މައްސަލަ ފިނިކުރަން ރިޒްވާން މަސައްކަތްކުރިއެވެ. "ހަނާ ތި ކަހަލަ ކަމެއް ކޮށްފިއްޔާ އަހަރުމެންގެ ދަރިއެއްނު ލަދުގަންނާނީ. މާދަމާ މަ ވެސް ދާނަމޭ! ހާސްކަނޑާލާފަ ފިރިމީހާއަށް ކާންދޭން ހިނގާ!"

އެ ދުވަހަކީ ހަނާއަށް އުނދަގޫތަކެއް ވި ދުވަހެކެވެ. ކާހިތްވެއެވެ. އެކަމަކު ހީވަނީ ބަނޑު ފުރިފައި ހުންނަހެންނެވެ. ވަރަށް ގިނައިން ވައިލެވުނެވެ. މޭއަންދާހެން ވެސް ހީވިއެވެ. ކަންފަތް ބުޑުގައި ވައިއަޑުން ޣައްޠީ، ޣައްޠީ ކިޔާހެން ވެސް ހީވެއެވެ. ހަނާއަށް ވާ އުނދަގޫ ރިޒްވާނަށް ކިޔައިދޭން ހަނާ އުޅުނެވެ. ކޮންމެ ފަހަރަކު ވެސް ވާގޮތް ކިޔައިދޭން ނޭނގިގެން ހުއްޓައިލަނީއެވެ.

ޖެހިގެންއައި ދުވަހެވެ. ހަގު ދެބެންގެ ތެރެއިން އެއް ކުއްޖަކު ބަލާ ޒާހިދާ ފޮނުވައިފައި، ނަޔާޝީން ބަލާ ރިޒްވާން ދިޔައީ ހަނާ ގޮވައިގެންނެވެ. އިސްކޫލު ކައިރިއަށް ސައިކަލު މަޑުކުރި ވަގުތު، ކުރިން ހަނާއަށް ފެންނަ އަންހެންމީހާ ފެނުނެވެ.

"މިހިރީ!" އޭނަޔާ ދިމާއަށް ބަލައިލައިފައި ހަނާ ބުންޏެވެ.

ރިޒްވާން އެނބުރިފައި ބަލައިލިއެވެ. ހަނާ ބަލަހައްޓައިގެން ހުރި ދިމާއިން ރިޒްވާނަކަށް އެއްވެސް މީހަކު ނުފެނެއެވެ.

ނުނިމޭ

15 ކޮމެންޓް, 126 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 36%
icon angry icon angry 6%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހީން

25 March 2020

މި ވާހަކަ ވެސް ވަރަށް ފަސޭހަ ކިޔަން

The name is already taken The name is available. Register?

ލޯޑިންގް.........

20 March 2020

ކާކުތަ ފޮރުވަންވީ ނޫނީ ފޮރުވެން ވީތަ؟

The name is already taken The name is available. Register?

ށީޒާ

13 March 2020

ވވވވވވވވވވވވވވވވވވވވވވވވވވވ ސަޅި ވާހަކައެއް

The name is already taken The name is available. Register?

ޢެއު

12 March 2020

ފައްކާ ހިޔާލީ ވާހަކައެއް..!! އައްތީ އެކޭ؟؟؟މުދި

The name is already taken The name is available. Register?

ނަމެއް ނެއް

12 March 2020

ކޮންމެ އިންސާނަކާއެކު ޖިންނިއެއް އުފަންވޭ... މުސްލިމް ޖިންނިނިއެއްނަމަ އެއިންސާނަކަށް ދިރިއުޅުމުގަ ފަސޭހަތަކެއްވާނެ. އަދި މުސްލިމްނޫން ޖިންނިއެއްނަމަ އުނދަގުތަކެއް ވާނެ...

The name is already taken The name is available. Register?

ޢިއްޠީ

12 March 2020

ކޮންމެ އިންސާނަކާއި އެއްކޮޮން ޖިންނި ޝައިޠާން އަކާއި މަލާއިކަތެއް ފޮނުއްވަވާފައި ވެއެވެ.

The name is already taken The name is available. Register?

ޔައު

12 March 2020

ފަށާފަ އޮތް ގޮތުން މަ ހީކުރީ އަރަތެއް ކަމަށް

The name is already taken The name is available. Register?

ޖިންނި

12 March 2020

ތިޔަ ޖިންނީގެ ވައިބަރ ނަންބަރު ދީބަލަ

The name is already taken The name is available. Register?

ޗަކޮއި

11 March 2020

އެން އިންޓަވިއު ވިތް އަ ޖިންނި(ޖޭ.އާރ.އާރ ޓޮލްކިއަން) ހަމަ ހުރިގޮތަށް ތަރުޖަމާކޮށްލާފަ. ވަރަށް ކަޑަ

The name is already taken The name is available. Register?

ވައިވާލާ

11 March 2020

ހީވާގޮތުން އެކިޔަނީ ކުއްޖާ ނިވާކުރާށޭ ؟؟

The name is already taken The name is available. Register?

ނިމްބެ

11 March 2020

ކޮބާ ވާހަކާގެ އަނެއްބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454