މުނިފޫހިފިލުވުން / ދިގު ވާހަކަ

ބިރުވެރި މާލެ ދަތުރު

އާދިއްތަ ދުވަހާ ގުޅޭ

އެކަމަކު ދޮރުން ވަދެވުމާއެކު ހީވީ ބިރުވެރި ހުވަފެނެއް ފެނުނުހެންނެވެ. އެ އެޕާޓުމަންޓު ހަމައެކަނި ކުޑައީކީ ނޫނެވެ. ތަން ހަޑިވެފައި އެހައިމެ މުޑުދާރެވެ. ތަޅުންގަނޑުގައި އޮތީ ތަރަފާލެއް އަޅައިފައެވެ. ވެލި ގިނަކަމުން ފައިޖައްސާލަން ނުކެރެއެވެ. އިސްތަށްޓާއި، ސްޕާރީ ހުސްކުރި އުރައާއި، ދަތްކޮށްޓާ އިލޮށްޓާއި، މަރުވެފައިވާ ހޯނެއް ވެސް އޮތެވެ. ބިސް ކުނި ވަސް ކަހަލަ ވަހެއް މުޅި ތަނަށް ފެތުރިފައި ހުއްޓެވެ. އެ ތަނުގައި ދެ ކޮޓަރި ހުއްޓެވެ. އަހަންނަށް ދެއްކި ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. ކުރީގައި ހުރީ އައިޝަތެވެ. ކޮޓަރީގެ ދޮރު ހުޅުވައިދިނީ އޭނައެވެ. އެ ކޮޓަރީގައި ދެ އެނދު ހުއްޓެވެ. އެއް އެނދު މަތީގައި އަނެއް އެނދެވެ. އަހަރެން ނިދަންޖެހެނީ މަތީ އެނދުގައެވެ. އަހަންނަކީ ދުވަހަކު ވެސް ހަރުގަނޑަކަށް އެރި މީހެއް ނޫނެވެ. ތަންތަނަށް އަރަން ބިރުގަންނަ މީހެއް ވެސް މެއެވެ. މޭޒަކަށް ނުވަތަ ގޮނޑިއަކަށް ވެސް އަހަރެން ނާރަމެވެ. އެނދުގައި އޮތް ބާލީހުގެ އުރައާއި ފޮތިގަނޑުގެ ކުލައެއް ނޭނގެއެވެ. ހުދުހެން ހީވެއެވެ. އަޅިހެން ވެސް ހީވެއެވެ. އެނދާ އެންމެ ކައިރިއަށްހުރި ފާރުން ހިސާބަކަށް ކުލަ ފައިބައިފައި ހުއްޓެވެ. މަތީގައި މުސްކުޅި ޒާތެއްގެ ފަންގިފިލައެއް އޮތެވެ. ދިއްލައިފައިހުރީ އަލި ފަނޑު ހޮޅިބުރިއެކެވެ. ރަށުގައި އަހަރެން އުޅެނީ ވަރަށް ބޮޑު ގެއެއްގައެވެ. ގޭގެ ހުރިހައި ކޮޓަރިއެއް ވެސް ވަރަށް ބޮޑުވާނެއެވެ. އެ ކަހަލަ ތަނެއްގައި އުޅެފައި އަލިފާންފޮށްޓަކަށް ވަދެވުމުން އަހަރެންގެ ނޭވާ ހާސްވާ ގޮތްވިއެވެ. ވަށައިގެން ނަޒަރުހިންގަމުން ގޮސް ގާތުގައި ހުރި އައިސްތުގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ.

"ކިހިނެއް؟" އައިޝަތު ވަރަށް އުފާވެފައި އެހިއެވެ. "އަހަރުމެން ވެސް ކުއްޔަށް އުޅޭ ތަނެއް މީ. އެކަމަކު ނާސިހާ އެއްވެސް ލާރިއެއް ދޭނެކަމެއް ނެތް. އަޒީޒާގެ ފްރެންޑެއް ވީމަ ހަމަ ހުންނަންވީ."

"ކާކު ތިރީ އެނދުގަ އޮންނަނީ؟" އަހަރެން އެހީމެވެ.

"ބޮޑުދައިތަ!" އައިސްތު ބުންޏެވެ. "ތަންކޮޅެއް މުސްކުޅިވާނެ. އެހެންވެ އޭނަޔަކަށް މައްޗަކަށް ނޭރޭނެއްނު. ކަމުދޭތަ މި ތަން؟"

"އާނއާނ!" އަހަރެން ވަގުތުން ބުނީމެވެ.

"މިހިރީ ނާސިހާގެ އަލަމާރި،" އެއް ދޮރުފަތް ނެތް ކުޑަ އަލަމާރިއެއް ދައްކައިފައި އައިޝަތު ބުންޏެވެ. "މަސްދުވަހު ހުރެލަން ބޭނުންކޮށްލަން އޯކޭއެއްނު. ބޭރުގަ ހުންނާނެ ދޮންނަމެޝިނު. އެކަމަކު ދޮންނަންއަޅާ ސާމާނެއް ނުހުންނާނެ. މި ގެއާ ޖެހިގެން ހުންނަ ފިހާރައިން ލިބޭނެ ހުރިހާ އެއްޗެއް. ފެންވަރާލައިގެން ނުކުމޭ އެއްޗެއް ކާލަން. ބަނޑުހައިވެފައެއްނު ހުންނާނީ."

ހިނިތުންވެލައިފައި އައިޝަތު ނުކުމެގެންދިޔައެވެ. އަހަރެންގެ ހިތަށްއެރިއެވެ. އޭނައަކީ ހިތްހެޔޮ މީހެކެވެ. ގޭގައި އަހަރެން ބެހެއްޓުމަކަށް އުޖޫރައެއް ނުނަގައެވެ. ކެއުންބުއިން ވެސް ހިލެއެވެ. އޭނަގެ އެއްވެސް ނުބައި ނިޔަތެއް ނެތެވެ. ހަމައެކަނި މައްސަލައަކީ ގެވެހި އަންހެނަކަށް އޭނަ ނުވިކަމެވެ. ގޭތެރެއިން ފެންނަނީ އޭގެ ނަތީޖާއެވެ. އަހަރެން އެ ކަމަށް ކެތްކޮށްލާނީއެވެ. އަހަރެން އުޅޭ ދުވަސްކޮޅު އަހަންނަށް ކުރެވުނު ވަރަކަށް ސާފުކޮށްލައިގެން ފުއްދައިލާނީއެވެ. ލިބުނު ނިއުމަތަށް ޝުކުރުކޮށްލައިގެން، ހިތްހެޔޮކަމާ އެކުގައި ފާހާނާއަށް ވަންނަން ދޮރުހުޅުވައިލީމެވެ. ފާހާނާއަށް ވަންނަން ނެގި ފައި ޖައްސާނެ ތަނެއް އަހަންނަކަށް ނުފެނުނެވެ. އެ ތަނެކޭ ހަވަރުފާހާނާއެކޭ އެއްގޮތެވެ. މުޅި ތަޅުންގަނޑުގައި އޮތީ އިސްތަށްޓާއި ވެއްޔެވެ. ވެލި ވަންނަ ސަބަބު ވިސްނެއެވެ. ފައިފުއްސެއް ނެތީމައި ކޮޓަރިއަށް ވަންނަ ވެލި ފައި ދަށްފުށުގައި ތައްލައިގެން ފާހާނާއަށް ވަންނާނެއެވެ. ކިތަންމެ ވަރަކަށް ފާހާނާ ސާފުކުރިޔަސް ކޮޓަރި ކުނިނުކެހެންޏާ ފާހާނާގައި ވެލި ހުންނާނެއެވެ. އެކަމަކު މަރުވެފައިވާ ކުޑަ ހަތަރު ކުރަފި ފާހާނާ ތެރޭގައި އޮންނާނީ ސާފު ނުކުރާތީއެވެ. ފާހާނާގެ އެތަންމިތަނަށް ބަލަން އަހަންނަށް ހުރެވުނެވެ. ފެންހިނދެން ހުންނަ ތަނަކަށް ޔަގީނުން ވެސް ފެނެއް ނުހިނދޭނެއެވެ. އިސްތަށްޓާއި އޭތިމީތި ބޮނޑިވެގެން ގޮސް އެ ހިސާބު އޮތީ ކަޅުވެފައެވެ. ފާހާނަތަށީގެ ބޭރުގައި ވެސް ކޮންމެވެސް އެއްޗެއް ހޭކިފައި ހުއްޓެވެ. ތަށީގެ އެތެރެ ބަލާނެ ހިތްވަރެއް އެ ވަގުތަކު ނުލިބުނެވެ. ދުވަން ފެށި ޒާތެއްގެ ނުބައި ވަހަކުން އަހަރެން މޭނުބައިކުރަން ފެށިއެވެ. އެއް ފަހަރު އޯކަށް ވެސް ދެމުނެވެ. އަހަންނަކީ ވަރަށް ސާފުތާހިރުކޮށް އުޅޭ މީހެކެވެ. އަހަރެންގެ ގޭގައި ހުންނަ ދެ ފާހާނާގެ ފާރުތަކާއި ތަޅުންގަނޑުން ވެސް މޫނު ފެންނާނެއެވެ. އެ ވަރު ނުވިޔަސް އަހަރެން އުންމީދުކުރީ އިންސާނުން ދިރިއުޅޭ ތަންތަން ހުންނާނީ އިންސާނުންނަށް އުޅެވޭ ފެންވަރުގައިކަމަށެވެ. އެހެނެއް ނުވިއެވެ. ފާހާނާ ލައްޕައިފައި ކޮޓަރިއަށް ވަނީމެވެ. ފިކުރުކޮށްލަން އިށީންނާނެ ތަނެއް ވެސް ނެތެވެ.

"މި ތާކު ނޫޅެވޭނެ." ހިތާހިތުން އަހަރެން ބުނީމެވެ.

އަމްޖަދަށް ގުޅަން ހިތަށްއެރިއެވެ. އެހެންނަމަވެސް އޭނަ ހުރީ ރަށުގައެވެ. އޭނަގެ ރައްޓެއްސެއް މާލެއަކު ނެތެވެ. އަހަރެން ގުޅައިފިއްޔާ ބޭކާރުގޮތެއްގައި އަމްޖަދު ކަންބޮޑުވާނެއެވެ. އަހަންނަށް ގޮތެއް ހޯދައިދޭން އަމްޖަދު ބޭނުންވާނެއެވެ. ގޮތެއް ހޯދައެއް ނުއެއްދެވޭނެއެވެ. ބަލަން ތިން ދަރިން ހަވާލުކޮށްފައި އަނެއްކާ އަހަރެންނާ ހެދި އަމްޖަދުގެ ބޮލަށްއުދަނގޫ ވިޔަދޭކަށް ބޭނުމެއް ނުވިއެވެ. ޝަކުވާކުރާ މީހަކަށް ވާކަށް ބޭނުމެއްނުވިއެވެ. ޝުކުރުނުކުރާ މީހަކަށް ވާކަށް ވެސް ބޭނުމެއް ނުވިއެވެ. އަހަންނަކީ މުރާލި މީހެކެވެ. ތަންތަން ސާފުކުރުމަކީ އަހަރެން ފަސްޖެހޭކަމެއް ނޫނެވެ. އެކަމަކު ފާހާނާ ސާފުކުރެވޭނީ އެ ކަމަށް ބޭނުންވާނެ ސާމާނު ހުރި ނަމައެވެ. ވިސްނަންހުއްޓައި އައިޝަތު ދޮރު ހުޅުވައިލިއެވެ.

"މިރޭ ބޮޑުދައިތައަކަށް ނާދެވޭނޯ،" އައިޝަތު ބުންޏެވެ. "ހުޅުމާލޭގަ އުޅޭ ތިމާގެ މީހެއް ކައިރިއަށް ގޮސް އެބަހުރި. އަދިވެސް ފާހާނާއަށް ނުވަދެ ތި ހުންނަނީ ކީއްވެ؟" އައިޝަތު އެހިއެވެ.

"ކަމެއްނުވޭ! މި ނުކުންނަނީ އިރުކޮޅަކުން." އަހަރެން ބުނީމެވެ.

އައިޝަތު ދޮރު ލައްޕައިލިއެވެ. އަހަރެން ހިތަށްއެރިއެވެ. އަލަށް ކަންކަމާ ކުރިމަތިލާއިރު ކަންތައްތަކާ ދިމާވާނެއެވެ. ހިތްވަރުކުރަން ޖެހޭނެއެވެ. ކާމިޔާބު ލިބޭނީ އޭރުންނެވެ. އެންމެ މަހެކެވެ. އޭގެ ފަހުން އަހަރެން ހުންނާނީ އަހަރެންގެ އުފާވެރި ގޭގައެވެ. ފިރިދަރިން ގާތުގައެވެ. އަމިއްލަ ހިތަށް ވިސްނައިދީފައި ގޮސް ފޮށި ހުޅުވައިލީމެވެ. ފޯނު ރަނގަބީލުވިއެވެ. އަހަރެން ފޯނަށް ބަލައިލީމެވެ.

"އަމްޖަދު!" މަޑުމަޑުން އަހަންނަށް ބުނެވުނެވެ.

އަހަރެންގެ ހާލުބަލައިފައި ނޫނީ އަމްޖަދަކަށް ހަމަނޭވައެއް ނުލެވޭނެއެވެ.

"ހަލޯ!" އަހަރެން ވަރަށް ހަމަޖެހިލައިފައި ބުނީމެވެ. އެއްވެސް ހާސްކަމެއް ނުދައްކަމެވެ. "ތި ކޮޅުގެ ކަންކަން ކިހިނެއް؟"

"ތި ކޮޅުގެ ކަންކަން ފުރަތަމަ ކިޔައިދީ!" އަމްޖަދު އެދުނެވެ.

"ހަމަ ބަރާބަރު!" އަހަރެން ބުނީމެވެ. "މިހާރު މިހިރީ ގޭގަ. މީވާ ތަނެއް. މިވަރު ތަނެއް ދުވަހަކު ވެސް ނުދެކެން."

"އެހެންތަ!" އަމްޖަދު އުފާވެފައި ބުންޏެވެ. "އަލްހަމްދުލިއްލާހި!"

ކުޑަކޮށް ވާހަކަދައްކައިލައިފައި ފޯނު ބޭއްވީމެވެ. ފޮށިން ދޮންނަކުނޑި ޕަކެޓު ނެގީމެވެ. ނޭފަތް ފޮރުވޭ ގޮތަށް މޫނުގައި ފޮތިކޮޅެއް އައްސައިލައިގެން ފާހާނާއަށް ވަނީމެވެ. ތަޅުންގަނޑު ސާފުކުރާ ބުރުހެއް އޮތެވެ. ހަގީގަތުގައި އެއީ ބުރުހެއްގެ އެއްބަޔެވެ. އެންމެ ފުރަތަމަ މުޅި ފާހާނާގައި ހުރި ހަޑި ސާމާނުތައް އެއްކުރީމެވެ. ފެންހިންދާތަން ވެސް ހުރީ ސާމާނުތަކުން ބެދިފައެވެ. އެ ތަނުގައި ހުރި އެއްޗެހިތައް ވެސް ނެގީމެވެ. އަލުން ކޮޓަރިއަށް ވަދެފައި ކޮތަޅެއް ހޯދީމެވެ. އަހަރެންގެ ގެއެއް ނޫނެވެ. ކޮތަޅެއް ހޯދާނެ ގޮތެއް ނުވިސްނިފައި ވެސް ވިސްނަން ހުންނަންޖެހުނެވެ. އައިޝަތު ގާތުގައި ކޮތަޅެއް ދޭން ބުނެފިއްޔާ ވެގެންއުޅޭ ގޮތް އޭނައަށް ވިސްނޭނެއެވެ. ފަހަރެއްގައި ހިތްހަމަނުޖެހިދާނެއެވެ. ފޮށި ހުޅުވައިލީމެވެ. ދޮންނަކުނޑި ޕެކެޓު ލައިގެން ގެނައި ކޮތަޅު ނެގީމެވެ. އަނެއްކާ ފާހާނާއަށް ވަނީމެވެ. ކޮތަޅަށް ހުރިހައި އެއްޗެއް އަޅައިފައި މުޅި ފާހާނާ ދޮވެލީމެވެ. ފާހާނާތަށި މަތިން ހަނދާންވީ ފަހުންނެވެ. ފާހާނައިގެ މަތިގަނޑު ހުޅުވައިލީމެވެ. އެ ފަހަރު ހޮޑުނުލެވުނީ ހަމަ ކިރިޔާއެވެ. އަވަހަށް މަތިގަނޑު ޖެހީމެވެ. އެކަމަކު އެއީ ހައްލެއް ނޫނެވެ. ދެން މަތިގަނޑު ނެގިޔަސް ފެންނާނީ ހަމަ ކުރިން ފެނުނު މަންޒަރެވެ. އަމިއްލައަށް ސާފެއް ނުވާނެއެވެ. އަހަރެން ޖެހުނީ ހިތްވަރުކުރާށެވެ. ފާހާނާތަށި ސާފުކުރީ އޯކަށްދެމެމުންނެވެ. މުޅި ފާހާނާ ސާފުކޮށް ނިމުނުއިރު އަހަރެން ހުރީ ދާހިތްލާ ފޯވެފައެވެ. ފެންވަރަން ހުއްޓައި އައިޝަތު އައިސް ދޮރުގައި ޖަހައިލިއެވެ.

"އަހަރެން އެބަ އަންނަން ބޭރަށް ނުކުމެލައިފަ އިނގޭ!" އައިޝަތު ބުނި އަޑުއިވުނެވެ.

ފެންވަރައިގެން ނުކުތްއިރު އަހަރެން ހުރީ ވަރުބަލިވެފައެވެ. ބަނޑުހައި ވެސް ވެފައެވެ. ތައްޔާރުވެލައިގެން ކޮޓަރިން ނުކުތީމެވެ. ބޭރު އޮތީ ފަޅުކޮށެވެ. އެކަކު ވެސް ނެތެވެ. އެއްޗެއް ކެއްކޭނީ އެއްޗެހި ހުރި ތަންތަން އެނގިގެންނެވެ. ވެރިމީހާގެ ހުއްދަ ނެތި ގޭގައި ހުންނަ އެއްޗެއްސާ ކުޅޭކަށް އަހަންނަކަށް ނުކެރުނެވެ. އުނދުން ކައިރިއަކަށް ނުދަމެވެ. އައިޝަތަށް ގުޅަން ހިތަށްއެރިއެވެ. އަނެއްކާ އަމްޖަދު ގުޅިއެވެ.

"ކޮބާ ކައިފިން؟" އަމްޖަދު އެހިއެވެ.

"ހީވޭތަ ނުކައި ހުންނާނެހެން؟" ވަރަށް ބާރުލައިފައި އަހަރެން ބުނީމެވެ. "އަމްޖަދު ކައިފިން؟"

"އާނ!" އަމްޖަދު ބުންޏެވެ. "ކުދިވެރިން މިރޭ ތައްޔާރުކޮށްލީ ނާސިގޯރަންޖް!"

އެ ކަހަލަ ނަންނަން އަމްޖަދު ގަސްތުގައި ނުބައިކޮށް ކިޔަނީ ނޭނގިގެނެއް ނޫނެވެ. އެއީ އަމްޖަދުގެ އާދައެވެ. ތިން ދަރިން ލިބުނުއިރު ވެސް އަމްޖަދުގެ ސަމާސާކުރުމެއް ނުހުއްޓެއެވެ. އަހަންނާ ދޭތެރޭގައި ބަހައްޓާ އޯގާތެރިކަމަކަށް ބަދަލެއްނާދެއެވެ. ކުއްލިއަކަށް އަހަރެންގެ ހިތަށް ފަޅުކަމެއް އިހުސާސްކުރެވުނެވެ. ފިރިމީހާ ގާތުގައި ހުންނަން ބޭނުންވިއެވެ. ދެކިލާހިތްވިއެވެ. އެއް މަސް ވަންދެން ހުރުމުގެ ހިޔާލު ދޫކޮށްލައިފައި، އެ ކޮޓަރިން ނުކުމެގެން ގޮސް ގޭގައި ހުންނަހިތްވިއެވެ. ފިރިމީހާގެ ކޮނޑުގައި ބޯއަޅައިލައިގެން ރޯލާހިތްވިއެވެ. ދެވަނަ ސިކުންތުގައި އަހަރެންގެ އަމިއްލަ ނަފުސު ކޮންޓުރޯލުކުރީމެވެ. ލިބިފައިވާ ކޯހުގެ މުހިންމުކަމާއި، ލިބޭނެ ފޮތި ނަތީޖާއަށް ސަމާލުކަންދިނީމެވެ. އިރުކޮޅަކު ވާހަކަދައްކައިލުމަށް ފަހު ފޯނު ބޭއްވީމެވެ. ހައިބަނޑާ ހުރެގެން އަލުން ކޮޓަރިއަށް ވަނީމެވެ. ކޮޓަރި ސާފުކުރާނެ ހިތްވަރެއް ނެތެވެ. ވަރުބަލިވެގެން ގޮސް އެނދުގައި އޮށޯންނާނެ ހިތްވަރެއް ވެސް ނުލިބުނެވެ. އެއްކަމަކީ ހަރުގަނޑުން އަރަންޖެހުމެވެ. އަނެއްކަމަކީ އެނދުގެ މުޑުދާރުކަމެވެ. ކޮޓަރީގެ ކުޑަދޮރުން ބޭރުބަލަން އަހަރެން ހުރީމެވެ. ދޮރުފޮތިގަނޑު ހުރީ ކިލާވެފައެވެ. ދޮރު ވެސް ފުހެލި ދުވަހެއް ނޭނގެއެވެ. އަހަރެން މަގަށް ނަޒަރުހިންގައިލީމެވެ. ކާރާއި ސައިކަލުތަކުން މަގު އޮތީ ފުރިފައެވެ. އެއްވެސް ކޮޅަކަށް ނުދެވިގެން އުޅަނދުތައް ބަރުގޮނުއަޅަން ފެށި ގޮތަކަށް އަޑެއް ނުކެނޑުނެވެ. އަހަރެން ހިތަށްއެރިއެވެ. މީހުން މާ މޮޅުކަމަށް ބުނާ މާލޭގެ ހާލަތަކީ މީ ހެއްޔެވެ؟

ނުނިމޭ

42 ކޮމެންޓް, 95 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 71%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލާމީހާ

28 December 2018

މިއަކު ނެތެއްނު މިއީ މާލޭ މީހެކޭ. ވެދާނެއެއްނު މާލޭގެ ގެދޮރު ހުރި އެހެން ރަށެއްގެ މީހަކަށްވެސް؟ މާލޭގެ މިހާލަތުގައި ނަޖިސްކޮށް ތޮއްޖެހިގެން އެހެން ނޫނަސް އުޅެނީ ހުރިހާ ދިވެހިންނެއްނު؟ އެއީ މާލޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަވާނީ އެހެން ރަށް ރަށުގެ މީހުން ވިއްޔާ

The name is already taken The name is available. Register?

އިބުރާ

27 December 2018

މިއޮތީނު އަސްލު މިބައިގަ ވާގޮތް ބުނެދީފަ "ހަމައެކަނި މައްސަލައަކީ ގެވެހި އަންހެނަކަށް އޭނަ ނުވިކަމެވެ" އޭނަ ގެވެހި ނޫން ވީމާ، ގޭތެރެއިން ފެންނާނެ ކަންތައްތައް އެސިފަކޮށްދީފައި އެވަނީ. އެއީ ވަކި މާލެއެއް ނޫނީ އެހެންތަނެއް ވީމަ ވާކަމެއް ނޫން، ގެވެހި ނޫންވީމާ ވާކަމެއް، ކިޔަން ތިބެމާ، ހީވަނީ ގެވެހިކަމުން އިތުރު ޗެޕްޓަރއެއް ހުޅުވިގެންދާނެހެން.

The name is already taken The name is available. Register?

ކުރަފަތްބޭބެގެ

27 December 2018

ޗޮއް. މިވާހަކަޔަކުނެތް މާލޭ އެއްމެންނަކީ ގޮތްކުޑަ ބައެއްކަމަކަށް. ދެން މަލޭ މިހުނާ މާލެ ނޫން މީހުން ކޮން ހާޑެއް ވަކަށް

The name is already taken The name is available. Register?

ޖޯލި

27 December 2018

އަހަރެން ހަމަ އަންތަރީސް ވެއްޖެ. ބަލަ އަގެއް ނުނަގާ ހިލޭ ގޭގަ ހުންނަން ދައުވަތު ގިނަ ބައެއް ދޭނެތަ؟ އެކަމަށް ޝުކުރު ކޮއްލަބަލަ. އެންމެންނަކީ އެއްގޮތަކަށް އުޅޭ ބައެއް ނޫނޭ.. މިއީ މީހަކަށް ހެޔޮ ކަމެއް ކޮއްދިނަސް ވާނެ ވަރު. މީހެއްގެ ޢައިބެއް ފޮރުވައިދިނުމަކީ ކޮންފަދަ ހެޔޮކަމެއްކަން ނޭނގެނީތަ

The name is already taken The name is available. Register?

ޔަމަން

27 December 2018

އޭނަ ފިރިމީ ގާތުވެސް ނުބުނޭ އެގޭ ހަޑި އަދި މުޑުދާރު ވާހަކަ. މިވަރަށް ދޯ އިބު ފޮރުވޭނޭނީ. އޭނަ އަމިއްލަ ނަފްސާ ދައްކާ ވާހަކައަކީ އެއްވެސް މީހަކަށް އަޑުއިވޭނެ ވާހަކައެއްނޫން. އެހެންވީމަ އައިބު ނުފޮރުވައި ށުކުރު ނުކޮށްގެން ކިޔާކަށްނުވޭ އަދި.

The name is already taken The name is available. Register?

ޏަން

27 December 2018

ސަަބަހޭ ކަލޭނޭ މީ ވާހަކަ އެކޭ. ހަމަޖެހިބަަލަ

The name is already taken The name is available. Register?

ތުނިޔަ

27 December 2018

މިއަދު ކޮމެންޓްތަށް ކިޔާލިއިރު ވަރަށް ފަކުރޭ ކިޔާތީ ވާހަކަ ނުކިޔާ މިހިރީ...މުޅިދުވަހު ހުރިހާ އިރަކު ކައިގެން ވާހަކަ މިކިޔާލީ! ނަސީބެއް ހަމަ ކުރިން ނުކިޔުނުކަން...ހެހެހެ

The name is already taken The name is available. Register?

ލޮލް!

26 December 2018

ރާއްޖެތެރޭ މީހުން ދެން ހާދަ ޖޭވެޔޭދޯ މާލޭ މީހުންނާ، މާލޭ މީހުން އަމްދަކުން ނުދާނެ ކަލޭމެންގެ ތައްޕާހަށް ވެއްޓޭކަށް، އެހެންވީމަ މިތާހުރިތާކަށް ހުރިގޮތަކަށް އަންނަންދޯ ޖެހޭނީ... އެވަރުންވެސް ޝުކުރުވެރިނުވާތި... ސިޔާސީ މީހުންގެ ލާރިޔަށް ކޮޅުކޮޅަށް ކެޓިގެން ވޯޓުތައް ލައިގެން ބުރުބުރަށް ވެރިކަން ބަދަލުކުރިޔަސް ވައުދުތަކެއް ނުފުދޭނެ... މާލެ ވާނީ މާލެޔަށް... ބޭކާރު އަނގަނުތަޅާ! އަހަރުމެން މޫދަށް އެރުލަންވީމަ ނޫނީ ތިތަންތާކަށް ނުދާނަން! ލޮލް!

The name is already taken The name is available. Register?

ޑޭ އޮފްދަ ޑޭ

26 December 2018

މޫދަށް އެރިލަން ވީމަވެސް އައިސް ވެއްޓެނީ އަހަރެމެންގެ ތައްޕާހައް

The name is already taken The name is available. Register?

އައިމިނާބީ

26 December 2018

މާލެ އޮންނަނީ ރާއްޖެއިން ބޭރުގަތަ؟ މޫދަށް އެރިލަންވެސް ތިހާ ދަށު ދަރަޖައިގެ ތަނެއް ގޮތުގަ ދެކޭ ތަނަކަށް އަންނަނީ ކީއްކުރަން؟! މާލޭ މޫދުގަ ފެތީމަ ހުންނާނީ ރަނގަޅަށް!

The name is already taken The name is available. Register?

ރާއްޖެތެރޭ މީހެއް

27 December 2018

މާލެއެއް ރާއްޖެތެރެއެއް ނޯންނާނެ. ގޮތްކުޑަ މީހުން ގޮތްކުޑަ. އަހަރެންގެ ކޮއްކޮ އުޅެނީ 4 ރައްޓެހިން އެކީ ރޫމެއް ނަގައިގެން. އެމީހުން ކައިރިޔަށް ވިޒުޓެއްކޮއްލާ ފަހަރަކުވެސް މީހާ ހަލާކުވާބަރުވޭ. ކޮޓަރިއެކޭ ފާހާނާއެކޭ. ސާފެއްވެސް ނުކުރޭ. ޢެވެސް ހަމަ މަ ކަހަލަ ރައްފުށު ކުދިން

The name is already taken The name is available. Register?

އަބްދުއްالله

27 December 2018

ހޫނ. މީ ބީރައްޓެހިންގެ ވެރިކަން.

The name is already taken The name is available. Register?

ޢަސްލު

27 December 2018

ސާބަހޭ މަިވާހަކައެކޭ.... މީގަ ސުރުހީއަަށް މިއޮތީ ބިރުވެރި މާލެ ދަތުރު . މީގަ ނެތް ކަންނޭގެ މާލޭ މީހުންނާ ބެހިފައެއް.. މާލޭ މީހުންކަންނޭގެ ރާއްޖެތެރޭ މީހުނަށްވުރެ ބޮޑަށް މޭކަރަނީ... ބޯހަލާކު... ޢެއްބައިވަންތަ ދިވެހިރާއްޖެ އޯ... ލުލް... ލުލް... ލުލް...

The name is already taken The name is available. Register?

މަށައް މިހާރު އޮޅިއްޖެ!

28 December 2018

މަށައް މިހާރު އޮޅިއްޖެ!! މާލެ އޮންނަނީ ރާއްޖޭގަ ނޫންކަން އަދި ކިރިޔާ މި އެނގުނޏ... ބަލަ ތިތާ ވަޒަން ވެރި ވެފަ ތި ތިބީ ހުސް އެތް އިރެއްގަ ރި ރާއްޖެތެރެޔޭ ކިޔާމީހުނޭ.... މޫދައް އެރެންވެސް ރާއްޖެތެރެޔައް ކަލޭމެން ކަހަލަ މީހުން ނައިއްޔާ ރަނގަޅުވާނީ... އެހެން ނޫނީ އެވެސް ހަޑި އަރުވާލާފަ ދާނީ... ވ ވެދުން

The name is already taken The name is available. Register?

ޔާރޭ

30 December 2018

ބަލަމިޔަކު ނުވެސް ނެތެއްނު މީ ވަކި މާލެމީހެކޭ. ތިމަންނަވެސް އުޅެނީ ކުއްޔަށޭ ބުނެފަ އެއޮތީ ތޯ. އެހެން ނޫނަސް މާލެ މީހެއްގެ ހައިސިއްޔަތުން ތިކުރި ކޮމެންޓުން އިނގެނީ ތީ ވަރަަށްވެސް ނާތަހުޒީބި ، ތަންދޮރު ނުދަންނަ މީހެއްކަން

The name is already taken The name is available. Register?

ހުސެއިން

26 December 2018

ވަރަށް ތެދު މައުލޫމާތު ވަރަށް ހަގީގަތަށް ހުރިކަމަށް ފާހަގަކުރެވެ، އަހަންނަކީ ވެސް މާލޭގާ ހައެއްކަ އަހަރު ކުދިން ބަހައްޓާ ގޭގޭގަ އުޅުން މީހެއް ވީމައެނގޭ.

The name is already taken The name is available. Register?

އެ ދޮގެއް

26 December 2018

ރަށް ފުށުގަވެސް އުޅޭ ވަރަށް މުޑުދާރު މީހުން...އެމީހެއގެ ގޮތުން އެހެން ވަނީ..ވަކި ތާކު އުޅެގެނެއްނޫން..އލަމް ކޮމެންޓްތަށޤ ވަރަށް މަޖާ ..އެ ހިތަކު ނުހުންނާނެ..ހުސް މަޖާ

The name is already taken The name is available. Register?

ޝަޒޫ ނަސީމް / ފުވައްމުލައް

26 December 2018

އަހަރެމެންނަކީ ވެސް މާލެ ނޫނަސް ކުޑައިރުއްސުރެ މާލޭގައި އުޅެ ބޮޑެތިވި މީހުން. އަހަރެމެން ދިރިއުޅޭ ގެއެއްގެ ތެރެއިން އިސްތަށްޓެއްވެސް ހޯދޭނީ ނަސީބު ރަނގަޅު މީހަކަށް. އެހާވެސް ސާފުތާހިރުކަމަށް އިސްކަންދެން

The name is already taken The name is available. Register?

މުނައްވަރު (މޮފްޓް)

26 December 2018

މަންޒަރުތައް ސިފަކޮއްދިނުން ސަޅި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454